ޔުކްރޭނުގެ ބަނދަރަކުން ގޮވާން އަރުވައިގެން އެ ޤައުމުގެ އާގުބޯޓެއް ފުރިތަނާ އެ ބަނދަރުތަކުގެ ބިނާރުތަކަށާއި ގޮވާން ގުދަންތަކަށް ރަޝިޔާއިން ޑްރޯން ޙަމަލާތަކެއް ރޭ ދީފައެވެ.
މުދާ ބޭރުކުރުމާބެހޭ ޔުކްރޭނުގެ މަޞްދަރުތަކާ ޙަވާލާދީ ރޮއެޓަރޒް ބުނާގޮތުގައި އެ އާގުބޯޓު އަދިވެސް އޮތީ ބަނދަރާ ވަރަށް ކައިރި ހިސާބެއްގައެވެ.
އަނެއްކޮޅުން ޔުކްރޭންގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި ރަޝިޔާއިން ޑްރޯނުން ރޭ ޙަމަލާދީފައިވަނީ ގޮވާން ބޭރުކުރުމަށް ޚާއްޞަކޮށްފައިވާ އިސްމާޢީލު ބަނދަރުންނެވެ. ރަޝިޔާއިން ދިން ޙަމަލާގެ އަމާޒަކީ މި ބަނދަރުގެ ގޮވާން ގުދަންތަކާއި ބަދަރުގެ ބިނާރުތަކެވެ.
އޮޑިއްސާ ސަރަޙައްދުގެ ގަވަރުނަރު ހާމަކުރެއްވި ގޮތުގައި މި ޙަމަލާގެ ސަބަބުން އެ ބަނދަރުގެ ފާސްކުރާ ސަރަޙައްދަށާއި ގުދަންކުރާ ސަރަޙައްދުތަކުގެ ޢިމާރާތްތަކަށް ވަރަށް ބޮޑަށް ގެއްލުން ލިބުނެވެ. އަދި 30 ބޮޑު ލޮރީއަށާއި ޕިކަޕަށާއި އެއްގަމު އުޅަނދުތަކަށް ގެއްލުން ލިބުނެވެ. އަދި ދެ ލޮރީއެއްގެ ޑުރައިވަރުން ޒަޚަމުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ޑެނޫބް ކޯރު ކައިރީގައި އޮންނަ ރީނީ ބަނދަރާއި އިސްމާޢީލު ބަނދަރު އޮންނަނީ މި ސަރަޙައްދުގައެވެ.
ޔުކްރޭނުގެ ސިފައިން ބުނާގޮތުގައި ރަޝިޔާއިން ދިން 38 ޑްރޯން ޙަމަލާގެ ތެރެއިން 26 ޑްރޯން ވައްޓައިލިއެވެ.
ގޮވާން ބޭރުކުރުމާ ބެހޭ އެއްބަސްވުމުން ރަޝިޔާ ވަކިވުމާ ވިދިގެން ޔުކްރޭނުން ބޭރުކުރާ ގޮވާމުގެ މިންވަރުން 51% ވަނީ ބޭރުކުރުން މަދުވެފައެވެ.
އަނެއްކޮޅުން ހަންގެރީއާއި ސްލޮވާކިޔާއާއި ޗެކް ޖުމްހޫރިއްޔާއާއި ޕޮލެންޑް ބުނާގޮތުގައި އެ ޤައުމުތަކުން ޔުކްރޭނަށް ހުޅުވައިދީފައިވާ "އެކަތިގަނޑަކަށް ވުމުގެ ދޮރުން" ދަތުރުކުރާ ޔުކްރޭންގެ ގޮވާންތައް ފާސްކުރުމަށް އެ ޤައުމުތަކުން ޔޫރަޕްގެ އިއްތިޙާދަށް ވާނީ ގޮވައިލައިފިއެވެ. މި ހަތަރު ޤައުމުގެ ޒިރާޢާތާ ބެހޭ ވުޒާރާއިން ބުނާގޮތުގައި އެ ޤައުމުތަކުގެތެރެއިން ލައިފައި ޔުކްރޭންގެ ގޮވާން ބޭރުކުރުމަކީ އެ ޤައުމުތަކުގެ ދަނޑުވެރީންނަށް ވަރަށް ގެއްލުން ހުރި ކަމެކެވެ. އެ ޤައުމުތަކުގައި އުފައްދާ ގޮވާމަށްވުރެ ޔުކްރޭންގެ ގޮވާން އަގު ހެޔޮކަމުންނެވެ. ޔޫރަޕްގެ އިއްތިޙާދުން މި ޤައުމުތަކުގެ އެދުމަށް އިޖާބަ ނުދިނުމުން މި ޤައުމުތަކުން ވަނީ ޔުކްރޭންގެ ގޮވާމާ ދެކޮޅަށް އެކަހެރި ގޮތަކަށް ފިޔަވަޅު އަޅައިފައެވެ.



advertisment