Support Us

ޣައްޒާގައި އިސްރާއީލަށް ދިގު މުއްދަތަކަށް ހަނގުރާމަ ކުރެވިދާނެބާ!

އިސްރާއީލުން ރަސްމީކޮށް މިހާރު މި ވަނީ ފަލަސްޠީނާ (ޙަމާސާ) ދެކޮޅަށް ހަނގުރާމަ އިޢުލާންކޮށްފައެވެ. މިކަމަށް ޓަކައި އިސްރާއީލުގައި ވަނީ ހުރިހާ ސިޔާސީ ޕާޓިތައް ހިމަނައިގެން ހަނގުރާމައިގެ ކެބިނެޓެއް ވެސް އެކަލަވައިލައިފައެވެ. އިސްރާއީލުގެ ރިޒަރވް ބާރުގައި ހިމެނޭ ސިފައިންގެ ތެރެއިން 360 ހާސް ސިފައިން މި ވަނީ ޚިދްމަތަށް ގެނެސްފައެވެ.

ސުވާލަކީ އިސްރާއީލުގެ އިޤްތިޞާދާއި ޢާންމު ރައްޔިތުންނަށް ޚިދްމަތްދޭ އިދާރާތައް ގެއްލުންތަކަށް ހާސާނުކޮށް ކިހާ ދުވަހަކަށް މި ހަނގުރާމަ ކުރިއަށް ގެންދެވިދާނެ ހެއްޔެވެ؟ 

މި ސުވާލުގެ ސަބަބަކީ އިސްރާއީލުގެ ރިޒަރވް ބާރުގައި ހިމެނޭ ސިފައިންނަކީ ތަފާތު މަދަނީ މައިދާންތަކުގައި (ޞިނާޢަތާއި ދަނޑުވެރިކަމާއި ޢާންމު ޚިދްމަތާ ބެހޭ މައިދާނާ ގުޅޭ މަރްކަޒުތަކާއި މުއައްސަސާތަކުގައި) މަސައްކަތް ކުރާ މުވައްޒަފުންތަކެކެވެ. މި މީހުންނަށް ދިގު މުއްދަތަކަށް މި ޚިދްމަތްތަކާ ދުރަށް ދާން ޖެހިއްޖެނަމަ މި މީހުން މަސައްކަތް ކުރާ ދާއިރާތަކަށް ގެއްލުންތަކެއް ލިބިގެންދާނެކަން ކަށަވަރެވެ. 

އިސްރާއިލުގެ ލަޝްކަރުގައި ހިމެނޭ މީހުންނަށް ބަލާއިރު 65% އަކީ ރިޒަރވް ސިފައިންނެވެ. އިސްރާއީލު ހަތިޔާރު އެޅި ދައުލަތަކަށް ވަނީ މި ރިޒަރވް ބާރުލައިގެންނެވެ. އިސްރާއީލަށް ހަނގުރާމައަކާ ކުރިމަތިލާން ޖެހިއްޖެނަމަ ހަތިޔާރު އުފުލުމުގެ ޤާބިލުކަން ލިބިފައިވާ އެންމެން ހަނގުރާމައަށް ނުކުތުމަކީ އެ ދައުލަތުގެ ޤާނޫނު މަޖްބޫރުކުރާ ކަމެކެވެ. މި ޤާނޫނުން އިސްތިސްނާވެގެން ވަނީ ހަމައެކަނި ޙިބްރުންނާއި ޙާޚާމުން (ދީނީ މީހުން)ނެވެ.

އިސްރާއީލުގެ ރިޒަރވް ބާރުގައި ހިމެނޭ އެންމެންނަށް ކޮންމެ އަހަރަކު ހަނގުރާމައިގެ ތަމްރީނުތައް ދެވެއެވެ. އެއީ ސިފައިންނަށް 26 ދުވަހުގެ ތަމްރީންތަކެކެވެ. އޮފިސަރުންނަށް 24 ދުވަހުގެ ތަމްރީންތަކެކެވެ.

