ޣައްޒާގެ މެދުތެރޭގައި އޮންނަ ދައިރުލްބަލަޙުގައި މީހުން އުޅޭ ސަރަޙައްދަކަށް ބޮންއަޅައި އިސްރާއީލުން އައު ޤަތުލުޢާންމެއް މިއަދު ހިންގައިފިއެވެ.
ޣައްޒާގެ މީޑިއާ ޑިރެކްޓަރ މާޖިދު ކައްލޫބު ހާމަކުރެއްވި ގޮތުގައި މިއަދުގެ ޤަތުލުޢާންމުގައި ގިނައިން ޝަހީދުވެފައި ވަނީ ކުޑަކުދިންނާއި އަންހެނުންނެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އެތައް ހަށިގަނޑުތަކެއް މަގުމަތީގައްޔާއި ވެއްޓިފައިވާ ޢިމަރާތްތަކުގައި ދަށުގައި ވެފައި ވެއެވެ.
އޭނާ ވިދާޅުވިގޮތުގައި ދައިރުލް ބަލަޙުގެ ޤަތުލުޢާންމުގައި އިސްރާއީލުން ބޮންއަޅައި ޒަޚަމުކޮށްލައިފައިވާ މީހުންނަށް ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް އެބަ ދެއެވެ. އޭނާ އަރަބި އިސްލާމީ ދުނިޔޭގެ މީހުންނަށް ޣައްޒާއަށް އެހީވުމަށް ގޮވައިލެއްވިއެވެ.
އަޤްޞާ ޠޫފާނުގެ އަށްވަނަ ދުވަހާ ހަމައަށް އިސްރާއީލުން ޣައްޒާއަށް ބޮން އޮއްސަން ފެށުމުގެ ސަބަބުން ޣައްޒާއިން ޝަހީދުވި ޢަދަދު މިހާރުވަނީ 1،900 އަށް އިތުރުވެފައެވެ. ޒަޚަމުވީ މީހުންގެ ޢަދަދުވަނީ 7،696 އަށް މައްޗަށް ގޮސްފައެވެ. ޒަޚަމުވެފައި މީހުންނަށް ބޭސްފަރުވާ ދިނުމަށް ބޭނުންވާ ހަސްފަތާލާއި ބޭސް ނެތުމުގެ ސަބަބުން ދުނިޔެ ދޫކުރާ މީހުންގެ ޢަދަދު އިތުރުވަމުންދާނެ ކަމަށް ޚަބަރު ލިބެއެވެ.
އަނެއްކޮޅުން ބަލާއިރު އިސްރާއީލުން ދިން އިންޒާރާ އެއްގޮތްވާ ގޮތުގެ މަތިން ރެފިއުޖީންނާ ބެހޭ އދގެ ޖަމްޢިއްޔާ އޮންރުވާގެ މުވައްޒަފުން މިއަދު ޣައްޒާގެ އުތުރުން ފައިބައިގެން ދެކުނަށް ހިނގައްޖެއެވެ. ފަލަސްޠީނުގެ މީޑިއާއާ ބެހޭ އޮފީހުން މިކަން މިއަދު ކުށްވެރި ކުރިއެވެ. އެއީ އެމީހުންގެ ވާޖިބުތައް އަދާނުކޮށް އިސްރާއީލުގެ ބަސްއަހައިފައިވާތީއެވެ.
ފަލަސްޠީނުގެ ބިންތަކުގައި ފަލަސްޠީނުގެ ސަފުތައް އެކަތިގަނޑަކަށް ވެފައިވާކަން ފަލަސްޠީނުގެ ޖިހާދީ ޖަމާޢަތްތަކުން މިއަދު އިޢުލާންކޮށްފިއެވެ. އެބައިމީހުންނަށް އިސްރރާއީލާދެކޮޅަށް ޖިހާދު ކުރުމުގެ ޙައްޤު ލިބިފައިވާ ކަމަށް ބުންޏެވެ. ޣައްޒާއަށް އަދާކޮށްދޭން ޖެހޭ ޤާނޫނީ އަދި އަޚްލާޤީ ވާޖިބުތައް އަދާކުރުމަށް މި ޖަމާޢަތްތަކުން އދ އަށާއި ރެޑް ކްރެސެންޓް ޖަމްޢިއްޔާތަކަށް ގޮވައިލިއެވެ.
މި ޖަމާޢަތްތަކުން މިޞްރުގެ ރައީސް ސީސީއަށް ޣައްޒާގައި ޒަޚަމުވަމުންދާ މީހުންތަކަށް މިޞްރުގެ ހަސްފަތާލުތަކުގައި ފަރުވާ ދިނުމަށް ޓަކައި މިޞްރަށް ވަދެވޭނެގޮތް ހައްދަވައިދެއްވުމަށް ވެސް ގޮވައިލިއެވެ.

މަގުމަތިވެފައިވާ މީހުން
ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީވާ އދގެ އޭޖެންސީގެ ޣައްޒާ މުޝީރު ވިދާޅުވާގޮތުގައި އިސްރާއީލުން ޣައްޒާއަށް ބޮންއަޅައި ޢިމާރާތްތައް ވައްޓައިލުމުގެ ސަބަބުން މަގުމަތިވެފައިވާ އެތައް ބަޔަކު ނިދަމުންދަނީ މަގުމަތީގައެވެ. ހަސްފަތާލުތަކަށް އިންޒާރު ދިނުން ހުއްޓައިލުމަށާއި ހަސްފަތާލުތަކަށް ފެނާއި ކަރަންޓް ދިނުމަށް އޭނާ އިސްރާއީލަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ހަސްފަތާލެއް ހުއްޓަސް އަދި ޑަކްޓަރުން ތިއްބަސް ކަރަންޓާއި ފެނާއި ބޭސް ނުލިބޭނަމަ ފަރުވާއެއް ނުދެވޭނެއެވެ.
އެމެރިކާ މީހުން މިޞްރަކަށް ނުވެއްދި
އަނެއްކޮޅުން ސްކައި ނިވްޒް ބުނާގޮތުގައި ޣައްޒާއިން މިޞްރަށް ވަންނަން ދިޔަ އެމެރިކާ މީހުންނަށް މިޞްރަށް އެތެރެވުމުގެ ހުއްދަ މިޞްރަކުން ނުދިނެވެ. މިޞްރުން ބުނާގޮތުގައި އެމީހުންނަށް ހުއްދަ ދެވޭނީ އިސްރާއީލުން ޣައްޒާއަށް ޖައްސައިފައިވާ ލާއިންސާނީ ޙާލަތަށް ލުޔެއް ގެނެސްދިނުމާ ބެހޭގޮތުން މިޞްރާއެކު އެއްބަސްވުމެއް ހެދުމުންނެވެ. މިޞްރުން ބުނާގޮތުގައި ޣައްޒާގައި ތިބި އެމެރިކާގެ ރައްޔިތުކަން ލިބިފައިވާ މީހުންނަށް މިޞްރުގެ ރަފަޙު މަގުން މިޞްރަށް އެތެރެވެވޭނީ ޣައްޒާއަށް އިންސާނީ އެހީތައް ވައްދަން ހުއްދަ ދޭނަމައެވެ. ސްކައި ނިވްޒް ބުނާގޮތުގައި އެމެރިކާގެ ރައްޔިތުންނަށް މިޞްރަށް ވަނުމުގެ ހުއްދަ ނުދިނުމުން އެމީހުން ވަނީ އަނބުރާ ޣައްޒާއަށް ގޮސްފައެވެ.



advertisment