ޙިޒްބުﷲ އޮތީ ތައްޔާރަށް ކަމަށާއި ވަގުތު ޖެހުމުން އިސްރާއީލާ ދެކޮޅަށް ނުކުންނާނެ ކަމަށް ޙިޒްބުﷲ ޖަމާޢަތުގެ އަމީން ޢާންމުގެ ނައިބު ނަޢީމު ޤާސިމު މިއަދު ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވިގޮތުގައި ޢިބްރީ ދައުލަތާ ޙަމަސާ ދެމެދުގައި ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް ވަންނަން ޖެހިއްޖެނަމަ ޙިޒްބުﷲ ވަންނާނެއެވެ.
ފަރަންސޭސި ނޫސް އޭޖެންސީ ބުނިގޮތުގައި ޤާސިމު މި މޭރުމުން ވާހަކަފުޅު ދެއްކެވީ ބައިރޫތުގެ ދެކުނު ރަށްބޭރުގައި ޙިޒްބުﷲއިން މިއަދު ބޭއްވި ފަލަސްޠީނަށް ތާއީދުކުރުމުގެ ބޮޑު މުޒާހަރާގެ ތެރޭގައެވެ.
"ޙިޒްބުﷲއަށް އެ ޖަމާޢަތުގެ ވާޖިބުތައް ރަނގަޅަށް އެނގެއެވެ. އަހުރެމެން މިތިބީ ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ." އޭނާ ވިދާޅުވިއެވެ. "ޙިޒްބުﷲއިން ކުރިމަތިލުމުގައި ޙިއްޞާ ވާނީ އަހުރެމެންގެ ރޭވުމާއި އަހުރެމެންގެ މާރެހާ އެއްގޮތަށެވެ. އަހުރެމެން މިދަނީ ޢަދުއްވުންގެ ފިޔަވަޅުތަކަށާއި ޙަރަކާތްތަކަށް ބަލަމުންނެވެ. ވަގުތު ޖެހުމުން އަހުރެމެން ނުކުންނާނަމެވެ."
ޙިޒްބުﷲގެ އަމީން ޢާންމުގެ ނައިބު ޤާސިމު އޭނާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އިސްރާއީލުން ދަނީ އެންމެ އަނިޔާވެރި ބާވަތްތަކުގެ ޤަތުލުތައް ހިންގަމުންނެވެ. އެމީހުން ދަނީ ދާދިވަރުކޮށް ފަލަސްޠީނު މީހުން މަރަމުންނެވެ. އެއީ ޝަހީދުންނެވެ. ޣައްޒާގައި އިސްރާއީލުން ކުރަމުން އެ ދަނީ ހަނގުރާމެއެއް ނޫނެވެ. އެހެނަސް އެ މީހުން ހިންގަމުން އެދަނީ ނިރުބަވެރި ޖަރީމާތަކެކެވެ."
އޭނާ ވިދާޅުވި ގޮތުގައި "އަޤްޞާ ޠޫފާނުގެ ސަބަބުން އިސްރާއީލުގެ ނިކަމެތިކަން ދުނިޔެއަށް ހާމަވެއްޖެއެވެ. އެމެރިކާ ކައިރިއަށް ގޮސް ރޯތަން ފެނޭ ނޫންހެއްޔެވެ؟ ހުޅަނގުގެ ވާގިވެރީންގެ ގާތަށްގޮސް ސަލާން ޖަހާތަން އެބަ ފެނޭނޫންހެއްޔެވެ؟"



advertisment