ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ކުށްވެރިކޮށް ލަންޑަނުގެ ބޮޑެތި މަގުތަކާއި ބޮޑުވަޒީރުގެ އޮފީސް ހުންނަ ސަރަޙައްދުގެ މަގުތަކުގައި ދެ ލައްކައަށްވުރެ ގިނަބަޔަކު ރޭ މުޒާހަރާއެއް ބާއްވައިފިއެވެ. މި ބޮޑު ހިނގައިލުމުގައި ފަލަސްޠީނުގެ ދިދަ އުފުލައިގެން އިސްރާއީލާ ދެކޮޅަށް ޝިޢާރު ފާޅުކުރި މީހުން މި ހަނގުރާމައިގައި އިނގިރޭސި ވިލާތް ބައިވެރިވާތީ އެކަން ކުށްވެރިކުރިއެވެ.
މި ހިނގައިލުން އިންތިޒާމު ކުރީ އިނގިރޭސިވިލާތުގައި އޮންނަ ފަލަސްޠީނު މުންތަދާއާއި އަޤްޞާ ރަޙްމަތްތެރީންގެ ޖަމްޢިއްޔާއާއި ފަލަސްޠީނު މީހުންނާއެކު އެކަތިގަނޑަކަށް ވުމުގެ ޙަރަކާތުންނާއި އިނގިރޭސިވިލާތުގެ މުސްލިމު ލީގް ޖަމްޢިއްޔާއިންނެވެ.
މި ހިނގައިލުމުގެ ބައިވެރިން ފަލަސްޠީނުގެ ދިދަ އުފުލައިގެން ފަލަސްޠީނަށް މިނވަންކަމަށް އެދި ޝިޢާރުތައް ފާޅުކުރިއެވެ. ކުޑަކުދީންނާއި އަންހެނުންނާއި މުސްކުޅިންނަށް އަމާޒުކޮށް ޣައްޒާއަށް ދޭ އަނިޔާވެރި ޙަމަލާތައް ހުއްޓައިލުމަށް މުޒާހިރީން ގޮވައިލިއެވެ.
އިނގިރޭސި ސަރުކާރުން އިސްރާއިލަށް ދެމުންގެންދާ އެހީތައް ހުއްޓައިލުމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވައިލިއެވެ. އެމީހުން ބުނިގޮތުގައި ލަންޑަނުގެ އެހީއަކީ މަދަނީންނާ ދެކޮޅަށް ހިންގާ ޖަރީމަތަކަށް ދޭ އެހީތަކެކެވެ.
އިނގިރޭސިވިލާތުގެ ފަލަސްޠީނު މުންތަދާގެ ތަރްޖަމާން ޢަބްދުއްރަޙްމާނުއްތަމީމީ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި "ބިން ހިފައިގެން އޮތްއޮތުން ކުރިއަށްދާނަމަ އަދި އަހުރެމެންގެ ސަރުކާރުން މި ކަމަށް ވާގިވެރިވާނަމަ ޖީލުތަކަށް ހަނގުރާމައާއި ރުޅިވެރިކަމާއި އިޙްތިޖާޖު ނޫން އެއްޗެއް ނޭނގޭނެތެވެ."
އޭނާ އިތުރަށް ވިދާޅުވިއެވެ. "ފަލަސްޠީނުގެ ދިދައަކީ އުންމީދާއި މިނިވަންކަމާއި ސުލްޙަމަސަލަސްކަމުގެ ރަމްޒެވެ."
އޭނާ ބާރުލައްވައި ވިދާޅުވިއެވެ. "އިސްރާއީލުން ޣައްޒާއާއި ހުޅަނގު އައްސޭރީގައި ޢަމަލުކުރަމުންދާ ނަސްލީ އިމްތިޔާޒާއި މަޢުޞޫމު މަދަނީން މަރާމެރުމަކީ ހަނގުރާމައި ޖަރީމާތަކެކެވެ."
ފަލަސްޠީނުގެ ސަފީރު ޙުސާމު ޒަމްލަޠު މުޒާހަރާގެ ބައިވެރީންނާ މުޚާޠަބު ކުރައްވާ ދެއްވި ޚިޠާބުގައި ފަލަސްޠީނަށް ފާޅުގައި ތާއީދުކުރުމަށް ގޮވައިލެއްވިއެވެ. ދުނިޔޭގެ ސިޔާސީ އިސްވާރުންގެ ސިޔާސަތަށް ފާޑުވިދާޅުވަމުން އޭނާ ވިދާޅުވިއެވެ. "އެއީ ރަނގަޅު މަގެއް ނޫނެވެ. އެއީ ފަސޭހަ މަގެވެ."
"ޢަދްލުއިންސާފަށް މި ވަނީ ކިހިނެއްހެއްޔެވެ؟ ޤާނޫނުތައް ކޮބައިހެއްޔެވެ؟ އިންސާނިއްޔަތަށް މި ވަނީ ކިހިނެއް ހެއްޔެވެ؟ ބައިނަލްއަޤްވާމީ ޤާނޫނު ކޮބައި ހެއްޔެވެ؟" އޭނާ ވިދާޅުވިއެވެ. "ފަލަސްޠީނު ރައްޔިތުންގެ ކިފާޙަކީ ރައްޔިތަކު އެމީހުން މަރައި ހުސްކުރުމާ ދެކޮޅަށް ކުރާ ޖިހާދެކެވެ. ދެމިއޮތުމަށް ޓަކައި ކުރާ ޖިހާދެކެވެ."
ފަލސްޠީނު މީހުންނާއެކު އެކަތިގަނޑަކަށްވުމުގެ ޙަރަކާތުގެ ޑިރެކްޓަރު ބިން ޖަމާލު ވިދާޅުވިއެވެ. "އެންމެން ބޭނުންވަނީ ހަރުކަށި ޢަމަލުތައް ނިމުމަކަށް ގެނައުމަށެވެ. އެހެނަސް ހަރުކަށި ޢަމަލުތައް ނިމުމަކަށް އަންނާނީ އޭގެ އަސްލު ސަބަބުތައް ނައްތައިލެވިގެންނެވެ. އިސްރާއީލުގެ އަޅުވެތިކަމުގެ ދަށުގައި ދިރިއުޅޭ ފަލަސްޠީނު މީހުން މި ހަރުކަށި ޢަމަލުތަކުން މިނިވަންކުރެވިގެންނެވެ. ޣައްޒާގައި އިސްރާއީލުން ދެމުންގެންދާ އަނިޔާވެރި ޙަމަލާތައް ހުއްޓައިލާށެވެ. މަދަނީން މެރުން ހުއްޓާލާށެވެ!"
ފަލަސްޠީނު މުންތަދާގެ ރައީސް ޒާހިރު ބައިރާވީ ވިދާޅުވިއެވެ. "ލަންޑަނުގެ މަގުތައް މަތީގައި މިހާ ގިނަ ބަޔަކު ކުރާ މުޒާހަރާގެ މެސެޖަކީ ޣައްޒާގައި ހިންގާ ޖަރީމާތައް ހުއްޓައިލާށެވެ."
އޭނާ ވިދާޅުވިއެވެ. "މިއަދުގެ ހިނގައިލުން މި ވަނީ އިންސާނީ ޠޫފާނަކަށް ބަދަލުވެފައެވެ. ލަންޑަނުގެ މަގުތައް މަތީގައި ފަލަސްޠީނުގެ ދިދަ އުފުލާ ރާޅުތަކަކަށް ވެފައެވެ."
ފަލަސްޠީނުގެ ދިދަ އުފުލުން މަނާކުރައްވަން އިނގިރޭސި ދާޚިލީ ވަޒީރު ކުރެއްވި މަސައްކަތްޕުޅު އޭނާ ކުށްވެރިކުރެއްވިއެވެ. އެއީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އެއީ ޚިޔާލު ފާޅުކުރުމުގެ ޙައްޤާ ތަޢާރުޟުވާ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.



advertisment