Support Us

އިސްލާމީ ބޮޑެތި މުއައްސަސާތަކުން ބަޔާންތައް ނެރެން ފަށައިފި

ފަލަސްޠީނުގެ މުޖާހިދުންނާއި ފަލަސްޠީނު ރައްޔިތުން އިސްރާއީލުގެ ޢުދްވާނާ ދެކޮޅަށް ކުރަމުންދާ ޖިހާދަށް ތާއީދުކޮށް އަޒްހަރު ފަދަ އިސްލާމީ ބޮޑެތި މުއައްސަސާތަކުންނާއި ޖަމްޢިއްޔާތަކުން ބަޔާންތައް ނެރެން ފަށައިފިއެވެ.

އަޒްހަރުން ނެރުނު ބަޔާނުގައި ދުނިޔެ އެއްވެސް އެއްޗެއް ނުބުނެ ހަނުހިމޭނުންލައިގެން އޮތީތީ އެކަމާ ދެކޮޅަށް ފާޑުކިޔައި އިސްރާއީލުގެ ޢުދްވާނުގެ ސަބަބުން ޝަހީދުވި ފަލަސްޠީނު މީހުންނަށާއި ޢާއިލާތަކަށް ތަޢުޒިޔާ ކިޔައިފައިވެއެވެ. އިސްރާއީލުގެ އަނިޔާވެރިކަމާއި ނިރުބަވެރި ޢަމަލުތަކުގެ ކުރިމަތީގައި ސާބިތުވެ ތިބުމުގައި ކެތްތެރިކަމާއި ވާގިވެރިކަން ދެއްވުމަށް މާތްﷲއަށް ދަންނައިވައިފައި ވެއެވެ. ޣައްޒާގެ ކުށެއްނެތް ޢާންމުންގެ ގެދޮރުތައް އިސްރާއީލުން ތަޅައި ކުދިކުދިކޮށް ނައްތައިލަމުންދާއިރު ދުނިޔެ އެއްޗެއް ނުބުނެ އޮންނާތީ އެކަމާމެދު ލަދުވެތިވާންޖެހޭ ކަމަށް ވެސް އަޒްހަރުގެ ބަޔާނުގައި އައިސްފައި ވެއެވެ.

އަޒްހަރުގެ އެކްސް ޞަފްޙާގައި ޝައިޚުލް އަޒްހަރު ފަޟީލަތުއް ޝައިޚު ޑރ. އަޙްމަދުއް ޠައްޔިބު ޝާއިޢި ކުރެއްވި މި ބަޔާނުގައި ވިދާޅުވެފައި ވެއެވެ. "އިސްލާމީ އުންމަތުގެ ޝަހީދުންނަށް ޓަކައި އިޚްލާޞްތެރި ތަޢުޒިޔާއާއި ހަމްދަރްދީ ފާޅުކުރަމެވެ. އެމީހުންނަށް ޝަހީދުކަން ލިބިގެން އެ ދިޔައީ އެމީހުންގެ އުންމަތާއި ވަޠަނާއި އެމީހުންގެ ޤަޟިއްޔާއަށް ޓަކައެވެ. އެއީ ފަލަސްޠީނުގެ ޤަޟިއްޔާއެވެ."

އަޒްހަރުގެ ޝައިޚުގެ ބަޔާނުގައި ހެޔޮ ވިސްނުމާއި ޙިކްމަތްތެރިކަމުގެ ނަޒަރުން ފަލަސްޠީނުގެ މަސްއަލައާމެދު ވިސްނުމަށް ދުނިޔެއަށް ގޮވައިލައިފާ ވެއެވެ. ފަލަސްޠީނުގެ ބިން ޞިހްޔޫނީން ހިފައިގެން އޮތްއޮތުމަކީ ދުނިޔޭގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް އެހެން ބައެއްގެ ބިން ހިފައިގެން އޮތް އޮތުން ކަމަށް އަޒްހަރުން ބުނެފައިވެއެވެ.

އޒްހަރުން ބުނިގޮތުގައި މިއީ އިންސާނިއްޔަތާއި ބައިނަލް އަޤްވާމީ މުޖްތަމަޢުގެ މޫނުމަތީގައި ޖެހިފައިވާ މަލާމާތުގެ ލައްގަނޑެކެވެ. އަޒްހަރުގެ ބަޔާން ބުނާގޮތުގައި ފަލަސްޠީނުގެ މަސްއަލައިގައި ބައިނަލްއަޤްވާމީ މުޖްތަމަޢުން ކިރަނީ ދެ މިންގަނޑުންނެވެ.

މިޞްރުގެ މުފްތީ ޑރ. ޝައުޤީ ޢައްލާމު ނެރުއްވި ބަޔާނުގައި ކަށަވަރުކޮށްދެއްވައިފައިވާ ގޮތުގައި "ފަލަސްޠީނުގެ ޤަޟިއްޔާއަކީ ހުރިހާ މުސްލިމުންގެ މަސްއަލައެކެވެ. އެއީ ކިތަންމެ ޒަމާނެއް ވިޔަސް ވެއްޓިގެންދާނެ ޤަޟިއްޔާއެއް ނޫނެވެ. އެ ޤަޟިއްޔާ މުސްލިމުންގެ ހިތްތަކުގައި ދިރި ދެމިއޮންނާނެއެވެ. މުސްލިމުން ފަލަސްޠީނުގެ މަސްއަލައަށް އިސްކަންދެނީ އެއީ މުސްލިމުންގެ މަސްއަލައަކަށް ވާތީއެވެ. އަޤްޞާ މިސްކިތާއި ޤުދްސާ ގުޅިފައިވާ މަސްއަލައަކަށް ވާތީއެވެ.".

ޢުމާނުގެ މުފްތީ އައްޝައިޚު އަޙްމަދު ބިން ޙަމަދުލް ޚަލީލީ ކުރެއްވި އެކްސްގައި އަނިޔާވެރި ދުޝްމަނުންނާ ކުރިމަތިލުމުގައި ފަލަސްޠީނުގެ މުޖާހިދުންނަށް ވާގިވެރިކަން ދެއްވުމަށް އޭނާ މާތްﷲ އަށް ދުޢާ ދަންނަވައިފައި ވެއެވެ.

ފަލަސްޠީނު މީހުންނަށް ނަޞްރުދެއްވުން އެދި ނަމާދުގައި ދުޢާކުރުމަށާއި ޤުނޫތު ކިޔުމަށް މުސްލިމު ޢިލްމުވެރިންގެ ޢާލަމީ އިއްތިޙާދުން ނެރުނު ބަޔާނުގައި އުންމަތުގެ ޢިލްމުވެރިންނަށާއި ޝައިޚުންނަށާއި ކީރިތި ޤުރްއާން ހިތުދަސް މީހުންނަށް ގޮވައިލައިފައި ވެއެވެ.

ޢިރާޤުގެ ޢިލްމުވެރިންގެ ވިދާރާއިން ބުނިގޮތުގައި އެ ވިދާރާއިން އަޤްޞާ ޠޫފާނުގެ ހަނގުރާމަ ހިނގަމުންދާގޮތް އެ ވިދާރާއިން ބަލަމުން ދަނީ ފަޚްރުވެރިކަމާއެކުގައެވެ. މި ހަނގުރާމައިގެ ސަބަބުން ފަލަސްޠީނު ޤަޟިއްޔާ އަށް އައު މާދަލާއެއް އަންނާނެކަމަށް ވެސް ޢިރާޤުގެ ޢިލްމުވެރިން ވިދާޅުވިއެވެ.

ޖަޒާއިރުގެ ޢިލްމުވެރިން ނެރުއްވި ބަޔާން ބުނާގޮތުގައި އަޤްޞާ ޠޫފާނަކީ ފަލަސްޠީނު އިސްރާއީލު މަސްއަލައަށް އައު އިސްތިރާޖީއެއް ގެނުވާނެ ކަމެކެވެ. ޖަޒާއިރުގެ ޢިލްމުވެރިން މުސްލިމުންނަށް ފަލަސްޠީނުގެ މުޖާހިދުންނަށް ހުރިހާ ވަސީލަތްތަކަކުން ވާގިވެރިވުމަށް ގޮވައިލައިފާ ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *