ޖައްވު ހޫނުވުން މައްޗަށް ދިޔުމުގެ ސަބަބުން 2016 އާއި 2021 އާ ދެމެދުގައި ދުނިޔެއަށް އައި ފެންބޮޑުވުންތަކާއި ޠޫފާންތަކާއި ހަނަފަސްކަމުގެ ސަބަބުން 43 މިލިޔަނަށްވުރެ ގިނަ ކުޑަކުދިންނަށް ހިޖްރަކުރުން މަޖްބޫރުވިކަމަށް ކުޑަކުދީންނާ ބެހޭ އދގެ ޖަމްޢިއްޔާ ޔުނިސެފުން ހާމަކޮށްފިއެވެ.
ޔުނިސެފުން އިއްޔެ ނެރުނު ރިޕޯޓު ބުނާގޮތުގައި ކުރިއަށް އޮތް 30 އަހަރުގެ ތެރޭގައި އިތުރު 100 މިލިޔަން ކުދިން ވިއްސިވިހާލިވެގެންދާނެ ކަމުގެ ބިރު އެބަ އޮތެވެ.
އެ ރިޕޯޓު އިންޒާރުކުރާ ގޮތުގައި މިއީ ހަމަ ފެށުމެކެވެ. ޔުނިސެފް ބުނާގޮތުގައި މޫސުމާގުޅޭ ޠޫފާނުތައް ދަނީ ތަކްރާރުވަމުން އިތުރަށް ހަރުކަށިވަމުންނެވެ. ބިމުގެ ޖައްވީ ފަށަލައިގެ ހޫނުކަން އިތުރުކުރާ ގޭސްތަކުގެ ސަބަބުން ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި 44 ޤައުމެއްގައި ދުވާލަކު 44 ހާސް ކުޑަ ކުދިންނަށް އަމިއްލަ ގެދޮރާއި ބިން ދޫކޮށް ހިޖްރަކުރަން ވަނީ މަޖްބޫރުވެފައެވެ. މި ކުދިންގެ ތެރެއިން 95% ކުދިން ނަށް ހިޖްރަކުރަން ޖެހިފައި ވަނީ ފެންބޮޑުވުންތަކުގެ ސަބަބުންނެވެ.
ޔުނިސެފްގެ ރިޕޯޓު ތައްޔާރުކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ލޯރާ ހެލީ ފަރަންސޭސި ނޫސް އޭޖެންސީއަށް ވިދާޅުވިގޮތުގައި ތަޞައްރުފުނުފުދޭ ކުދިން ޢާއިލާއާ ވަކިވުމުން ވަގުފާރިކުރާ ވިއުގަތަކުގެ ނުރައްކަލަށް ހާސާވެގެންދާ ކަން ވެސް ފާހަގަ ކުރެވެއެވެ.
ކުޑަކުދިން ގެދޮރު ދޫކޮށް ދިޔުން
މި ރިޕޯޓު އަންދާޒާ ކުރާގޮތުގައި ކުރިއަށް އޮތް 30 އަހަރުގެ ތެރޭގައި ކޯރުތައް ބަންޑުން ދިޔުމުގެ ސަބަބުން 96 މިލިޔަން ކުޑަކުދިންނަށް ގެދޮރު ދޫކޮށް ދާންޖެހޭނެއެވެ. މި ރިޕޯޓު ލަފާކުރާގޮތުގައި ޠޫފާނާއެކު އަންނަ ގަދަ ވައިގެ ސަބަބުން 3.10 މިލިޔަން ކުޑަކުދިންނަށް ގެދޮރު ދޫކޮށް ދާންޖެހޭނެއެވެ.
މި ރިޕޯޓު ބުނާގޮތުގައި މޫސުމުގެ ނުރައްކާތެރިކަމަށް ހާސްވަމުންދާ ކުޑަކުދިން އެންމެ ގިނައީ ފިލިޕީންސާއި ޗައިނާއެވެ. ފެންބޮޑުވުުގެ ކާރިސާތަކަށް ހާސާވަމުންދާ ކުޑަކުދިން އެންމެ ގިނައީ ޞޫމާލާއި ދެކުނު ސޫދާނެވެ. ޠޫފާންތަކަށް އެންމެ ގިނައިން ހާސާވަމުންދަނީ ވަނުއާޓޫއާއި ޑޮމިނިކާގެ ކުޑަކުދިންނެވެ. ޖަންގަލި ރޯވުމުގެ ސަބަބުން އެންމެ ގިނައިން ތަން ދޫކޮށް ފައިބާފައި ވަނީ ކެނެޑާއާއި އިސްރާއީލާއި އެމެރިކާ ގައެވެ. ހަނަފަސްކަމުގެ ސަބަބުން އެންމެ ގިނަ ބަޔަކު ބިން ދޫކޮށް ގޮސްފައި ވަނީ ޞޫމާލުގައެވެ.