Support Us

ޙުއްވާރާ ބަންދުކޮށް ހުޅަނގު އައްސޭރީގައި ޢުދްވާނީ ޙަމަލާތައް ކުރިއަށް 

ޔަހޫދީ ވަޒަންވެރިންގެ ވަޒަނަކުން ޝަހީދުވި ޙުއްވާރާގެ މީހެއްގެ ޖަނާޒާގެ ތެރޭގައި އިސްރާއީލު ސިފައިންނާ ފަލަސްޠީނުގެ ޒުވާނުންނާ ދެމެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް މިއަދުގެ ހުކުރު ނަމާދަށް ފަހު ހިނގައިފިއެވެ.

ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާ ބުނާގޮތުގައި ޙުއްވާރާއިން ޝަހީދުވި ޒުވާނަކީ ލަބީބު ޟުމައިދީ އެވެ. ޙުއްވާރާއަކީ ހުޅަނގު އައްސޭރީގެ ނާބްލުސްގެ ދެކުނުގައި އޮންނަ ރަށެކެވެ.

ފަލަސްޠީނުގެ ރެޑް ކްރެސެންޓް ޖަމްޢިއްޔާއިން ބުނާގޮތުގައި އިސްރާއީލު ސިފައިންނާއި ޔަހޫދީ ވަޒަންވެރިން މި ރަށަށް ދިން ޢުދްވާނުގައި 58 މީހަކު ޒަޚަމުވިއެވެ. ގިނަ ބަޔަކު ޒަޚަމުވީ ނޭވާ ހާސްވެގެންނެވެ.

ޙުއްވާރާގެ ރަށު މަޖިލީހުގެ ރައީސް މުޢީނުއް ޟުމައިދީ ޖަޒީރާއަށް ވިދާޅުވިގޮތުގައި އިސްރާއީލު ސިފައިން މީހަކު ހައްޔަރުކުރަން ވެގެންނޭ ކިޔައިފާ ޙުއްވާރާއަށް އަރައި އެ ރަށުގެ ގެއެއް ޙިޞާރު ކުރީއެވެ.އޭނާ ވިދާޅުވިގޮތުގައި އިސްރާއީލު ސިފައިން އެމްބިއުލެންސަށް އެ ހިސާބަށް ދިޔުން މަނާކުރިއެވެ.

ޖަޒީރާ ބުނާގޮތުގއި ރޭ ދަންވަރު ޔަހޫދީ ވަޒަންވެރިންތަކެއް އިސްރާއީލު ސިފައިންގެ ޙިމާޔަތުގައި ޙުއްވާރާއަށް އަރައި އެ ރަށުގެ ގެތަކަށް ޙަމަލާދޭން ފެށިއެވެ.ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ޓަކައި އިސްރާއީލުން ވަނީ ޙުއްވާރާގެ ފިހާރަތައް ވެސް މިއަދު ބަންދުކުރުވައިފައެވެ.

ޙުއްވާރާގެ މެދުތެރެއިންލައިފާ ޔަހޫދީ ވަޒަންވެރިން ރޭގަނޑާއި ދުވާލުގެ ވަގުތުތަކުގައި މަގު ހުރަސްކުރާތީ އިސްރާއީލު ސިފައިން ވަނީ ބަލައި ފާސްކުރުމުގެ އެތައް ނުކުތާތަކެއް ޤާއިމުކޮށްފައެވެ.

އިސްރާއީލުގެ "ޓައިމްޒް އޮފް އިސްރާއީލު" ދުވަހު ނޫސް ބުނާގޮތުގައި ބޮޑުވަޒީރު ނަތްންޔާހޫ އެ ވިދާޅުވާ ހުޅަނގު އައްސޭރީގެ ނިރުބަވެރިކަން ނައްތައިލުމަށް ޓަކައި ފިޔަވަޅު އެޅުއްވުމަށް އިސްރާއީލުގެ ޢަސްކަރީ އިސް މަސްއޫލުވެރިންނަށް ވަނީ އަމުރުކުރައްވައިފައެވެ. ހުޅަނގު އައްސޭރީގައި ވަޒަންވެރި ކުރުވައިފައިވާ ޔަހޫދީން ޙިމާޔަތް ކުރުމަށް ޓަކައި އިތުރު ފިޔަވަޅުތައް އެޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށާއި ޢަސްކަރިއްޔާއަށް އަމުރުކުރައްވައިފައެވެ.

ހުއްވާރާގެ އިތުރަށް އިސްރާއީލު ސިފައިން މިއަދު ހެނދުނު ވަނީ ޠަލްކަރަމު ފޭލިގެ އަވަށަށް އަރައިފައެވެ. އެ ސަރަޙައްދުގައި ދެ ކުރިމަތިލުމެއް ހިނގިއެވެ. މި ކުރިމަތިލުންތަކުގެ ސަބަބުން ފަލަސްޠީނުގެ ޒުވާނަކު ޝަހީދުވިއެވެ.އަދި އިސްރާއީލު ސިފައިންގެ ފަސް މީހަކު ޒަޚަމުވިއެވެ. އޭގެތެރެއިން އެކެއްގެ ޙާލު ނާޒުކުކަމަށް ބުނެވެއެވެ.

އިސްރާއީލުގެ މި ޢަމަލުތަކާ ވިދިގެން ފަލަސްޠީނުގެ ރިޔާސީ އޮފީހުން ބުނިގޮތުގައި "މިހާރު އިސްރާއީލުން އެ ވަނީ ހުރިހާ ރަތް ރޮނގުތަކެއް ފަހަނަޅައިގޮސްފަ"އެވެ.

ފަލަސްޠީނުގެ ރިޔާސީ ތަރްޖަމާން ނަބީލް އަބޫ ރުދައިނާ ފަލަސްޠީނުގެ ރަސްމީ ޓީވީއަށް ވިދާޅުވިގޮތުގައި އިސްރާއީލު ސިފައިން ހިންގަމުންދާ މި ޖަރީމާތަކުގެ މަސްއޫލިއްޔަތު އިސްރާއީލާއި އެމެރިކާއިން ތަޙައްމުލު ކުރަން ޖެހޭނެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ޔަހޫދީ ވަޒަންވެރިން ހުޅަނގު އައްސޭރީގެ ރަށްތަކަށް 1،148 ޙަމަލާދީފައި ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *