Support Us

އަޤްޞާ ޠޫފާން ކުރިއަށް

ޙަމާސްގެ ހަނގުރާމަވެރިންގެ ޙަމަލާތައް ހުއްޓުވައިލެވިއްޖެކަމަށާއި ޣައްޒާ ފުނޑުފުނޑުކޮށްލައިފި ކަމަށް އިސްރާއީލުން ބުނި ނަމަވެސް ފަލަސްޠީނުގެ މުޖާހިދުންގެ ޙަމަލާތައް ކުރިއަށްދާ ކަމަށް ޙަމާސާއި އިސްލާމީ ޖިހާދު ޖަމާޢަތުން މިއަދު ބުނެފިއެވެ.

ޖަޒީރާގެ ރިޕޯޓަރު ބުނާގޮތުގައި ޣައްޒާގެ ދެކުނު ފަށަލައިގެ ތެރޭގައި އޮންނަ ޔަހޫދީ އާބާދީއެއް ކަމުގައިވާ ތަލްމީ އިލްޔާހޫއަށް ފަލަސްޠީނުގެ މުޖާހިދުން މިއަދު ދިން ރޮކެޓް ޙަމަލާތަކެއްގައި ޔަހޫދީ އެތައް ބަޔަކު ޒަޚަމުވިއެވެ.

ޖަޒީރާގެ ރިޕޯޓަރު ހާމަކުރިގޮތުގައި ޣައްޒާގެ އިރުއުތުރުގައި އޮންނަ ޔަހޫދީ އާބާދިއެއް ކަމުގައި ސަދީރޫތަށް ވެސް ފަލަސްޠީނުގެ މުޖާހިދުން ރޮކެޓް ޙަމަލާތަކެއް މިއަދު ދިނެވެ.

ސަރާޔާ އަލްޤުދްސު އިސްރާއީލުގެ ޢަސްކަރީންނަށް ޙަމަލާދިނުން

އިސްލާމީ ޖިހާދު ޖަމާޢަތުގެ ޢަސްކަރީ ފިޔަ ސަރާޔާ އަލްޤުދްސް ބުނާގޮތުގައި އެ ޖަމާޢަތުގެ ހަނގުރާމަވެރިން ބޮޑު ބަޑިން އިސްރާއީލު ސިފައިންގެ ބައެއް ނުކުތާތަކަށް މިއަދު ވަނީ ކާމިޔާބު ޙަމަލާތަކެއް ދީފައެވެ.

ޢަސްޤަލާނަށް ޙަމަލާދިނުން

އިސްރާއީލުގެ ޢަސްޤަލާން ސަހަރުގައި ދިރިއުޅޭ މީހުންނަށް އެ ސަހަރުން ބޭރަށް ނުކުތުމަށް ހަވީރު ފަހެއް ޖެހުމާ ހަމައަށް މުހްލަތު ދިނުމަށްފަހު ޙަމާސުން ރޮކެޓްތަކެއް އޮއްސައިލައިފިއެވެ. ޤައްސާމު ފައުޖުން މިދިޔަ އާދީއްތަ ދުވަހު ޢަސްޤަލާން 100 ރޮކެޓް ފޮނުވައިލިއެވެ.

ޖަޒީރާ ރިޕޯޓަރު ބުނާގޮތުގައި ޙަމާސްގެ މި ފައުޖުން ދިން ރޮކެޓް ޙަމަލާތަކުގެ ސަބަބުން އަނދައިފައިވާ ކާރުތަކާއި ރޯވެފައިވާ ޢިމާރާތްތަކުގެ ވީޑިއޯ ކްލިޕްތައް މީސްމީޑިއާގައި ޝާއިޢުކޮށްފައި ވެއެވެ.

ޖަޒީރާގެ ރިޕޯޓަރު ބުނާގޮތުގައި ފަލަސްޠީނުގެ މުޖާހިދުން މިއަދު ޢަސްޤަލާނަށް ދިން ޙަމަލާގައި އިސްރާއީލު ސިފައިން ޢިމާރާތަކަށް ސީދާ ޙަމަލާއެއް އަރައިފައި ވެއެވެ.

މިޞްރުން ފޮނުވާ އެހީގެ ލޮރީތަކަށް ޙަމަލާދޭނަން

މިޞްރުގެ ރައީސް ސީސީ އަމުރުކުރައްވައިގެން އިންސާނީ އެހީގެ ޤާފިލާއެއް ޣައްޒާއަށް ފޮނުވޭނެކަމަށް މިޞްރުން އިޢުލާން ކުރުމުން ޣައްޒާއަށް ފޮނުވޭ މިފަދަ އެހީތަކަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު އިސްރާއީލުން ދީފިއެވެ.

ފަލަސްޠީނުގެ ދާޚީލީ ވުޒާރާ ބުނާގޮތުގައި އިސްރާއީލުން ޣައްޒާ- މިޞްރު ގުޅުވައިދޭ ރަފަޙު މަގަށް މިއަދު އަލުން ޙަމަލާދޭން ފަށައިފިއެވެ. އިސްރާއީލުން މި މަގަށް ޙަމަލާދޭން ފެށީ އެ މަގަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކޮށް ހުޅުވުމުންނެވެ. އިސްރާއީލުގެ ޙަމަލާގެ ސަބަބުން އެ މަގު ބަލަހައްޓާ އިދާރާގެ ދެ މުވައްޒަފަކު ޒަޚަމުވިއެވެ. ރަފަޙު މަގަކީ ހަފުތާއަކު ފަސް ދުވަހު ހުޅުވޭ މަގެކެވެ.

އިސްރާއީލުގައި ޤައުމީ ކޯލިޝަން ސަރުކާރެއް އެކުލަވައިލަނީ

އަޤްޞާ ޠޫފާނުގެ ސަބަބުން އިސްރާއީލުގައި އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތަށް ޓަކައ ޤައުމީ ކޯލިޝަން ސަރުކާރެއް އެކުލަވައިލުމަށް ކޯލިޝްންގެ ޒަޢީމުން އެއްބަސްވެވަޑައިގަންނަވައިފި ކަމަށް ވެރިކަންކުރާ ލީކޯޑް ޕާޓީން ބުނެފިއެވެ. އިސްރާއީލުގައި ޙައްދުފަހަނަޅައިފައިވާ ކަނާތުފިޔައިގެ ޕާޓީތަކާއެކު ކޯލިޝަން ހައްދަވައިގެން ބޮޑުވަޒީރުކަން ކުރައްވާ ނަތަންޔާހޫ އޭނާގެ ސަރުކާރުގައި ބައިވެރިވެ ވަޑައިގަތުމަށް އިދިކޮޅު ޒަޢީމުންނަށް ވަނީ ގޮވައިލައްވައިފައެވެ. އޭނާ ވިދާޅުވިގޮތުގައި ހަ ދުވަހުގެ ހަނގުރާމައިގެ ތެރޭގައި މަނަޙަމު ބޭޖިން އެކުލަވައިލެއްވި ފަދަ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރަކަށް މިއަދު ބޭނުންވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭރު އޮތް ލޭވީ އެޝްކޯލްގެ ސަރުކާރާ ބޭޖިން ގުޅިވަޑައިގަތީ އެއްވެސް ޝަރްޠަކާނުލައެވެ.

ޝަހީދުންގެ ޢަދަދު 788 އަށް

ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން މިއަދު ހަވީރު އިޢުލާންކުރި ގޮތުގައި އިސްރާއީލުން ޣައްޒާއަށް އަޅަމުންދާ ބޮމާއި ދެމުންގެންދާ ލާއިންސާނީ ޙަމަލާތަކުގެ ސަބަބުން މިހާތަނަށް ޣައްޒާއިން 788 މީހުން ޝަހީދުވެ 4،100 މީހުން ޒަޚަމުވެއްޖެއެވެ. އިސްރާއީލުގެ ޢަސްކަރީ ތަރްޖަމާނަކު ބުނިގޮތުގައި ޣައްޒާގެ ޚާން ޔޫނިސް ސަހަރަށާއި އައްރިމާލު އަވަށުގެ 200 އަމާޒަކަށް ރެއާއި މިއަދު ޙަމަލާދިނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް