Support Us

އީރާނުގެ ޚާރިޖީ ވަޒީރު ޢަރަބި ތިން ޤައުމަކަށް

ޣައްޒާގެ ޙާލަތާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ޓަކައި އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްﷲޔާން ޢިރާޤަށާއި ސޫރިޔާއަށާއި ލުބްނާނަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް މިއަދު ފަށްޓަވާނެ ކަމަށް އީރާނުގެ ރަސްމީ ނޫސް އޭޖެންސީ ތަސްނީމު ބުނެފިއެވެ. 

 ލުބްނާނުގައި ހުންނަވާ އީރާނުގެ ސަފީރު މުޖްތަބާ އަމާނީ އޭނާގެ އެކްސްގައި ލިއުއްވައިފައިވާ ގޮތުގައި ޢަބްދުﷲޔާނުގެ މި ދަތުރުފުޅުތަކުގައި މަޝްވަރާ ކުރައްވާނީ ޣައްޒާއަށް އިސްރާއީލުން ދެމުންގެންދާ ޢުދްވާނާއި އޭގެ އަސަރުތަކާ ބެހޭގޮތުންނެވެ.  

ސޫރިޔާގެ ނޫސް އޭޖެންސީ ސަނާ ބުނާގޮތުގައި ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާއި އިރާނުގެ ރައީސް އިބްރާހީމު ރައީސީ ފޯނުން ބައްދަލުކުރައްވާ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޢުދްވާނާ ބެހޭގޮތުން ޚިޔާލު ބަދަލު ކުރެއްވިއެވެ. ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ޖަރީމާތަކާ ކުރިމަތިލުމަށް ބޭނުންވާ އެހީއާއި ތާއީދު އިރާނުންނާއި ސޫރިޔާއިން ފަލަސްޠީނަށް ދޭނެކަމަށް ދެ ރައީސުން ވިދާޅުވިއެވެ. ފޭރިގަތްފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ބިން މިނިވަންކުރުމަށް ޓަކައި މަސައްކަތް ކުރުމުގެ ޙައްޤު ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާ ކަމަށް ދެ ރައީސުން އެއްބަސްވެ ވަޑައިގަތެވެ. ފަލަސްޠީނު މީހުންގެ ޤަޟިއްޔާއަކީ ޢަދްލުވެރި ޤަޟިއްޔާއެއް ކަމަށާއި ބައިނަލްއަޤްވާމީ ޤަރާރުތަކާ އެއްގޮތަށް މި މަސްއަލަ ޙައްލު ކުރެވެން ޖެހޭނެކަމަށް އަސަދާއި ރައީސީ ވިދާޅުވިއެވެ. 

ރައީސް އަސަދު ހަރުއަޑުން ވިދާޅުވި ގޮތުގައި ލޭ އޮހޮރުވެމުންދަނީ އިސްރާއީލުގެ ޢުދްވާނީ ސިޔާސަތުތަކުގެ ސަބަބުންނެވެ. ޢަރަބި އިސްލާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އަޅައިގެން ފަލަސްޠީނުގެ ރައްޔިތުން ޙިމާޔަތްކޮށްދެން ޖެހިފައިވާ ކަމަށް އަސަދު ވިދާޅުވިއެވެ. ކުޑަކުދިންނާއި އަންހެނުންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންގެންދާ ޙަމަލާތައް ހުއްޓައިލުމަށް ވެސް އަސަދު ގޮވައިލެއްވިއެވެ. 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *