އަޤްޞާ ޠޫފާން މެދުނުކެނޑި ތިންވަނަ ދުވަހަކަށް އަލިވިލިއްޖެއެވެ.
ޚަބަރުތައް ބުނާގޮތުގައި ޣައްޒާ ފަށަލައިގެ ތެރޭގައި ހިމެނޭ އަށް އާބާދީއެއްގެ ތެރޭގައި އިސްރާއީލު ސިފައިންނާއި ޙަމާސް ހަނގުރާމަވެރިންނާ ދެމެދުގައި ކުރިމަތިލުންތައް ކުރިއަށް އެބަދެއެވެ. މި ޠޫފާނުގެ ސަބަބުން އިސްރާއީލުން މަރުވެފައިވާ މީހުންގެ ޢަދަދު ހާހަކަށްވުރެ އިތުރުވާނެކަމަށް އިސްރާއީލު ލަފާކުރެއެވެ.
އިސްރާއީލު ބުނާގޮތުގައި އެތާނގެ ސިފައިން ޣައްޒާ ކައިރީގައި އަށެއްކަ ނުކުތާއެއްގައި ހަނގުރާމަކުރަމުން އެބަދެއެވެ.
އިސްރާއީލުގެ ޗެނެލް 12 ބުނާގޮތުގައި ޙަމާސް ހަނގުރާމަވެރިންނާއި އިސްރާއީލު ސިފައިންނާ ދެމެދުގައި ސަދީރޫތުގައި މިއަދު ހަނގުރާމަ އަލުން ވަނީ ފަށައިފައެވެ. މި ޗެނެލް ބުނާގޮތުގައި ކުރިމަތިލުންތައް ހިނގަމުންދަނީ އެ ރަށުގެ މެދުތެރޭގައި ޖެފީމާ ހަތަރު އަނގޮޅިމަތީގައެވެ.
އިސްރާއީލު ރޭޑިއޯ ބުނާގޮތުގައި ޢާލޫމީމު އާބާދީއާއި ނީރީމު އާބާދީއާއި ސަދީރޫތު އާބާދީގައި ކުރިމަތިލުންތައް ހިނގަމުން އެބަދެއެވެ.
އިސްރާއީލު ފުލުހުން ބުނާގޮތުގައި ޢަސްޤަލާންގެ ދެކުނަށް ވަދެފައިވާ ޙަމާސްގެ ހަނގުރާމަވެރިން ފައްސައި ބޭރަށްލުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. އިސްރާއީލު ރޭޑިއޯ ބުނާގޮތުގައި ޣައްޒާ ފަށަލައިގައި ހިމެނޭ 25 އާބާދީއަކުން މީހުން ބާލައި ހުސްކުރުމުގެ މަސައްކަތް ފެށިއްޖެއެވެ.
އިސްރާއީލު ސިފައިން ބުނާގޮތުގައި ހޮނިހިރު ދުވަހު ފެށި އަޤްޞާ ޠޫފާނުގެ ސަބަބުން އިސްރާއީލުގެ 700 މީހުން ވަނީ މަރުވެފައެވެ. އިސްރާއީލު ސިފައިންގެ ތެރެއިން މަރުވި ޖުމްލަ މީހުންގެ ޢަދަދު 73 ކަމަށް ވެސް ބުންޏެވެ.
ޣައްޒާއަށް ދެމުންދާ ޙަމަލާތައް
އަނެއްކޮޅުން ބަލާއިރު އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތައް ރޭގައި ވެސް އަދި މިއަދުވެސް ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ. އިސްރާއީލު ބުނާގޮތުގައި އެމީހުން މިހާތަނަށް ވަނީ 500 އަމާޒަކަށް ޙަމަލާދީފައެވެ. އެއީ އުތުރު ޣައްޒާއާއި ޣައްޒާގެ އައްސޭރިފަށުގެ ސަރަޙައްދެވެ.
ޖަޒީރާ ބުނާގޮތުގައި އިސްރާއީލުން އެންމެ ބޮޑަށް ޙަމަލާދީފައި ވަނީ ބައިތު ޙާނޫނަށެވެ. އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ޣައްޒާގައި ވަނީ 436 މީހަކު ޝަހީދުވެފައެވެ. އޭގެ ތެރޭގައި 78 ކުޑަކުދިން ހިމެނެއެވެ. މި ޙަމަލާތަކުގެ ސަބަބުން 2،300 މީހުން ވަނީ ޒަޚަމުވެފައެވެ. އިސްރާއީލުގެ ޙަމަލާތަކުގެ އަމާޒަކީ ޙަމާސްގެ މަރްކަޒުތަކާއި ޣައްޒާގެ ބިނާރުތަކާއި ޢާންމުން ދިރިއުޅޭ ބޮޑެތި ޓަވަރުތަކެވެ.



advertisment