Support Us

އިސްރާއީލުގެ ބާރުގަދަ ޙަމަލާތައް ރޭ ވެސް ޣައްޒާއަށް

އިސްރާއީލުން އޮކްޓޯބަރު ހަތަކުން ފެށިގެން ޣައްޒާއަށް ދެމުންގެންދާ ވައިގެ ޙަމަލާތައް ރޭ ވެސް ކުރިއަށް ވަނީ ގެންގޮސްފައެވެ. ޣައްޒާގެ އެތައް ގެއެއް ވަނީ ބިމާހަމަކޮށް އެތައް ބަޔަކު ޝަހީދުކޮށް އެތައް ބަޔަކު ޒަޚަމުކޮށްލައިފައެވެ. 

ރޭގެ ޙަމަލާތަކުގެ އަމާޒަކަށް ހަދައިފައިވަނީ ޣައްޒާ ސަހަރުގެ ހުޅަނގު އުތުރު ސަރަޙައްދާއި ދެކުނު ސަރަޙައްދާއި ޚާން ޔޫނުސް ސަރަޙައްދެވެ.

އިސްރާއީލުން ރޭ ހިންގި ޤަތުލު ޢާންމުގެ ތެރޭގައި ޚާން ޔޫނިސްގެ ބުޝައިތީ ޢާއިލާއަށް ޙަމަލާދިނުންވެއެވެ. ރޭގަނޑު އެ މީހުން ނިދާފައި ތިއްބާ އެމީހުންގެއަށް ބޮންއެޅުމުގެ ސަބަބުން މި ޢާއިލާގެ ބައެއް މީހުން ޝަހީދުވެ ބައެއް މީހުން ޒަޚަމުވިއެވެ.

މީގެއިތުރަށް އިސްރާއީލުގެ ހަނގުރާމަމަތީ ލޯންޗުތަކުން ޣައްޒާގެ ދެކުނުފަރާތުގެ އައްސޭރިއަށް ޙަމަލާދީ މަސްވެރީންގެ އުޅަނދުތަކާއި ގުދަންތައް ހަލާކުކޮށްލުން ވެއެވެ.

ފަލަސްޠީނުގެ ޞިއްޙަތާބެހޭ ވުޒާރާއިން ހާމަކުރިގޮތުގައި ޣައްޒާގެ ހަސްފަތާލުތައް މިހާރު ވަނީ އިސްރާއީލުން ދެމުންގެންދާ ޢުދްވާނުގެ ސަބަބުން ޒަޚަމުވެފައިވާ މީހުން އެދުމަތިކުރުމުގެ ސަބަބުން ފުރި ތޮއްޖެހިފައެވެ. އެ ވުޒާރާގެ ތަރްޖަމާނު ޑރ. އަޝްރަފުލް ޤުދްރަތި ވިދާޅުވާގޮތުގައި ހަސްފަތާލުތައް ވަނީ އިތުރު މީހުންނަށް ޚިދްމަތްދިނުމަށް ނުކުޅެދިފައެވެ. އެދުތައް ހުސްވެގެން ވަރަށް ގިނަ ބަޔަކު ބައިތިއްބަން ޖެހިފައިވަނީ ބިންމަތީގައެވެ.  

އޭނާ ވިދާޅުވިއެވެ. "އިސްރާއީލުން ޣައްޒާގެ ކަރަންޓާއި ފެނާއި ހަކަތަ ކަނޑައިލުމުގެ ސަބަބުން ޣައްޒާ މިހާރު އޮތީ ޞިއްޙީ އަދި ތިމާވެށީގެ ކާރިސާއެއްގައެވެ." 

ފަލަސްޠީނުގެ ޞިއްޙަތާބެހޭ ވުޒާރާ ބުނާގޮތުގައި އިސްރާއީލުގެ ޢުދްވާނުގެ ސަބަބުން ޣައްޒާއިން މިހާތަނަށް 1،100 މީހުން ޝަހީދުވެ 5،339 މީހުން ވަނީ ޒަޚަމުވެފައެވެ. އެ ވުޒާރާއިން ހާމަކުރި ގޮތުގައި އިސްރާއީލުގެ ބޮޑުބަޑީގެ ޙަމަލާތަކާއި ބޮމުގެ ޙަމަލާތަކުގެ ސަބަބުން ޝިކާރަވެފައިވާ މީހުންގެ 60% އަކީ ކުޑަކުދިންނާއި އަންހެނުންނެވެ. 

  އިސްރާއީލުގެ ޢުދްވާނުގައި ސަރުކާރުގެ 27 އޮފީހެއް ވަނީ ފުޑުފުޑުކޮށް  ބިމާހަނމަކޮށްފައެވެ. ޣައްޒާގެ ހުރިހާ  ބިނާރުތަކެއް ވަނީ ހަލާކުކޮށްލައިފައެވެ. އޭގެތެރޭގައި ކަރަންޓާއި ފެނާއި ނަރުދަމާ ނިޒާމުގެ ވިއުގަތައް ހިމެނެއެވެ. 

ރެފިއުޖީންނާ ބެހޭ އދގެ ޖަމްޢިއްޔާ (އަންރުވާ) ގެ ބެލުމުގެދަށުގައި ހުރި 48 މަދުރަސާއަކާއި ކުޑަކުދީންނަށް ބޯހިޔާވަހިކަންދޭ 29 މަރްކަޒެއް ވަނީ ހަލާކުކޮށްލައިފައެވެ. އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން 300 ކުޑަކުދީންނާއި 10 މުދައްރިސުން ވަނީ މަރުވެފައެވެ. 

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން 10 މިސްކިތާއި ޞިއްޙީ ޚިދްމަތް ދޭ 10 މަރްކަޒެއް ވަނީ ހަލާކުކޮށްލައިފައެވެ.

އިސްރާއީލުގެ އަނޔާވެރި ޙަމަލާތަކުގެ ސަބަބުން އަށް ނޫސްވެރިން މަރުވެ 20 ނޫސްވެރިން ޒަޚަމުވެފައިވެއެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް