އެމެރިކާ ވަނީ ފަލަސްޠީނު- އިސްރާއީލު މަސްއަލައިގެ ޙައްލު މޮނޮޕޮލީކޮށްފައި ކަމުގައި ރޫސީ ރައީސް ވްލެޑްމީރު ޕޫޓިން ވިދާޅުވެއްޖެއެވެ.
ޕޫޓިން ވިދާޅުވިއެވެ. "ވޮޝިންގްޓަނުން ވަނީ ފަލަސްޠީނު– އިސްރާއީލު މަސްއަލަ ޙައްލުކުރުން މޮނޮޕޮލީކޮށްފައެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ތާރީޚީ ޙައްޤުތައް މަތިން ވަނީ ހަނދާން ނައްތައިލައިފައެވެ."
ޕޫޓިން ވަނީ ހަނގުރާމަ ހުއްޓައިލުމަށް އިސްރާއީލަށާއި ޙަމާސަށް ގޮވައިލައްވައިފިއެވެ. ޕޫޓިން ވިދާޅުވިގޮތުގައި އިސްރާއީލުން ޣައްޒާއަށް އަރައި ކުރާ ކޮންމެ ހަނގުރާމައެއްގައި އޮހޮރިގެންދަނީ މަޢުޞޫމު ޢާންމުންގެ ލޭތަކެކެވެ. އެހެންކަމުން ސަމާލުކަންދޭންވީ ހަނގުރާމަ ހުއްޓައިފައި ޞުލްހަ ޤާއިމުކުރުމަށް ޓަކައި ވާހަކަދެއްކުމަށެވެ.
އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުގެ ޢަސްކަރިއްޔާއިން އެއްގަމުގައި ޙަމަލާތައް ދޭން ފަށައިފިނަމަ އެކަމުގެ އަސަރު އިސްރާއީލަށް ވެސް ވަރަށް ބޮޑަށް ކުރާނެއެވެ.



advertisment