ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ އަހަރެމެން އެންމެންގެ ވުޖޫދަށް އޮތް ބިރެއް ކަމަށް ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ އެންމެ އިސް ވެރިޔާ ޖޯޒިޕް ބޮރެލް ރޭ ވިދާޅުވެއްޖެއެވެ.
ކިޔީވަށް ކުރެއްވި ކުއްލި ދަތުރުފުޅުގައި ޔުކްރޭންގެ ދިފާޢީ ވަޒީރު ރުސްތުމް އޮމިރޯވާ ބައްދަލު ކުރެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައި އޭނާ ލިޔުއްވައިފައިވާ ގޮތުގައި އޮމިރޯވާއެކު މަޝްވަރާ ކުރެއްވީ ޔޫރަޕްގެ އިއްތިޙާދުން ޔުކްރޭނަށް ދެމުން ގެންދާ ޢަސްކަރީ އެހީތަކާއި މަދަދުތައް މެދުކެނޑުމެއްނެތި ދިނުމާ ބެހޭގޮތުންނެވެ. މިއީ ބޮރެލް ޔުކްރޭންގެ ދިފާޢީ ވަޒީރާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
ބޮރެލް ވިދާޅުވިއެވެ. "ޔުކްރޭނަށް ވަރަށް އަވަހަށް އިތުރު އެހީ ބޭނުން ވެއެވެ. އަހުރެމެން މި ތިބީ ދިގު މުއްދަތަކަށް ކިޔީވަށް އެހީވުމަށް ކަށަވެތިވެގެންނެވެ."
ބޮރެލް މި ދަތުރުފުޅުގައި ޔުކްރޭންގެ ރައީސް ޒިލެންސްކީއާއި ޚާރިޖީ ވަޒީރު ކޮލީބާއާ ވެސް ބައްދަލު ކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި މި ދަތުރުފުޅުގެ ބޭނުމަކީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރާ ޔުކްރޭން ސިފައިންނަށް ވާގިވެރިވުމެވެ. ބޮރެލް ވިދާޅުވި ގޮތުގައި އެމީހުން ހަނގުރާމަ ކުރަނީ "އަހުރެމެންގެ ގިޔަމުތަކަށް ޓަކައެވެ."
ޕޮލެންޑުން ޔުކްރޭނަށް އެހީވާނެ
އަނެއްކޮޅުން އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސޮލިވަން ވިދާޅުވާގޮތުގައި ރަޝިޔާއާ ދެކޮޅަށް ޔުކްރޭނުން ކުރާ ހަނގުރާމައިގައި ޕޮލެންޑުން ޔުކްރޭނަށް އެހީވާނެއެވެ. ސޮލިވަން ވިދާޅުވިގޮތުގައި ޕޮލެންޑުން ދެން ޔުކްރޭނަށް އެހީނުވާނެކަމަށް ޕޮލެންޑްގެ ބޮޑުވަޒީރު މޮރަވެސްކީ ވިދާޅުވުމުން ވޮޝިންގްޓަން ވަރަށް ކަންބޮޑުވިއެވެ.
ޕޮލެންޑުން ޔުކްރޭނަށް އެހީނުވާނެކަމަށް ބުނީ ގޮވާމުގެ ވިޔަފާރީގެ މަސްއަލައިގައި ޔުކްރޭނާއެކު ހިނގި ދެބަސްވުމަކާ ހެދިއެވެ.ސޮލިވަން ވިދާޅުވިގޮތުގައި ޕޮލެންޑުން ޔުކްރޭނަށް ހަނގުރާމައިގައި އެހީވާނެއެވެ.