ހަތިޔާރުއެޅި ދައުލަތެއް

އިސްރާއީލުގެ ޢަސްކަރީ ޢަޤީދާ ބިނާވެފައި ވަނީ "ހަތިޔާރު އެޅި ދައުލަތު"ގެ ނަޒަރިއްޔަތުގެ މަތީގައެވެ. ސިފައިންގެ ޚިދްމަތަކީ އަންހެނުންނަށާއި ފިރިހެނުންނަށް މަޖްބޫރު ކަމެކެވެ. އެއީ 8.9 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިސްރާއީލަށްވުރެ   އަވަށްޓެރި ޢަރަބިންގެ ބޮލުގެ ޢަދަދު މާ ގިނަކަމުންނެވެ. މިސާލަކަށް މިޞްރުގެ އާބާދީއަކީ 105 މިލިއަނެވެ. އެހެންކަމުން މިޞްރުގެ ލަޝްކަރުގެ ޢަދަދު މާ ބޮޑުވާނެއެވެ. މިހެންވެ މި އުނިކަން ފޫބެއްދުމަށް ޓަކައި އިސްރާއީލުން އެތާނގެ އެންމެންނަށް ޢަސްކަރީ ތަމްރީނު ދެއެވެ. އެމެރިކާގެ ގްލޯބަލް ފަޔަރ ޕަވަރ ބުނާގޮތުގައި އިސްރާއީލުގެ ސިފައިންގެ ޢަދަދަކީ 173 ހާހެވެ. ރިޒަރވް ބާރަކީ 465 ހާހެވެ. މީގެ މާނައަކީ ޣައްޒާގެ 2.2 މިލއަން ރައްޔިތުންނާ ހަނގުރާމަ ކުރުމަށް ޓަކައި އިސްރާއީލުގެ މުޅި ލަޝްކަރުގެ ހަތަރު ބައިކުޅަ ތިންބައި ނެރެފިއެވެ. ރިޒަރވް ބާރުގައި ނުހިމެނޭ ސިފައިން މި ޢަދަދަށް އިތުރުކޮށްފިނަމަ އިސްރާއީލުން ޙަމާސާއި އިސްލާމީ ޖިހާދާ ކުރިމަތިލުމަށް ނެރޭ ސިފައިންގެ ޢަދަދު ބައި މިލިއަނަށް އިތުރުވެގެންދާނެއެވެ. މި ދެ ޖަމާޢަތަށް ޖުމްލަ އެއްކުރެވޭނީ ވިއްސަކަށް ހާސް މުޖާހިދުންނެވެ. 

ޢަދަދުގެ އިތުރަށް އިސްރާއީލު އަތުގައި ހުރި ހަތިޔާރަށް ބަލާއިރު ތަފާތުގެ ބޮޑުކަން ތަޞައްވުރުކޮށްލަން ދަތިކަމަކަށް ނުވާނެއެވެ. އިސްރާއީލަކީ ދެކޮޅު ހެދިޔަސް ހާމަނުކުރިއަސް ނިޔުކްލިއަރ ބާރެކެވެ. އެއީ އެންމެން ވެސް އެއްބަސްވާ ގޮތުގައި މި ސަރަޙައްދުގެ އެންމެ ބާރުގަދަ ލަޝްކަރެވެ. 

އިސްރާއީލުން ތެޅިގަނެގެން ޙަމާސާއި އިސްލާމީ ޖިހާދާ (ނިސްބަތުން ވަރަށް ކުޑަ ބާރެއް) ހަނގުރާމަ ކުރުމަށް ޓަކައި މިހާ ބޮޑު ލަޝްކަރެއް މި ނެރުނީ ކީއްވެގެން ބާވައެވެ؟

ބައެއް ރިޕޯޓުތަކާއި ތަޙްލީލުތަކުން މި ސުވާލުގެ ޖަވާބު ލިބެއެވެ. އަޤްޞާ ޠޫފާނަކީ އިސްރާއީލު ސިއްސުވައިލި ޙަމަލާއެކެވެ. އިސްރާއީލުގެ ޢަސްކަރީ ހައިބަތު ވެއްޓިގެން ދިޔަ ޙަމަލާއެކެވެ. އެހެންކަމުން މި ހައިބަތު އަނބުރާ ހޯދަން އެބަޖެހެއެވެ. ސަރަޙައްދީ ބޮޑު ބާރެއްކަން ސާބިތުކުރަން އެބަޖެހެއެވެ. މެދު ކަނޑައިނުލާ ޣައްޒާއަށް ޙަމަލާދެމުން ބޮންތައް އޮއްސަމުން، ޣައްޒާ ތަޅުލައި ބަނޑަށް ޖައްސަމުން މި ދަނީ މިހެންވެގެންނެވެ. 

ކިހާ ދުވަހަކަށް ހަނގުރާމަ ކުރިއަށް ގެންދެވިދާނެބާ!

ހަނގުރާމައާ ބެހޭ އިސްރާއީލުގެ މަސްއޫލުވެރީން ބުނާގޮތުގައި  އަޤްޞާ ޠޫފާނުގައި ޔަހޫދީ އާބާދީތަކަށް ވަތް ޙަމާސުގެ މުޖާހިދުން ތަޅައި މަރައި ސާފުކުރުމަކުން ނުފުދޭނެއެވެ. އޭގެ ބަދަލުވެސް ހިފަން ޖެހޭނެއެވެ. ޙަމާސުންނާއި އިސްލާމީ ޖިހާދުން އަސީރުކުރި އިސްރާއީލު މީހުން ވެސް މިނިވަންކުރަން ޖެހޭނެއެވެ. އެހެނަސް އިސްރާއީލުން ޣައްޒާއަށް އަރައި ފަލަސްޠީނުގެ މުޖާހިދުންނާ ކުރިމަތިލާން ބިރުގަނެއެވެ. ސުން ދުރުމިނެއްގައި ހިނގާ ކުރިމަތިލުންތަކުގައި އިސްރާއީލު ސިފައިންނަށް ރަގަނޅު  ނަތީޖާއެއް ޙާޞިލްކުރަން ދަތިވާނެތީއެވެ. ފަލަސްޠީނުގެ މުޖާހިދުން ތިބީ ވަޠަނަށް ޓަކައި ޝަހީދުވާން ތައްޔާރުވެގެންނެވެ. އެމީހުން ދެކޭގޮތުގައި އެމީހުންނަށް ނަޞްރު ލިބުނަސް ޝަހީދުވިޔަސް އެއީ ކާމިޔާބީއެވެ. މިއާ ޚިލާފަށް އިސްރާއީލީން މަރުދެކެ ބިރުގަނެއެވެ. 

އިސްރާއީލުން މަސައްކަތް ކުރަނީ ޣައްޒާގެ އުތުރު ފަރާތް ހުސްކޮށް އެބިމަށް ވެރިވެގަތުމަށެވެ. އެއަށްފަހު ދެކުނު ފަރާތަށް ޙަމަލާދިނުމަށެވެ. ޣައްޒާގައި 2014ގައި ހިނގި ކުރިމަތިލުންތައް 50 ދުވަހަށް ކުރިއަށް ގޮސްފައިވެއެވެ. އަދި ލުބްނާނުގައި 2006 ގައި ކުރި ހަނގުރާމަ 34 ދުވަހަށް ކުރިއަށް ގޮސްފައިވެއެވެ.

ޙާލަތު ތަފާތު

މުޙައްލިލުން ވިދާޅުވާ ގޮތުގައި މިހާރުގެ ޙާލަތު ވަރަށް ތަފާތެވެ. މިއީ އިސްރާއީލުން ހަނގުރާމަ އިޢުލާންކޮށްގެން ކުރާ ހަނގުރާމައެކެވެ.

އިސްރާއީލުން ބޭނުންވަނީ ޙަމާސާއި އިސްލާމީ ޖިހާދު ޖަމާޢަތާއި އެހެނިހެން ޖިހާދީ ޖަމާޢަތްތައް މުޅިން ނައްތައިލާށެވެ. ޣައްޒާގެ ބިމުން ބޮޑު ބައެއް އިސްރާއީލަށް ނަގައި ފަލަސްޠީނު މީހުންނަށް އޮތް ތަންކޮޅު ކުޑަކޮށްލާށެވެ. ދެ ދައުލަތުގެ ޙައްލުގެ ވާހަކަ ވަޅުލާށެވެ! ފަލަސްޠީނު މީހުން ނެތް ބަޔަކަށް ހަދާށެވެ! ފަލަސްޠީނުގެ މުޅި ބިން އިސްރާއީލަށް ބަންޑާރަ ކުރާށެވެ! 

މި ކަންތައް ކުރެވޭނީ އެއްގަމުގެ ހަނގުރާމައަކުންނެވެ. އެއްގަމުގެ ހަނގުރާމައަށް ބަލާއިރު އިސްރާއީލުގެ ސާބިތުކަމާއި ހިތްވަރަށްވުރެ ފަލަސްޠީނީންގެ ސާބިތުކަމާއި ހިތްވަރު މާ ގަދައެވެ.ކުރީގެ ހަނގުރާމަތަކުގައި އިސްރާއީލަށް ޢަރަބީންގެ ބިންތަކުން ފައިބަން ޖެހުނީ އިސްރާއީލަށް ހިފަހައްޓައި ނުލެވިގެންނެވެ. 

މީގެ އިތުރަށް ޢަރަބީން ވެސް ތިބީ ކަޅި އަޅައިގެންނެވެ. ފަލަސްޠީނުގެ ބިން ގެއްލިގެންދާއިރު ޢަރަބީން ވެސް މަޑަކުން ނުތިބޭނެއެވެ. ސަރަޙައްދީ ބޮޑު ހަނގުރާމައަކަށް ފުރޮޅިގެން ހިނގައިދާނެއެވެ.

އިސްރާއީލާއެކު ގުޅުން ޤާއިމުކޮށްފައިވާ ޢަރަބި ޤައުމުތަކުން މި ގުޅުން ކަނޑައިލައިފާނެކަމުގެ ބިރުވެސް އެބަ އޮތެވެ. އެހެންކަމުން އެންމެ ގެއްލުންބޮޑު ފަރާތަކަށް އިސްރާއީލު ވެދާނެއެވެ.

މީގެ އިތުރަށް ބައިނަލްއަޤްވާމީ ބާރުތައް ވެސް ޙަރަކާތްތެރި ނުވެއެއް ނޯންނަނެއެވެ. މިއަދު އެމެރިކާއަށާއި ހުޅަނގަށް ގޮންޖެހޭވަރުގެ އެހެން ބާރުތައް ވެސް އެބަ އޮތެވެ. މިއަދު ސަލާމަތީ މަޖިލިސް ވަގަކަށް ނަގައިގެން އިސްރާއީލަށް ބޭނުންވާ ޤަރާރުތަކެއް ފާހެއް ނުކުރެވޭނެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް