އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ހުރިހާ އަސީރާއިން މިނިވަން ކުރުމަށް ޤަޠަރުން އިސްރާއީލާއެކު މުޢާމަލާތު ކުރުމަކީ ޙަމާސުން ދެކޮޅުހަދާ ކަމެއް ނޫންކަމަށް ޙަމާސް ޖަމާޢާތުގެ އިސް ބޭފުޅަކު ވިދާޅުވެއްޖެއެވެ. ޗައިނާގެ ޝިންޚުވާ ނޫސް އޭޖެންސީ ބުނާގޮތުގައި ޤަޠަރުން ދަނީ މިކަމާ ބެހޭގޮތުން އިސްރާއީލާއެކު މަޝްވަރާތައް ކުރަމުންނެވެ.
ނަން ހާމަނުކުރަން ޝަރްޠު ކުރައްވާ ޝިންޚުވާއަށް ޚަބަރުދެއްވި މަސްއޫލުވެރިއާ ވިދާޅުވިގޮތުގައި އެމެރިކާގެ ތާއީދާއެކު ދައުޙާއިން ދަނީ ޙަމާސުން އަސީރުކޮށްފައި ތިބި އިސްރާއީލުގެ އަސީރާއިންނާއި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ 36 އަސީރާއިން ބަދަލުކުރުމާ ބެހޭގޮތުން ވާހަކަ ދައްކަމުންނެވެ.
މިކަމާ ބެހޭގޮތުން ޤަޠަރުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
މި ދިޔަ ހޮނިހިރު ދުވަހު ޙަމާސުން އިސްރާއީލަށް ދިން އަޤްޞާ ޠޫފާނުގައި ޙަމާސުން ވަނީ އިސްރާއީލުގެ އެތައް ބަޔަކު ހައްޔަރުކޮށް އަސީރުކޮށްފައެވެ، އިސްރާއީލު ބުނާގޮތުގައި 700 އެއްހާ އިސްރާއީލު މީހުން ވަނީ ގެއްލިފައެވެ. މިހެންވެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ގެއްލިފައިވާ މީހުންނާއި އަސީރުންނާ ބެހޭ ޚާއްޞަ އޮފީހެއް އުފައްދަވައިފައެވެ. މި އޮފީހުގެ ވެރިއަކަށް އިސްކުރައްވައިފައި ވަނީ ރިޓަޔަރޑް ޖެނެރަލް ޣާލް ހަރޝް އެވެ.
ޙަމާސްގެ ޢަސްކަރީ ފިޔަ ކަތާއިބުލް ޤައްސާމުގެ ޢަސްކަރީ ތަރްޖަމާން ޢަބޫ ޢުބައިދާ ވިދާޅުވާ ގޮތުގައި އިސްރާއީލުން މަރައިލެވިފައިވާ މީހުންނާއި ހައްޔަރުކޮށްފައިވާ މީހުންގެ ޢަދަދު ނަތަންޔާހޫ ހީފުޅު ކުރައްވާވަރަށްވުރެ މާ ގިނަވާނެއެވެ.
އިސްރާއީލާއި ޙަމާސާ ދެމެދުގައި 2011ވަނަ އަހަރު ވެސް އަސީރުން ބަދަލުކޮށްފައި ވެއެވެ. އިސްރާއީލު ސިފައިންގެ މީހެއް ކަމުގައިވާ ޖިލްޢާދު ޝާލީޠު މިނިވަން ކުރުމަށް ޓަކައި އިސްރާއީލުން އެ ފަހަރު ވަނީ ފަލަސްޠީނުގެ 1،027 އަސީރުން މިނިވަންކޮށް ދޫކޮށްލައިފައެވެ.



advertisment