Support Us

ތުރްކީގެ ސަލާމަތީ އިދާރާއަކަށް ނިރުބަވެރި ޙަމަލާއެއް ދޭން މަސައްކަތްކޮށްފި

ތުރްކީގެ ސަލާމަތާ ބެހޭ އިދާރާއެއްގެ މައިދޮރޯށި ކައިރީގައި ހަތިޔާރު އެޅި ދެ މީހަކު ދިން ޙަމަލާއެއްގެ ސަބަބުން ފުލުހުންގެ ދެ އޮފިސަރަކު ޒަޚަމުވެއްޖެކަމަށް ތުރްކީން ބުނެފިއެވެ.

މި ތަނަކީ ތުރްކީގެ ވެރިރަށް އަންކަރާގެ މެދުތެރެގައި ގަޒްލާއި ސަރަޙައްދުގައި ހުންނަ ތަނެކެވެ. އެ ހިސާބުގައި ބާރުގަދަ އެއްޗެހިތަކެއް ގޮވި އަޑާއި ބަޑީގެ ޙަމަލާތައް ބަދަލުކުރި އަޑު އިވުނު ކަމަށް ޖަޒީރާއިން ބުންޏެވެ. މި ކަމާ ވެދިގެން ތުރްކީގެ ސަލާމަތީ ބާރުތައް އެ ސަރަޙައްދަށް ގޮސް އެ ހިސާބު ބަންދުކޮށް ސަލާމަތީ ފިޔަވަޅުތައް އެޅިއެވެ. 

ތުރްކީގެ ދާޚީލީ ވުޒާރާ ބުނާގޮތުގައި ނިރުބަވެރިންގެ ދެ މީހަކު ޢަސްކަރީ އުޅަނދެއްގައި ސަލާމަތީ އިދާރާގެ މައި ދޮރޯށި ކައިރިއަށް ގޮސް އެއްޗެއް ގޮއްވައިލީއެވެ.

ތުރްކީގެ ދާޚިލީ ވަޒީރު ޢަލީ ޔަރްލީ ގާޔާ ހާމަކުރެއްވި ގޮތުގައި ހަތިޔާރުއެޅި ދެ މީހަކު އުޅަނދެއްގައި އައިސް އޭގެތެރެއިން އެކަކު އޭނާގެ ހަށިގަނޑު ގޮއްވައިލީއެވެ. ތުރްކީގެ ސަލާމަތީ ބާރުތަކުން އަނެއް މީހާއާ ކުރިމަތިލައި އޭނާ ގަޔަށް ބަޑިޖެހީއެވެ. 

ޖަޒީރާގެ ރިޕޯޓަރު ބުނާގޮތުގައި މި ތަނަކީ ތުރްކީގެ  ބަރްލަމާން ކައިރީގައި ހުންނަ ތަނެކެވެ. ޗުއްޓީ ނިމިގެން ބަރްލަމާނުގެ އައު ދައުރު ފެށުމަށް މިއަދު ވަނީ ހަމަޖެހިފައެވެ. ބަރްލަމާން ހުޅުއްވާ ދެއްވުމަށް ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން މިއަދުގެ ޖަލްސާއަށް ވަޑައިގެން ވާހަކަފުޅު ދެއްކެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ތުރްކީގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި މިއީ މިއަށްވުރެ ބޮޑު ޙަމަލާއެއް ދިނުމަށް ރާވައިފައިވާ ރޭވުމެއްގެ ތެރޭގައި ހިމެނޭ ކަމެކެވެ. ތުރްކީގެ މީޑިޔާތައް ބުނާގޮތުގައި ތުރްކީގެ  ޕްރޮސިކުޔުޓަރ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ މި މަސްއަލަ ތަޙްޤީޤު ކުރުމުގެ މަސައްކަތް ފަށައފައެވެ. މި ފަދަ ޙަމަލާތަކުގައި ތުރްކީ ސަރުކާރުން ތުހްމަތު ކުރަނީ ޕީކޭކޭއަށް ނުވަތަ ދާޢިޝްއަށެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް