Support Us

ޙަމާސުން އަސީރުކޮށްފައިވާ އެމެރިކާ މީހުންގެ މަސްއަލަ އެމެރިކާއަށް ލިބިފައިވާ ޚިޔާރުތަކަކީ ކޮބާ؟

އެމެރިކާގެ ރައީސް ޖޯ ބައިޑްންގެ އިދާރާއިން އިސްރާއީލަށް ސިޔާސީގޮތުންނާއި ޑިޕްލޮމެޓިކު ގޮތުންނާއި ޢަސްކަރީ ގޮތުން ވާގިވެރިކަމާއި މަދަދު ފޯރުވަމުންދާއިރު އެމެރިކާގެ ސަލާމަތީ ބާރުތަކުން އިސްރާއީލަށް ހަތިޔާރު އޮއްސަމުން މަތިންދާބޯޓު އުފުލާ މަނަވަރުތަކާއި ސިފައިން ފޮނުވުމުގެ މަސައްކަތް ކުރާތަން ފެނެއެވެ. 

މި މަސައްކަތްތަކާ ފަރަލިކޮށް ފަރުދާގެ އަނެއް ފަރާތުގައި ޣައްޒާގައި އަސީރުކޮށްފައި ތިބި އެމެރިކާ މީހުންނާ ބެހޭ މަޢުލޫމާތު ޖަމާކުރުމުގެ މަސައްކަތް ޙަމާސް ޖަމާޢަތާއެކު ގުޅުން ބަދަހި ތުރްކީއާއި ޤަޠަރާއި މިޞްރު ފަދަ ޤައުމުތަކާއެކު ވާހަކަދައްކައިގެން އެމެރިކާއިން ކުރަމުންދާތަން ފެނެއެވެ. އެމީހުން މިނިވަންކުރުމަށް ޓަކައި ކުރެވެން އޮތް މަސައްކަތްތަކަކީ ކޮބައިތޯ ބަލަމުން ދެއެވެ.

ސީއެންއެން އިޝާރާތް ކުރާގޮތުގައި ރަހީނުންގެ މަސްއަލައާއެކު މުޢާމަލާތު ކުރުމުގައި އިސްރާއީލަށް ވާގިވެރިވާނެ އެމެރިކާގެ ޚާއްޞަ ޓީމެއް ވޮޝިންގްޓަނުން ވަނީ ފޮނުވައިފައެވެ. އެއީ ޖާސޫސީ މަޢުލޫމާތު ބަދަލުކުރުމަށާއި އިސްރާއީލުގެ ޖާސޫސީ އިދާރާއާއެކު މަޝްވަރާކުރުމަށް ޓަކައެވެ.

އެމެރިކާގެ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ތަރްޖަމާން ޖޯން ކަރބީ ވައިޓް ހައުސްގައި އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވަމުން ހާމަކުރެއްވިގޮތުގައި އަޤްޞާ ޠޫފާނުގައި އެމެރިކާގެ 22 މީހަކު މަރުވެފައި ވެއެވެ. އަދި 17 މީހުން ގެއްލިފައި ވެއެވެ. މި މީހުން ޙަމާސްގެ އަސީރުންގެ ތެރޭގައި ހިމެނިދާނެއެވެ. 

ރަހީނުންނާ ބެހޭ 1868 ވަނަ އަހަރުގެ ޤާނޫނު

އެމެރިކާގެ އޭރުގެ ރައީސް އެންޑްރޫ ޖެކްސަން 1868 ގައި ތަޞްދީޤު ކުރެއްވި ޤާނޫނު ބުނާގޮތުގައި އެމެރިކާގެ ރައްޔިތެއްގެ މިނިވަންކަން ބޭރު ޤައުމަކުން ނިގުޅައިގަތްފިކަން އެމެރިކާގެ ރައީސަށް އެނގިވަޑައިގެންފިނަމަ އެ ސަރުކާރަކާއެކު ވާހަކަފުޅު ދައްކަވައިގެން އޭނާ ޖަލަށްލީ ކީއްވެގެންތޯ ބައްލަވައި އޭނާ ޖަލަށް ލީ ޤާނޫނާ ޚިލާފަށްނަމަ އޭނާ ދޫކޮށްލުމަށް އެދިވަޑައިގަންވަން ޖެހޭނެއެވެ. އޭނާ ދޫކޮށްލުން ލަސްކޮށްފިނަމަ ނުވަތަ ދޫކޮށްލުމާ ދެކޮޅު ހަދައިފިނަމަ ހަނގުރާމައިގެ ދަރަޖައަށް ނުދާ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރައްވައިގެން އޭނާ މިނިވަން ކުރެއްވުމަށް ޓަކައި ފިޔަވަޅު އަޅުއްވަން ޖެހިވަޑައިގަންނަވާނެއެވެ. 

އެމެރިކާގެ ޤާނޫނީ މާހިރުން ވިދާޅުވާ ގޮތުގައި ޙަމާސް ޖަމާޢަތާއި ފަލަސްޠީނު ސަރުކާރަކީ ބިދޭސީ ދެ ސަރުކާރެވެ. 

ވޮޝިންގްޓަނަށް ލިބިފައި ޚިޔާރުތައް

ބާރުގެ ބޭނުންކޮށްގެން އެމެރިކާގެ ރަހީނުން މިނިވަންކުރުމުގައި އެމެރިކާއަކީ ހިތި ތަޖްރިބާތަކެއް ކޮށްފައިވާ ޤައުމެކެވެ. އީރާނުގެ އިސްލާމީ އިންޤިލާބީ ވިދިގެން އީރާނުން އެމެރިކާގެ 52 މީހުން ރަހީންކޮށް 444 ދުވަހަށް ހިފެހެއްޓިއެވެ.

އެމެރިކާއިން 1980 ގެ އެޕްރީލުގައި މި ރަހީނުންތައް މިނިވަން ކުރެވޭތޯ އީރާނަށް ޙަމަލާއެއް ދިނެވެ. މި ޙަމަލާގައި އީރާނުގެ ޞަހަރާތެރެއަށް އެމެރިކާގެ ހެލިކޮޕްޓަރެއް ވެއްޓި އެމެރިކާގެ އަށް ސިފައިން ވަނީ މަރުވެފައެވެ. ރައީސް ޖެމީ  ކާޓަރަށް ރިޔާސީ އިންތިޚާބު ދެވަނަ ދައުރު ނާކަމިޔާބުވީ މި ކަމުގެ ސަބަބުންނެވެ.

ވަރޖީނިޔާގެ ޖޯރޖް މޭސަން ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމުގައިވާ ޖެރެމީ މެޔަރ ވިދާޅުވާގޮތުގައި ޙަމާސުން ހިފަހައްޓައިފައި ތިބި އެމެރިކާގެ ރަހީނުންގެ މަސްއަލައިގައި އެމެރިކާއަށް ޚިޔާރުތަކެއް ނެތެވެ. ކޮންމެ ސިފައެއްގައި ވިޔަސް ޙަމާސާއެކު އެމެރިކާ ވާހަކަދެއްކުމަކީ "ނިރުބަވެރީންނާއެކު" މުޢާމަލާތު ކުރުމެވެ. 

ލުބްނާނުގައި ޙިޒްބުﷲއިން ހައްޔަރު ކުރި އެމެރިކާ މީހުންގެ މަސްއަލައިގައި ރައީސް ރޭގަން އީރާނާއި ޙިޒްބުﷲއާއެކު ވާހަކަދެއްކުންތައް ބޭއްވެވުމުގެ ސަބަބުން އޭނާގެ ވެރިކަން ނުވެއްޓުނީ ހަމަ ކިރިޔާއެވެ.  

މެޔަރ ވިދާޅުވިއެވެ. "އަހުރެމެން ވަކިން ވާހަކަދެއްކުންތައް ބާއްވައިފިނަމަ އިސްރާއީލު ރުޅި އަންނާނެތެވެ. އެމީހުންނާ ދެކޮޅަށް އަހުރެމެން މަސައްކަތް ކުރާކަމަށް ތުހްމަތު ކުރާނެތެވެ." 

ސީއެންއެން ތުހްމަތު ކުރާގޮތުގައި ޣައްޒާގައި ތިބި ފަލަސްޠީނު އެމެރިކާ މީހުން ޣައްޒާއިން ބޭރަށް ދިޔުމަށް މަސައްކަތް ކުރިއެވެ. އެހެނަސް ޤުދްސުގައި ހުންނަ އެމެރިކާ އެންބަސީން އެމީހުންނަށް އެއްވެސް އެހީއެއް ނުވިއެވެ. 

މެޔަރ ވިދާޅުވާ ގޮތުގައި ޣައްޒާގައި ތިބި އެމެރިކާ މީހުންނަށް މާ ބޮޑު އަޅައިލުމެއް ލިބޭނެކަމަކަށް ނުފެނެއެވެ. އެހެނަސް އިސްރާއީލުގެ އެތެރޭގައި ތިބި އެމެރިކާ މީހުންނަށް އެމެރިކާގެ އަޅައިލުން ލިބޭނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް