ޤަޠަރުގެ ހަކަތަޔާ ބެހޭ ކުންފުނިން ގޭސް އުފުލުމަށް ޓަކައި 17 އުޅަނދު ބަނުމަށް ދެކުނު ކޮރެޔާގެ ހިޔޮންޑާ ކުންފުންޏަށް އޯޑަރުދީފިކަން ޤަޠަރުން އިޢުލާންކޮށްފިއެވެ. މިއީ ޤަޠަރުން ބުނާގޮތުގައި 3.9 ބިލިޔަން ޑޮލަރުގެ ބޮޑު އޯޑަރެކެވެ.
ޤަޠަރުގެ މި ކުންފުނިން ބުނާގޮތުގައި މި އުޅަނދުތައް ބަނދެވޭނީ ދެކުނު ކޮރެޔާއާއި ޗައިނާގެ ހަރުގެތަކުގައެވެ. ޤަޠަރު ބުނާގޮތުގައި ގޭސް ބޭރުކުރުމަށް ޓަކައި ފުރަތަމަ ފިޔަވަހީގައި 60 އުޅަނދު ބަނަސް ދެވަނަ މަރްޙަލާގައި މި އުޅަނދުތަކުގެ ޢަދަދު 77 އަށް އިތުރުވެގެންދާނެއެވެ.
ޤަޠަރުން މިހާރު އަހަރަކު 77 މިލިޔަން ޓަނުގެ ޤުދްރަތީ ދިޔާ ގޭސް އުފައްދައެވެ. މި ގޭސް ވިއްކުމަށް ޓަކައި އެ ކުންފުނިން ވަނީ އޭޝިޔާއާއި ޔޫރަޕާއި ކުވައިތާއި ހަކަތަޔާބެހޭ ބޮޑެތި ކުންފުނިތަކާއެކު އެއްބަސްވުންތައް ހަދައިފައެވެ. ޤަޠަރުން ގޭހުގެ އޯޑަރުތައް ދޭ ފަރާތްތަކުން ބުނާ ތަންތަނަށް ފޮނުވައިދެއެވެ.
ދައުޙާއިން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެ ޤައުމުގައި އުފައްދާ ޤުދްރަތީ ދިޔާ ގޭހުގެ މިންވަރު އަހަރަކު 126 މިލިޔަން ޓަނަށް އިތުރުވެގެންދާނެއެވެ. އެކަމުގެ ސަބަބުން 75 މިލޔަން ޓަން ގަންނާނެ ބަޔަކު ހޯދަން ޖެހޭނެއެވެ.



advertisment