Support Us

ފަލަސްޠީނުގެ ހަނގުރާމަވެރިން އިސްރާއީލުގެ 35 މީހަކު އަސީރުކޮށްފި

މިއަދު ހެނދުނު ފަލަސްޠީނުގެ ހަނގުރާމަވެރިން އިސްރާއީލާ ދެކޮޅަށް ފެށި "އަޤްޞާ ޠޫފާން" ޙަމަލާގައި މިހާތަނަށް އިސްރާއީލުގެ 35 މީހަކު އަސީރުކޮށްފިއެވެ.

އިސްރާއީލުގެ ރޭޑިއޯއިން ބުނާގޮތުގައި އަސީރުކުރި ބައެއް މީހުން  މިހާރު ވަނީ ޣައްޒާއަށް ގެނެސްފައެވެ. އޭގެތެރޭގައި މަރުވެފައިވާ މީހުން ވެސް ހިމެނެއެވެ. 

ފަލަސްޠީނުން މިއަދު ފެށި ޙަމަލާއަށް ރައްދު ދިނުމަށް ޓަކައި އިސްރާއީލުން ވަނީ "ދަގަނޑު ކަނޑީގެ" ޙަމަލާގެ ނަމުގައި ޣައްޒާއަށް ޙަމަލާދޭން ފަށައިފައެވެ. 

މި ރޭޑިއޯ ބުނާގޮތުގައި އިސްރާއީލު ސިފައިން މިހާރު ވަނީ ޤުދްސުގެ ވަށައިގެންވާ ހުރިހާ ސަރަޙައްދުތަކެއް ވަރުގަދައަށް ބަންދުކޮށްފައެވެ. 

އިސްރާއީލު ތައްޔާރީ ޙާލަތަށް

ފަލަސްޠީނުގެ ޙަމަލާއާ ވިދިގެން އިސްރާއީލުގައި މިހާރުވަނީ ހަނގުރާމައިގެ ތައްޔާރީ ޙާލަތު އިޢުލާންކޮށްފައެވެ. އިސްރާއީލުގެ ދިފާޢީ ވަޒީރު ވިދާޅުވާގޮތުގައި ރިޒަރވް ސިފައިން ޚިދްމަތަށް ނެރުމަށް އޭނާ ވަނީ އެއްބަސްވެވަޑައިގެންފައެވެ.

އިސްރާއީލުގެ ދިފާޢީ ވަޒީރު މިހާރު ވަނީ އިސްރާއީލުގެ އެތެރޭގައި ކުއްލި ޙާލަތު އިޢުލާންކޮށް ދިގު މުއްދަތަކަށް ހަނގުރާމައަށް  ތައްޔާރުވުމަށް އަމުރުކުރައްވައިފައެވެ. މިއަދު ހެނދުނު ޙަމާސްގެ ޤައްސާމު ޖަމާޢަތުން ފެށި އަޤްޞާ ޠޫފާނާ ވިދިގެން އިސްރާއީލު- ޣައްޒާ ސަރަޙައްދީ ރޮނގު ކައިރީގައި އިސްރާއީލު ސިފައިންނާއި ފަލަސްޠީނުގެ ހަނގުރާމަވެރިންނާ ދެމެދުގައި ދަނީ ކުރިމަތިލުންތައް ހިނގަމުންނެވެ. މި ކުރިމަތިލުންތައް އެންމެ ބޮޑަށް ހިނގަމުންދަނީ ޣައްޒާގެ އިރުމަތީ ސަރަޙައްދުގައި ކަމަށް ޚަބަރު ލިބެއެވެ.

ޝަރަފުގެ ހަނގުރާމައެއް

އަނެއްކޮޅުން ބަލާއިރު ޙަމާސް ޖަމާޢަތުގެ ސިޔާސީ އޮފީހުގެ ރައީސް އިސްމާޢީލު ހަނިއްޔާ ވިދާޅުވި ގޮތުގައި ޙަމާސުން މިހާރު ކުރަމުންދާ ހަނގުރާމައަކީ ޝަރަފާއި ޢިއްޒަތާއި ކަރާމަތުގެ ހަނގުރާމައެކެވެ. އެއީ އަޤްޞާ ޙިމާޔަތް ކުރުމަށް ކުރާ ހަނގުރާމައެކެވެ. 

އިސްމާޢީލު ހަނިއްޔާ ވިދާޅުވާ ގޮތުގައި މި ހަނގުރާމަ ޣައްޒާއިން ހުޅަނގު އައްސޭރިއަށް ހުޅަނގު އައްސޭރިން ބޭރަށް ނުކުންނާނެއެވެ. 

ހަނިއްޔާ ވިދާޅުވާގޮތުގައި ޣައްޒާ ޙިޞާރުކޮށްގެން އުޅޭ ޢަދުއްވުން ރާވަމުންގޮސްފައި ވަނީ ކުއްލިއަކަށް ޣައްޒާއަށް ޙަމަލާދީ ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ޢުދްވާނީ ޢަމަލުތައް ކުރިއަށް ގެންދިޔުމަށެވެ. އޭނާ ވިދާޅުވި ގޮތުގައި 1948ގެ ބިމުގައި ދިރިއުޅޭ ފަލަސްޠީނު މީހުންނާ ދެކޮޅަށް ހިންގާ އެންމެހާ ޢަމަލުތަކެއްގެ ފަހަތުގައި އޮތީ އިސްރާއީލެވެ.

ހަނިއްޔާ ވިދާޅުވިއެވެ. "އަޤްޞާގެ ޙުރްމަތް ކަނޑައި އެ މާތް މިސްކިތް ނަޖިސްކުރަމުންދާއިރު ދުނިޔެ ހަނުހިމޭނުން އޮތަސް އަހުރެމެން ހަނުހިމޭނަކުން ނުތިބޭނަމެވެ." 

  

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *