ސާޅީސް ފަސް ދުވަހުގެ އިތުރު މުއްދަތަކަށް އެމެރިކާ ސަރުކާރަށް ފައިސާ ދޫކުރުމަށް ކޮންގްރެހުން އެއްބަސްވުމުން ރައީސް ބައިޑްން އެ ޤާނޫނުގައި ރޭ ސޮއިކުރައްވާ އޭނާގެ ސަރުކާރު ތަޅުލުމަކުން ސަލާމަތްކުރައްވައިފިއެވެ.
ވައިޓްހައުސް އިން ބުނިގޮތުގައި ރައީސް ބައިޑްން މި ޤާނޫނު ތަޞްދީޤު ކުރެއްވީ ތަޅުލުމަކާ ދުރަށް ސަރުކާރު ގެންދެވުމަށް ޓަކައެވެ.
އެމެރިކާގެ ސެނެޓުން މި ބިލް ފާސްކޮށްފައި ވަނީ 88 ވޯޓުގެ އަޣްލަބިއްޔަތަކުންނެވެ. މި ބިލާ ދެކޮޅަށް ވޯޓުދެއްވައިފައި ވަނީ ނުވަ މެންބަރުންނެވެ.
އެމެރިކާގެ ކޮންގްރެސް އިން މި ބިލް ފާސްކޮށްފައިވަނީ އާދަޔާޚިލާފަށް އަވަސްކޮށްނެވެ. ޢާންމު ގޮތެއްގައި ބިލްތައް ފާސްކުރުމުން ހައެއްކަ އަށެއްކަ ދުވަސް ހޭދަވެއެވެ.
ރައީސް ބައިޑްން ވިދާޅުވި ގޮތުގައި ކޮންގްރެސްގެ ދެ މަޖިލީހުން ވެސް މި ބިލް ފާސްކޮށް ދީފައި ވަނީ ވަރަށް އަވަހަށެވެ. އެއީ ފައިސާ ދޫކުރުން ލަސްކޮށްފިނަމަ އުފެދޭ މަސްއަލަތަކުގެ ސަބަބުން އެމެރިކާގެ ރައްޔިތުންނަށް ގެއްލުން ލިބޭނެތީއެވެ. އޭނާ ވިދާޅުވިގޮތުގައި މަޖިލީހުގައި ތިއްބެވި "ހައްދުފަހަނަޅައިފައިވާ" މެންބަރުން މި ޑީލާ ދުރަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި މެންބަރުން ސަރުކާރުގެ ޚަރަދުތައް ވަރަށް ބޮޑަށް ކުޑަކުރައްވަން މަސައްކަތް ކުރެއްވިއެވެ.
ކޮންގްރެސްގެ މެންބަރުންގެ މެދުގައި އެންމެ ބޮޑަށް ދެބަސްވުން އުފެދިފައިވަނީ ޔުކްރޭނަށް އެމެރިކާއިން ދެމުންގެންދާ އެހީތަކުގެ މަސްއަލައިގައެވެ. ރައީސް ބައިޑްން ވިދާޅުވިގޮތުގައި އޭނާ އުންމީދު ކުރައްވަނީ ކޮންގްރެސްއިން ޔުކްރޭން ރައްޔިތުންނަށް އެހީވުމަށް ކަށަވެތިވެފައިވާ ކަށަވެތިވުމަށް އިޙްތިރާމު ކުރާނެ ކަމަށެވެ.
ސެނެޓްގެ މައިނޯރިޓީ ޒަޢީމު މެޗް މެކޮނެލް ވިދާޅުވި ގޮތުގައި ސަރުކާރަށް ހޭދަކުރުމުގެ ވަގުތީ ހުއްދަ ދިނުމުން މަޖިލީހުގެ މެންބަރުންނަށް އެހެން މަސްއަލަތަކާމެދު މަޝްވަރާކުރެއްވުމަށް ވަގުތު ލިބިވަޑައިގަންނަވާނެއެވެ.
މި ބިލް ކޮންގްރެސް އިން ފާސްކޮށްނުދިންނަމަ މިއަދު އެމެރިކާ ސަރުކާރު ތަޅުލެވިގެންދާނެއެވެ. މިއީ ބައި ސައްތަ އަހަރުގެ ތެރޭގައި އެމެރިކާ ސަރުކާރު ތަޅުލުމުން ސަލާމަތްވި 22 ވަނަފަހަރެވެ. ބައިޑްންގެ ވެރިކަމުގައި ފުރަތަމަ ފަހަރެވެ.



advertisment