Support Us

ޔަހޫދީންނަށް ކޮންމެ ވަގުތެއްގައި ވެސް އަޤްޞާ އަށް ވަނުމުގެ ހުއްދަ ދިނުމަށް އެދިއްޖެ

ޔަހޫދީންނަށް ކޮންމެ ވަގުތެއްގައި ވެސް އަޤްޞާ މިސްކިތަށް ވަދެ އަޅުކަންކުރުމުގެ ހުއްދަ ދިނުމަށް އިސްރާއީލުގެ ޤައުމީ ސަލާމަތާބެހޭ ހައްދުފަހަނަޅައިފައިވާ ދީނީ ވަޒީރު އީތުމާރު ބިން ޣަފީރު މިއަދު އެދިއްޖެއެވެ.

އިސްރާއީލުގެ ހާ އާރްޓިސް ދުވަހު ނޫސް ބުނާގޮތުގައި ކަނާތުފިޔައިގެ ސިޔާސީ ދީނީ ޕާޓީއެއް ކަމުގައިވާ "ޔަހޫދީ ބާރު" ޕާޓީގެ ޒަޢީމު މި ކަމަށް އެދުނީ އިސްރާއީލުގެ ބަރްލަމާން ކަނީސަތުގެ ކަނާތު ފިޔައިގެ މެންބަރުންނަށް ފޮނުވި ސިޓީއެއްގައެވެ. އަޤްޞާ މިސްކިތް ބަލަހައްޓާ އައުޤާފުގެ އިދާރާއިން މިކަމާ ދެކޮޅުހެދި ނަމަވެސް އިސްރާއީލު ފުލުހުން 2003 ން ފެށިގެން ދަނީ އަޤްޞާ މިސްކިތުގެ ޙުރްމަތްކެނޑުމަށް ހުއްދަ ދެމުންނެވެ. އިސްރާއީލު ފުލުހުން ޔަހޫދީންނަށް އަޤްޞާ މިސްކިތަށް ވަދެ އެތާނގެ ޙުރްމަތް ކެނޑުމަށް ހުއްދަ ދީފައިވަނީ ހުކުރުދުވަހާއި ހޮނިހިރުދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު ހަތަރު ގަޑިއިރާއި 30 މިނެޓް އިރަށާއި މެންދުރުނަމާދަށް ފަހު އެއް ގަޑިއިރަށެވެ.

މި ނޫސް ބުނާގޮތުގައި ބިން ޣަފީރު ފޮނުވި ސިޓީގައި ހަފުތާގެ ހުރިހާ ދުވަސްތަކެއްގައި ކޮންމެ ވަގުތެއްގައިވެސް ޔަހޫދީންނަށް ހައިކަލް ފަރުބަދައަށް (އެބަހީ އަޤްޞާ މިސްކިތަށް) އަޅުކަން ކުރުމަށް ޓަކައި ވަނުމުގެ މަސްއަލައާމެދު މަޝްވަރާކުރުމަށް ޓަކައި ކެބިނެޓްގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވައި ދިނުމަށް ވަނީ ގޮވައިލައިފައެވެ.

ބިން ޣަފީރު އޭނާގެ ސިޓީގައި ބުންޏެވެ. "އަހުރެން އުންމީދުކުރަނީ މާލީ ވަޒީރު ބިތުސްއީލް ސްމޫތުރިޗް ވަޒީރުންގެ މަޖިލީހުގައި މަށަށް ތާއީދު ކުރައްވާނެ ކަމަށެވެ." ސްމުތުރިޗަކީ ބޮޑުވަޒީރު ނަތަންޔާހޫގެ ލީކޯޑް ޕާޓީގެ ބަރްލަމާނުގެ މެންބަރެކެވެ.

އިސްރާއީލުގެ ޔާހުދީ ޒަޢާމަތު (ޙާޚާމިއްޔަތު) ބުނާގޮތުގައި އެމީހުންގެ އެންމެ މުޤައްދަސް ތަނަކީ އަޤްޞާ މިސްކިތެވެ. އެހެންކަމުން އެތާނގެ ޙުރްމަތް ކަނޑައިގެން ނުވާނެއެވެ. އެހެނަސް ކަނާތު ފިޔައިގެ ޔަހޫދީން ގޮވައިލަނީ އަޤްޞާ މިސްކިތަށް ވަދެ އެތާނގައި ޔަހޫދީ ފައްޅިއެއް ޤާއިމުކުރުމަށެވެ.

ބިން ޣަފީރަކީ އޭނާއަށް ވަޒީރުކަން ލިބުނު ފަހުން އަޤްޞާ މިސްކިތުގެ ޙުރްމަތް ތިން ފަހަރު ކަނޑައިފައިވާ ޙައްދުފަހަނަޅައިފައިވާ މީހެކެވެ.

ހާ އާރްޓިސް ދުވަހު ނޫސް ބުނާގޮތުގައި އަޤްޞާ މިސްކިތް މި ވަގުތު އޮތީ ބިން ޣަފީރުގެ ބާރުގެ ދަށަކުނޫނެވެ. މި ޙާލަތު ބަދަލުނުވާނެ ކަމަށް ވެސް މި ނޫސް ބުންޏެވެ.

މި ދުވަސްވަރަކީ ޔަހޫދީ ތިން ޢީދެއް ފާހަގަކުރަމުންދާ ދުވަސްވަރެކެވެ. މި ޢީދުތައް ފެށިފައިވަނީ 29 ސެޕްޓެންބަރުގައެވެ. ނިމެނީ މި މަހު ހައެއްގައެވެ. މި ދުވަސްތަކުގައި އެމީހުންދަނީ އާދަޔާ ޚިލާފަށް އަޤްޞާ މިސްކިތަށް ވަދެ އެތާނގައި ތަލްމޫދީ އަޅުކަންތައް ބާއްވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *