މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙުއް ސީސީގެ އަމުރުފުޅަށް އިންސާނީ އެހީގެ ބޮޑު ޤާފިލާއަށް ވަރަށް އަވަހަށް ޣައްޒާއަށް ފޮނުވޭނެ ކަމަށް މިޞްރުގެ "މަދަނީ ތަރައްޤީއާ ބެހޭ ވަޠަނީ އެއްބާރުން" ޖަމްޢިއްޔާއިން އިޢުލާންކޮށްފިއެވެ.
ޣައްޒާގައި ހަރުކަށި ޢަމަލުތައް އިތުރުވެ ޣައްޒާގެ މާޙައުލު ނުތަނަވަސްވެފައިވާތީ މި ޖަމްޢިއްޔާއިން އެކަމާމެދު ކަންބޮޑުވާ ކަމަށް ބުންޏެވެ. އެއީ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކެއް ކަމަށާއި އެކަމުގެ ސަބަބުން ބައިނަލްއަޤްވާމީ ޞުލްޙަ ނުރައްކަލަށް ހާސާވެފައިވާ ކަމަށް މި ޖަމްޢިއްޔާއިން ބުންޏެވެ. މި ޖަމްޢިއްޔާގެ ބަޔާނުގައި ފަލަސްޠީނުގެ ރައްޔިތުންނާއެކު އެއްބާރުލާކަމަށާއި ފަލަސްޠީނުގެ ރައްޔިތުންނަށް ފުރިހައަށް މަދަދު ފޯރުވާނެ ކަމަށް ވެސް މި ޖަމްޢިއޔާއިން ބުނެފައި ވެއެވެ.
މި ޖަމްޢިއްޔާއިން ބުނިގޮތުގައި ޣައްޒާގެ ޙާލަތު ރަނގަނޅުވަންދެން މިޞްރުން ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުވަމުންދާނެއެވެ.
އަޤްޞާ ޠޫފާނަސް ރައްދުދޭންވެގެން އިސްރާއީލުން ދަނީ ޣައްޒާއަށް ބޮންއަޅައި ޣައްޒާގެ ބިނަރުތައް ހަލާކުކުރަމުންނެވެ. ޣައްޒާއަށް އަދަބުދޭންވެގެން އިސްރާއީލުން ވަނީ ޣައްޒާ ޙިޞާރުކޮށް ތަޅުލައި ފެނާއި ކަރަންޓާއި ގޭހާއި ކާބޯތަކެތި ލިބޭނެ ހުރިހާ މަގުތައް ބަންދުކޮށްފައެވެ.



advertisment