Support Us

ފަލަސްޠީނުގެ މުޖާހިދުންނަށް އެހީވާން އިސްލާމީ އުންމަތް ނުކުތުމަށް ޙަމާސްގެ ރައީސް ގޮވައިލައްވައިފި

ޣައްޒާއަށާއި ޣައްޒާގެ އަހްލުވެރިންނަށް ތާއީދު ކުރުމަށް ޓަކައި މައިދާންތަކަށާއި ޕާކުތަކަށާއި މަގުމައްޗަށް ނުކުތުމަށް އިސްލާމީ އުންމަތަށާއި ޢަރަބީންނަށް ޙަމާސް ޙަރަކާތުގެ ރައީސް ޚާލިދު މިޝްޢަލް މިއަދު ގޮވައިލައްވައިފިއެވެ.

އިސްރާއީލުން މުޅި ޣައްޒާ ސުންނާފަތިކުރަމުންދާތީ ޣައްޒާގެ އަހްލުވެރީންނަށް މާއްދީ ގޮތުންނާއި މާނަވީ ގޮތުން މަދަދު ފޯރުވުމަށް އޭނާ ގޮވައިލެއްވިއެވެ.

އަޤްޞާ ޓީވީ ޗެނެލުން ފޮނުވި ވީޑިއޯ ޚިޠާބުގައި މިޝްޢަލް ވިދާޅުވިއެވެ. "އުރްދުނާއި ސޫރިޔާއާއި ލުބްނާނާއި މިޞްރުގެ ހުރިހާ ދަރިންނާ މުޚާޠަބުކޮށް އަޅުގަނޑު ދަންނަވަމެވެ. ފަލަސްޠީނާ އެންމެ އަވަށްޓެރި ބަޔަކީ ތިޔަބޭފުޅުންނެވެ. ޤުދްސާއި އަޤްޞާގެ ބަރަކާތްތެރި ހިޔާވަހިކަމުގެ ދަށުގައި ތިޔަބޭފުޅުން ތިއްބެވީތީއެވެ."

މިޝްޢަލުގެ ޚިޠާބުގައި އުރްދުންގެ ޤަބީލާތަކަށް ގޮވައިލައްވައި ވިދާޅުވިއެވެ. "އުރްދުންގެ އަޚުންނާއި އުޚްތުންނޭވެ! އުރްދުން ޙިމާޔަތް ކުރެވޭނީ ފަލަސްޠީނުގެ ސާބިތުކަމުންނެވެ.ފަލަސްޠީނުގެ އަހްލުވެރީން ނަޞްރުދޭން ތެދުވާށެވެ!"

މިޝްޢަލް ވިދާޅުވިއެވެ. "އަޤްޞާ ޠޫފާނުގެ ހުކުރަކަށް މި ހުކުރު ހަދާށެވެ! ޞިހްޔޫނީންނަށާއި އެމީހުންގެ މުޖްރިމު އިސްވާރުންނަށާއި ޙައްދުފަހަނަޅައިފައިވާ މީހުންނަށާއި އެމެރިކާނުންނަށް ރައްދުދިނުމަށް ޓަކައެވެ. އަޅުގަނޑުމެންނަށް ވާގިވެރިވުމަށްޓަކައެވެ. އަޅުގަނޑުމެން ސަލާމަތް ކުރުމަށް ޓަކައި އަޅުގަނޑުމެންނާއެކު ކަނޑަށް އެރިވަޑައިގަންނަވާށެވެ."

އޭނާ ވިދާޅުވިއެވެ. "ޣައްޒާ މި ވަނީ ފުނޑުފުނޑުކޮށްލައިފައެވެ. ތިޔަ އެންމެ އަޚުންނާ އުޚްތުން އަޅުގަނޑުމެންނަށް އެހީވެ ވަޑައިގަންނަވާށެވެ! މިއީ މާލީ ޖިހާދެވެ. އަޅުގަނޑުމެން ޖާނުން މި ކުރާ ޖިހާދުގައި ބައިވެރިވަޑައިގަތުމަށް ޓަކައެވެ."

އޭނާ އިތުރަށް ވިދާޅުވިއެވެ. "ނަތަންޔާހޫ ތަންފީޒުކުރަމުން އެ ދަނީ ބިން އަންދައި ހުލިކޮށްލުމުގެ ސިޔާސަތެވެ. ޢަރަބިން ހަނުތިބީމާ އެމެރިކާއާއި ހުޅަނގުން އޭނާ ވަނީ އެކަމަށް ފެހި އަލި ހޯދައިފައެވެ."

މިޝްޢަލުގެ ޚިޠާބުގައި އުންމަތުގެ ޒަޢިމުންނަށް ސިޔާސީ ވަރުގަދަ ޙަރަކާތެއް ހިންގެވުމަށް ގޮވައިލެއްވިއެވެ. ޞިހްޔޫނީންގެ ޖަރީމާތައް ހުއްޓުވުމަށް ޓަކައި ހުރިހާ މަންސަތަކަކާއި މަޙްފަލްތަކެއްގައި ޙަރަކާތްތެރިވެ ވަޑައިގެން ޣައްޒާގެ މުޖާހިދުންނާއެކު އެއްސަފަކަށް ވަޑައިގަތުމަށް އޭނާ ގޮވައިލެއްވިއެވެ.

އޭނާ ވިދާޅުވިއެވެ. "އިސްލާމީ ޙަރަކާތްތަކާއި ޤައުމީ ޙަރަކާތްތަކުގެ ވެރިންނާ ސުވާލު ކުރެވޭނެތެވެ. ޢިއްޒައްދީނުލް ޤައްސާމާއި އަލްޢިއްޒު ބިން ޢަބްދުއްސަލާމު ފަދަ ޢިލްމުވެރީންގެ އަރިހުގައި ތިޔަބޭފުޅުން ކޮބައިތޯއެވެ؟ ވޭތުވެދިޔަ ތާރީޚުގައި މި ބަރަކާތްތެރި ބިން ޙިމާޔަތްކުރެއްވި އަބްޠާލުންގެ އަރިހުގައި ތިޔަބޭފުޅުން ތިޔަ ތިއްބެވީ ކިހާ ހިސާބެއްގައިތޯއެވެ؟ ހުރިހާ އެންމެންނާ ސުވާލު ކުރެވޭނެތެވެ. ޤިޔާމަތްދުވަހުން އެންމެން ވެސް އަންނާނީ ވަކިވަކި ފަރްދުންގެ ގޮތުގައެވެ."

އޭނާ ޚިޠާބު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އުންމަތް އެކީގައި ތެދުވެ އަޤްޞާއަށާއި ފަލަސްޠީނުގެ ބިމަށް ނަޞްރުދޭ ތަން ފެނުމުން ހަނގުރާމައިގެ މައިދާނަށް ބަދަލު އަންނާނެތެވެ. ބާރުގެ ތިލަފަތަށް ބަދަލު އަންނާނެތެވެ. މަންޒަރު އެކީއެކަށް ބަދަލުވެގެންދާނެތެވެ."

އޭނާ ޚިޠާބު ނިންމައިލައްވަމުން ވިދާޅުވިއެވެ. "ތާރީޚުގެ އަލިގަދަ ރަން ޞަފްޙާއެއް ލިޔުއްވާ ބޭފުޅުންނަށް ވެވަޑައިގަންނަވާށެވެ! ކަޅު އަނދިރި ޞަފްޙާއެއް ލިޔާ ބަޔަކަށް ވެވަޑައިނުގަންނަވާށެވެ! ﷲއާ ބައްދަލުވާ ދުވަހު އެންމެންނާ ސުވާލު ކުރައްވާނެތެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް