"މެދުއިރުމަތީގެ އަރާރުމުގެ ހޫނު ފިޔަވަހި" ނިމުމުން ހުރިހާ އެންމެ ވެސް ސަމާސާކަނޑައިފާ ފަލަސްޠީން ދައުލަތް ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށް މޮސްކޯ އުންމީދުކުރާ ކަމަށް ރޫސީ ޚާރިޖީ ވަޒީރު ސަރްގީ ލެވްރޯވް ވިދާޅުވެއްޖެއެވެ.
ޤިރްގިސްތާނުގެ ވެރިރަށް ބިޝްކެކްގައި މިނިވަން ޤައުމުތަކުގެ ޖަމާޢަތުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށްފަހު ނޫސްވެރީންނާ ބައްދަލު ކުރައްވާ ލެވްރޯވް ވިދާޅުވިއެވެ. "އަހުރެމެން އުންމީދުކުރަނީ މި އަރާރުން ވަރަށް އަވަހަށް ނިމިގެންދާނެ ކަމަށެވެ. އެކަމަށް އަހުރެމެން ގޮވައިލަމެވެ. އދ އިން އެއްބަސްވެފައިވާ ފަލަސްޠީނުގެ ދައުލަތެއް ޤާއިމު ކުރުމަށް ޓަކައި ސަލާމަތީ މަޖިލީހުގެ ޤަރާރުތައް ޒިންމާދަރުކަމާއެކު ތަންފީޒުކުރުމަށް ސަމާސާ ކަނޑައިފައި ތެދުވުމަށް އަހުރެމެން ގޮވައިލަމެވެ."
ރޫސީ ރައީސް ޕޫޓިން އިއްޔެ ވަނީ އިސްރާއީލާއި ފަލަސްޠީނު އަވަހަށް ވާހަކަދެއްކުންތައް ފެށުމަށް ގޮވައިލައްވައިފައެވެ. ރައީސް ޕޫޓިން ވިދާޅުވިގޮތުގައި އަރާރުން ފުޅައުވެގެން ދިޔުން ހުއްޓުވުމަކީ "ޟަރޫރަތެކެވެ."
ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި ޑިޕްލޮމަސީއަށް ބަރޯސާވުމަށް ރައީސް ޕޫޓިން ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "އެންމެންނަށް މަޤްބޫލު ޙައްލަކާ ހަމައަށް އައުމަށް ޓަކައި ވާހަކަދެއްކުމުގެ ވަށަލައަށް އިއާދަވާން ވެއްޖެއެވެ."
ޕޫޓިން ވިދާޅުވިއެވެ. "އަރާރުން އިތުރަށް ފުޅައުވެގެން ދިޔަނުދިނުމަށް ޓަކައި މަސައްކަތް ނުކޮށްފިނަމަ އޭގެ ނުބައި އަސަރު ބައިނަލްއަޤްވާމީ މިއަދުގެ ޙާލަތަށް ކުރާނެއެވެ."
ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކަށާއި އެމީހުންގެ މިލްކިއްޔާތުތަކަށާއި މުޤައްދަސާތުތަކަށް ތަކްރާރުކޮށް އިސްރާއީލުން އަރައިގަނެ އެމީހުންގެ ރަށްތަކަށް އަރައި ޤަތުލުޢާންމުތައް ހިންގައި އަލްމަސްޖިދުލްއަޤްޞާގެ ޙުރްމަތް ކަނޑަމުންދާތީ މި މަހުގެ ހަ ވަނަ ދުވަހު ފަލަސްޠީނުގެ ޙަމާސް ޖަމާޢަތުން ވަނީ އިސްރާއިލާދެކޮޅަށް އަޤްޞާ ޠޫފާނުގެ ނަމުގައި އަމިއްލަ ނަފްސުގެ ދިފާޢުގައި ހަމަލާތަކެއް ދީފައެވެ.
މި ޙަމަލާއަށް ރައްދު ދިނުމަށް ޓަކައި އިސްރާއީލުން ވަނީ އޮކްޓޯބަރު ހަތެއްގައި ދަގަނޑު ކަނޑީގެ ނަމުގައި ޣައްޒާއާ ޙަމާސާ ދެކޮޅަށް އުދްވާނީ ޙަމަލާތަކެއް ފަށައިފައެވެ. މި ޙަމަލާގެ އަމާޒަކީ ޣައްޒާގައި ދިރިއުޅޭ 2.3 މިލިއަން މީހުން އެ ސަރަޙައްދުން ބޭރަށް ނެރެ އެއްލައިލާ އެ ބިން އިސްރާއީލިގެ ތަނަކަށް ހެދުމެވެ. އަދި 2006 އިން ފެށިގެން ޣައްޒާއަކީ އިސްރާއީލުން ޙިޞާރުކޮށްފައި އޮންނަ "ބޮޑު ޖަލެކެވެ."



advertisment