އިސްރާއީލާއެކު ގުޅުންތައް ޠަބީޢީކުރުމުގެ މަސައްކަތް ގަނޑުކުރުމަށް ސުޢޫދީ ޢަރަބިއްޔާއިން ގަސްތުކޮށްފިއެވެ.
ދެ މަޞްދަރަކާ ޙަވާލާދީ ރޮއެޓަރޒް ބުނާގޮތުގައި އެއީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އަނިޔާވެރި ޢުދްވާނާ ހެދި ރިޔާޟުގެ ޚާރިޖީ ސިޔާސަތުގެ އައުލަވިއްޔާތުތަކަށް ބަދަލުއައުމުންނެވެ.
ރޮއެޓަރޒް ބުނާގޮތުގައި އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރުމާ ބެހޭގޮތުން ރިޔާޟާއި ވޮޝިންގްޓަނާ ދެމެދުގައި ބާއްވަން ހަމަޖެހިފައިވާ ވާހަކަދެއްކުންތައް ފަސްކުރެވޭނެއެވެ. މި ދެ މަޞްދަރު ބުނިގޮތުގައި މި ވާހަކަދެއްކުންތައް އަލުން ފެށޭކަށް ނެތެވެ. މި ވާހަކަދެއްކުންތަކުގައި އިސްރާއީލުން ތަނާޒުލުވާންޖެހޭ ކަންތައް ކުރިއަށްވުރެ އިތުރުވެގެންދާނެއެވެ.
މި ދެ މަޞްދަރު ބުނިގޮތުގައި ވޮޝިންގްޓަނުން ރިޔާޟުގެ ކިބައިން މި ހަފުތާގައި ޙަމާސްގެ ޙަމަލާ ކުށްވެރިކުރުމަށް އެދުނެވެ. އެހެނަސް ސުޢޫދީ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރަޙާން ވަނީ އެކަމާ ދެކޮޅު ހައްދަވައިފައެވެ.
އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސޮލިވާން ގުޅުންތައް ޠަބީޢީކުރުމުގެ މަސައްކަތަށް ހުއްޓުމެއް ނާންނަކަމަށް ވިދާޅުވިއެވެ. އެހެނަސް އިސްކަންދޭންޖެހޭ އެހެން ކަންތައްތަކެއް ކުރިމަތިވުމުން ފަސްކުރީއެވެ.
ސަލްމާން ރައީސީއާ ގުޅުއްވުން
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އަނިޔާވެރި ޙަމަލާތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށް ޓަކައި ސުޢޫދީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާން އީރާނުގެ ރައީސް އިބްރާހީމް ރައީސީ އާ ރޭ ފޯނުން ގުޅުއްވިއެވެ. މިއީ ބިން ސަލްމާން އީރާނުގެ ރައީސާ ގުޅުއްވި ފުރަތަމަ ފަހަރެވެ.
ސުޢޫދީން މި ބައްދަލު ކުރެއްވުމާ ބެހޭގޮތުން ނެރުނު ބަޔާން ބުނާގޮތުގައި "މެދުކެނޑުމެއްނެތި ހޫނުވުން އިތުރުވަމުންދާ ހޫނުވުން ހުއްޓުވުމަށް ޓަކައި ސުޢޫދީން ދަނީ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ހުރިހާ ފަރާތްތަކަކާ ގުޅަމުންނެވެ." މިއަށްވުރެ އިތުރު އެއްޗެއް ސުޢޫދީއަކުން ނުބުނެއެވެ.
އީރާނުގެ މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި ދެބޭފުޅުންގެ ބައްދަލުކުރެއްވުމުގެ އަމާޒަކީ ފަލަސްޠީނަށް އެހީވުމާއި ހަނގުރާމަ ފުޅައުވެގެން ދިޔުން ހުއްޓުވުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމެވެ.



advertisment