އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފަށައިފައިވާ ހަނގުރާމައާ ބެހޭގޮތުން މަޝްވަރާކޮށް ފިޔަވަޅު އެޅުމަށް ޓަކައި ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ބްރެޒީލުން ގޮވައިލައިފިއެވެ.
ބްރެޒިލްގެ ޚާރިޖިއްޔާއިން ރޭ ނެރުނު ބަޔާން ބުނާގޮތުގައި ބްރެޒީލަކީ މި ދައުރުގެ ރައީސަށް ވާތީ މާދަމާ ސަލާމަތީ މަޖިލީހުގެ ޚައްޞަ ބައްދަލުވުމެއް ބޭއްވުމަށް ގޮވައިލައެވެ. މިކަމާ ވިދިގެން ބްރެޒިލްގެ ޚާރިޖީ ވަޒީރު އޭޝިޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅު ކުރުކޮށް ލައްވައިފައި މިރޭ ނިވްޔޯކަށް ވަޑައިގަންނަވާނެއެވެ.
ބްރެޒިލްގެ ރައީސް ލޫލާ ޑަ ސިލްވާ އިއްޔެ ވަނީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ޢުދްވާނީ ޙަމަލާތަކުގައި އިންސާނީ ޙައްޤުތަކާ ދެކޮޅަށް ހިންގަމުންގެންދާ ޢަމަލުތައް ހުއްޓުވަން ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވިއެވެ. "އިސްރާއީލާއި ހިފާފައިވާ ބިންތަކާ ދެމެދުގައި ހިނގަމުންދާ ކޯޅުންތަކުގައި ހިނގަމުންދާ އިންސާނީ ޙައޤުތަކާ އިދިކޮޅު ޢަމަލުތައް ހުއްޓުވުމަށް ޓަކައި ބައިނަލްއަޤްވާމީ އިންސާނި ތަދައްޚުލަކަށް ބޭނުންވެފައެވެ."
ރައީސް ޑަ ސިލްވާގެ އެކްސްގައި ލިޔުއްވައިފައި ވެއެވެ. "އިސްރާއީލާއި ފަލަސްޠީނުގެ ކުޑަކުދިން ޙިމާޔަތް ކުރުމަށް ޓަކައި ހަނގުރާމަ ހުއްޓުވުމަށް ޓަކައި ބައިނަލްއަޤްވާމީ އިންސާނީ ތަދައްޚުލަކަށް ވަނީ ބޭނުންވެފައެވެ." އޭނާ ވިދާޅުވިގޮތުގައި މި އަރާރުން ވަގުތުން ހުއްޓުވުމަށް ކުރެވޭ މަސައްކަތުގައި ބްރެޒިލް ބައިވެރިވާނެއެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފަށައިފައިވާ ޢުދްވާނުގައި މިހާތަނަށް ފަލަސްޠީނުގެ 1,200 މީހުން ޝަހީދުވެ 5,600 މީހުން ޒަޚަމުވެފައިވެއެވެ. ޙަމާސުން އިސްރާއީލަށް ދިން އަޤްޞާ ޠޫފާނުގެ ސަބަބުން އިސްރާއީލުން 1,300 މީހަކު މަރުވެފައި ވެއެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާގެ އިސްތިރާޖަކީ އެ ބިމުން ފަލަސްޠީނު މީހުން މުޅިން ހުސްކޮށް އެ ބިން ވެސް އިސްރާއީލުގެ ތަނަކަށް ހެދުމެވެ. ޣައްޒާގައި 2.3 މިލިއަން މީހުން ދިރިއުޅެއެވެ. އިސްރާއީލުގެ މި ޙަމަލާތަކުގެ ސަބަބުން ޣައްޒާއިން ވަނީ 340 ހާސް މީހުން ފައިބައިފައެވެ.



advertisment