Support Us

އެމެރިކާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހައުސްގެ ރައީސް ޢަޒްލުކޮށްފި

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ކެވިން މެކާތީ މަޤާމުން ޢަޒްލުކުރުމަށް ހައުސްގެ އަޣުލަބިއްޔަތުން ރޭ ފާސްކޮށްފިއެވެ. މިއީ އެމެރިކާގެ ތާރީޚުގައި ހައުސްގެ ރައީސަކު ޢަޒްލުކުރެވުނު ފުރަތަމަ ފަހަރެވެ. 

މެކާތީއަކީ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ. އޭނާ އެ މަޖިލީހުގެ ރައީސްކަމުން ވަކިކުރަން 216 މެންބަރުން ވޯޓު ދެއްވިއެވެ. އޭނާ ޢަޒްލުކުރުމާ ދެކޮޅަށް ވޯޓު ދެއްވީ 210 މެންބަރުންނެވެ. 

މެކާތީ ރައީސްކަމުން ވަކިކުރުމުން ވަގުތީގޮތުން އެ މަޖިލީހުގެ ރައީސްކަމާ ޙަވާލުވެވަޑައިގަތީ ޕެޓްރިކް މެކްހެންރީއެވެ.

މިކަމާވިދިގެން އެމެރިކާގެ ރައީސް ބައިޑްން ވިދާޅުވިގޮތުގައި އޭނާ "ދެ ޕާޓީއާއެކު މަސައްކަތް ކުރެއްވުމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވައެވެ." އޭނާ ވިދާޅުވިގޮތުގައި އެ މަޖިލީހުން އެ މަޖިލީހުގެ ރިޔާސަތަށް ބޭފުޅަކު އިސްކުރުމާއެކު އޭނާ އެ ބޭފުޅަކާއެކު މަސައްކަތްޕުޅު ކުރައްވަން ފަށްޓަވާނެއެވެ. ބައިޑްން  ވިދާޅުވިއެވެ. "އަހުރެން އުންމީދު ކުރަނީ ހައުސްއިން ވަރަށް އަވަހަށް ރައީސަކު ޢައްޔަން ކުރާނެ ކަމަށެވެ." 

ވަރަށް ދަތި ޙާލަތެއް

ދީމުޤްރާޠީ މެންބަރު ޖެރީ ކޮނޮލީ ވިދާޅުވިގޮތުގައި ޖުމްހޫރީން ތިއްބެވީ ވަރަށް ދަތި ޙާލަތެއްގައެވެ. އެބޭފުޅުން މަސައްކަތްޕުޅު ކުރައްވަނީ އަޣުލަބިއްޔަތު ލިބިވަޑައިގަންނަވާނެ ބޭފުޅަކު ހޯއްދަވާށެވެ. އޭނާ ވިދާޅުވި ގޮތުގައި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސްކަމަށް ދީމުޤްރާޠީން ހުށައަޅުއްވާ ބޭފުޅަކީ ޙަކީމު ޖެފްރީޒެވެ. ޖުމްހޫރީން އަދި ބޭފުޅަކު ހުށައެއް ނާޅުއްވައެވެ.

ސީއެންއެން ބުނާގޮތުގައި ދެ ޕާޓީން ވަކިވަކިން ބައްދަލުވުންތައް މިއަދު ބާއްވައި ބޭފުޅަކު ޢައްޔަން ކުރާނެއެވެ.

ދީމުޤްރާޠީން ވިދާޅުވާ ގޮތުގައި މެކާރތީ ވަނީ ހައުސް ވާކޮށްލައްވައިފައެވެ. ދީމުޤްރާޠީން ވިދާޅުވާ ގޮތުގައި އެ ޕާޓީން އެއްބަސްވެފައިވާ އެއްބަސްވުންތަކަށް މެކާތީ ޢަމަލެއް ނުކުރައްވައެވެ. 

ޖުމްހޫރީ ޕާޓީގެ މެންބަރެއް ކަމުގައިވާ ނެންސީ މައިސް ވިދާޅުވާގޮތުގައި މެކާތީއަކީ އެއްވެސް ޕާޓީއަކާއެކު ތެދުވެރިވެ ވަޑައިގެންނެވި ބޭފުޅެއް ނޫނެވެ. އޭނާ ރައީސްކަމުގައި ހުންނަވައިފިނަމަ މަޖިލިސް ދާނީ އިތުރަށް ގަޑުބަޑުވަމުންނެވެ.

މެކާތީ ހައުސްގެ ރައީސްކަމަށް އިންތިޚާބު ކުރެވުނީ ވެސް ވަރަށް ބުރަ ވާހަކަދެއްކުންތަކަކަށް ފަހުގައެވެ.

އެމެރިކާގައި ހައުސްގެ ރައީސަކީ ދައުލަތުގެ ސިޔާސީ ނިޒާމުގައި ތިންވަނައަށް އެންމެ އިސް މަޤާމެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *