އެމެރިކާގެ "ދޮންދަރި" އިސްރާއީލަށް އެހީވުމަށް ޓަކައި މަތިންދާބޯޓު އުފުލާ މަނަވަރެއް އިސްރާއީލު ކައިރިއަށް ދިޔުމަށް އަމުރުކޮށްފި ކަމަށް ބީބީސީން ބުނެފިއެވެ. މިއީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފަށައިފައިވާ ނިރުބަވެރި ހަނގުރާމައަށް ބޭނުންވާ އެހީވުމަށް ފޮނުވި ޢަސްކަރީ ބާރެކެވެ.
އެމެރިކާގެ ދިފާޢީ ވަޒީރު ލުއިޑް އޮސްޓަން ހާމަކުރެއްވި ގޮތުގައި މެދުއިރުމައްޗަށް ފޮނުވުމަށް ހަމަޖެހިފައި ވަނީ ޖެރަލްޑް ފޯޑް އުޅަނދެވެ.
އޮސްޓަން ވިދާޅުވިއެވެ. "އިސްރާއީލަށް ހަނގުރާމަމަތީ ހަތިޔާރުތަކާއި ވަސީލަތްތައް ވަރަށް އަވަހަށް ފޮނުވާނަމެވެ. އަދި ނިރުބަވެރި ޙަމަލާތައް ހުއްޓުވުމަށާއި އެކަމުން ދިފާޢުވުމަށް ބޭނުންވާ ހަތިޔާރާއި ސާމާނާއި އާލަތްތައް ފޮނުވާނަމެވެ. އިސްރާއީލަށް ބޭނުންވާ ހުރިހާ އެހީއެއް ދިނުމަށް ރައީސް ބައިޑްން ވަނީ އަމުރުކުރައްވައިފައެވެ."
އެމެރިކާގެ މެދުތެރޭ ބާރުގެ ކޮމާންޑަރު މައިކަލް ކޮރެލާ ރޭ ހާމަކރެއްވި ގޮތުގައި "އަހުރެމެންނާއި ސަރަޙައްދުގައި ތިބި އަހުރެމެންގެ ބައިވެރިން މި ތިބީ އިސްރާއީލާއެކުގައެވެ. މި ހާރު ހިނގަމުންދާ ހަނގުރާމަ ފުޅައުވެގެން ދިޔަ ނުދިނުމަށް އެމެރިކާއިން ފިޔަވަޅުތައް އަޅާނެއެވެ."
އެމެރިކާގެ މަނަވަރުގައި 5،000 ސިފައިން ތިބޭނެއެވެ. މަތިންދާބޯޓު އުފުލާ މަނަވަރާއެކު ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި ޑިސްޓްރޯޔަރު މަނަވަރުތަކާއި އަމާޒުހިފެނިވި މިސައިލްތައް ފޮނުވޭނެއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމެރިކާއިން ޙަމާސަށް ހަތިޔާރު ލިބުން މަނާކުރާނެއެވެ. އަދި މެދުއިރުމައްޗަށް ފާރަލައި ޖާސޫސީ މަޢުލޫމަތުތައް ޖަމާކޮށް އެއިން އިސްރާއީލަށް ވާގިވެރިވާނެއެވެ.
ޖަޒީރާ ބުނާގޮތުގައި ފޯޑް މަނަވަރު ދެ ދުވަހެއްގެ ތެރޭގައި މެޑިޓެރޭނިއަން ކަނޑުގެ އިރުމަތީ ބިތަށް ވާޞިލުވާނެއެވެ. ޖަޒީރާއިން އެމެރިކާގެ ޢަސްކަރީ މަސްއޫލުވެރިއަކާ ޙަވާލާދީ ބުނިގޮތުގައި ޢަސްކަރީ އެހީތަކާއި ވަޒަންތަކާއި އުންޑަތައް އިސްރާއީލަށް ދޭނީ އިސްރާއީލުގައި ގުދަންކޮށްފައި ހުރި އެމެރިކާގެ ގުދަންތަކަކުން ނޫނެވެ.
ބައިޑްންގެ އިތުރު އެހީ
އެމެރިކާގެ ވޮޝިންގްޓަން ޕޯސްޓް ބުނާގޮތުގައި އިސްރާއީލުން ވަނީ އެމީހުންނަށް ބޭނުންވާ އެހީގެ ބާވަތްތައް ކަނޑައަޅައި ލިސްޓެއް ފޮނުވައިފައެވެ.
މި ނޫސް ބުނާގޮތުގައި ވޮޝިންގްޓަންގެ ކިބައިން އިސްރާއީލު އެދިފައިވާ ކަންތައްތަކުގެ ތެރޭގައި އެމީހުންގެ ދިފާޢީ ނިޒާމު ދަގަނޑު ޤުއްބު އައުކޮށްދިނުމާއި ބޮމާއި ވަޒަނާއި އުންޑަ ދިނުން ހިމެނެއެވެ. މީގެއިތުރަށް ދެކުނު ލުބްނާނުގައި ހިނގަމުންދާ ޢަސްކަރީ ޙަރަކާތްތަކާ ބެހޭ ޖާސޫސީ މަޢުލޫމާތު ބަދަލުކުރުމަށް ވެސް އެދިފައި ވެއެވެ.
ވައިޓްހައުސް ބުނާގޮތުގައި އެމެރިކާގެ އަމްނާއި ސަލާމަތާ ބެހޭ ޓީމުން ރައީސް ބައިޑްނަށް ވަނީ އިސްރާއީލުގެ ޙާލަތާ ބެހޭގޮތުން މަޢުލޫމާތު އަރުވައިފައެވެ. މި މަޢުލޫމާތު ލިބިވަޑައިގަތުމުން ރައީސް ބައިޑްން ވަނީ އަވަހަށް އިސްރާއީލަށް އެހީ ފޮނުވުމަށް އަމުރުކުރައްވައިފައެވެ.



advertisment