ނަގަރްނޯ ކަރްބާޚުގެ މަސްއަލައިގައި ޑިޕްލޮމެޓިކް މަސައްކަތްތަކެއް ފަތުއަޑުކިޔައިފާ ކުރިއަށްދާއިރު ވާދަވެރި ފަރާތްތަކުގެ މެދުގައި އެއްބަޔަކު އަނެއް ބަޔަކަށް ކުރާ ތުހްމަތުތައް އިތުރުވާން ފަށައިފިއެވެ.
ތުރްކީގެ ރައީސް އުރްދުޣާން މިއަދު އަޒަރްބައިޖާނަށް ވަޑައިގެން ހާމަކުރެއްވި ގޮތުގައި އަންކަރާއާއި ބާކޯގެ ގުޅުންތައް މިހާރު ވަނީ އެންމެ އުސް ކުރިބޯށްޓަށް ވާޞިލުވެފައެވެ. އޭނާ ވިދާޅުވިގޮތުގައި ނިރުބަވެރިކަމާ ދެކޮޅަށް ބާކޯއިން ދިން ޙަމަލާތަކަކީ ޢާންމުންނަށް ގެއްލުން ނުލިބޭގޮތަށް ދީފައިވާ ކާމިޔާބު ޙަމަލާތަކެކެވެ. އުރްދުޣާން ވިދާޅުވިގޮތުގައި ނަގަރުނޯ ކަރްބާޚުގައި އަޒަރްބައިޖާނަށް ލިބުނު ނަޞްރަކީ ސަރަޙައްދީ ގުޅުންތައް ޠާބިޢީވެގެންދާނެ ކަމެކެވެ.މި ސަރަޙައްދުގައި ޞުލްޙަމަސަލަސްކަމާއި ހަމަޖެހުން ޤާއިމުކުރުމަށް ތަނަވަސްވި މި ފުރްޞަތުގެ ބޭނުން ރަނގަޅަށް ހިފުމަށް އުރްދުޣާން އަރްމީނިޔާއަށް ގޮވައިލެއްވިއެވެ.
އަޒަރްބައިޖާނުގެ ރައީސް އިލްހާމު ޢަލިޔޭވް ވިދާޅުވިގޮތުގައި އެ ޤައުމުން ނަގަރުނޯ ކަރްބާޚުގައި ހިންގި ސަލާމަތީ ޢަމަލުތައް ކާމިޔާބުކަމާއެކު ނިމިއްޖެއެވެ. މި ކަމުގެ ސަބަބުން ސަރަޙައްދީ ރޮނގަށް މިހާރު ވަނީ ފުރިހަމަ އަމާންކަން ލިބިފައެވެ.
ޢަލިޔޭވް ވިދާޅުވިގޮތުގައި ނަގަރުނޯ ކަރްބާޚު އެ ޤައުމުގެ ބިމެއްކަން ކަށަވަރުކޮށްދިނުމަށް ތުރްކީން ދިން މަދަދާއި އެހީގެ މަތިން އާޒާރިން ހަނދާން ނައްތައެއް ނުލާނެއެވެ.
އަރްމީނިޔާއަށް ވަފްދުތައް
އަނެއްކޮޅުން ބަލާއިރު އަރްމީނިޔާގެ ވެރިރަށް ޔެރިވާނަށް މިއަދު އެމެރިކާގެ މަތީ ފެންވަރުގެ ވަފްދެއް ހިނގައްޖެއެވެ. މި ވަފްދުގައި އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނައިބާ ޔޫރީ ކިމާއި ބައިނަލްއަޤްވާމީ ތަރައްޤީއާ ބެހޭ އޭޖެންސީގެ ޑިރެކްޓަރ ސަމަންތާ ޕަވަރ ހިމެނިވަޑައިގަންނަވައެވެ. އޭނާ ވިދާޅުވިގޮތުގައި މި ވަފްދު ޔެރިވާނަށް އައީ އެމެރިކާ- އަރްމަން ގުޅުންތައް ވަރުގަދަ ކުރުމަށް ޓަކައެވެ. ނަގަރުނޯ ކަރްބާޚުން ފައިބަމުންދާ އަރްމަނުންނާ އެމެރިކާގެ ވަފްދު ބައްދަލު ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. އަރްމީނިޔާއިން ހާމަކުރާ ގޮތުގައި އަރްމީނިޔާގެ ބޮޑު ވަޒީރު ބެޝްނިޔާން މި ވަފްދާ ބައްދަލު ކުރައްވާނެއެވެ.
މި ދަނޑިވަޅުގައި ރޫސީ ދާޚީލީ ވަޒީރު ކޮލޮކޮލްޓްސޭވް މިއަދު އަރްމީނިޔާގެ ވެރިރަށަށް ވަޑައިގެންފިއެވެ. ރަޝިޔާ- އަރްމަން ސަލާމަތީ ކޮމެޓީގެ ބައްދަލުވުމެއްގައި އޭނާ މިރޭ ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ކްރެމްލިނުން ބުނާގޮތުގައި ނަގަރުނޯ ކަރްބާޚުގައި ހިނގި ކަންތައްތަކުގެ މަސްއޫލިއްޔަތު ރަޝިޔާގެ ބޮލުގައި އަޅުވަން އަރްމީނިޔާއިން ކުރާ މަސައްކަތްތައް ބަލައެއް ނުގަނެވޭނެއެވެ. ސުލްޙަ ބަލަހައްޓާ ރަޝިޔާ ސިފައިން އެ ސަރަޙައްދުން ފޭބުމާ ބެހޭގޮތުން ވާހަކައެއް ނުދެއްކޭނެއެވެ. އަދި މި ބާރު އެ ސަރަޙައްދުގައި ދެމިއޮންނާނެ މުއްދަތެއް ކަނޑައެއް ނޭޅޭނެއެވެ. ރަޝިޔާ ބުނާގޮތުގައި ނަގަރުނޯ ކަރްބާޚުގެ މަސްއަލައިގައި މެދުވެރިއެއްގެ ބައި ކުޅުމުގެ ޤާބިލުކަން ލިބިފައިނުވާ ފަރާތްތައް އެ މަސްއަލައިގެތެރެއަށް ވަންނަން އުޅުމަކީ ރަޝިޔާއިން ޤަބޫލުކުރާނެ ކަމެއް ނޫނެވެ.
އަރްމީނިޔާއިން ސުލްޙަ ބަލަހައްޓާ ރަޝިޔާ ބާރާ ދެކޮޅަށް ކިޔަމުންދާ ފާޑުކިޔުންތަކަކީ ޙަޤީޤަތާ އިދިކޮޅު ފާޑުކިޔުންތަކެކެވެ. ރަޝިޔާއިން ބުނިގޮތުގައި އަރްމީނިޔާއަކީ ރަޝިޔާގެ ބައިވެރިއެކެވެ. އަރްމީނިޔާ އޮންނާނީ މި ގޮތުގެ މަތީގައެވެ. ރޫސީ ޚާރިޖިއްޔާއިން ބުނިގޮތުގައި އަރްމީނިޔާގެ ބޮޑުވަޒީރު ރަޝިޔާއާދެކޮޅަށް ވިދާޅުވަމުން ގެންދަވާ ބަސްފުޅުތަކަކީ އޭނާގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތު ނާކާމިޔާބުވުމުން އެ މަސްއޫލިއްޔަތުން ރެކިވަޑައިގަންނަވާން ކުރައްވާ މަސައްކަތްޕުޅުތަކެކެވެ. ރޫސީ ޚަރިޖިއްޔާއިން ބުނިގޮތުގައި ރޫސީ– އަރްމަން ގުޅުންތައް ޚަރާބު ކުރެއްވުމަށް އަރްމީނިޔާގެ ބޮޑުވަޒީރު މަސައްކަތް އެ ކުރައްވަނީ ހުޅަނގުގެ ޖިޔޯ ސިޔާސީ ރަހީނަކަށް ވެވަޑައިގަތުމުގެ ސަބަބުންނެވެ. އަރްމީނިޔާގެ ސަރުކާރާދެކޮޅަށް ހިނގަމުންދާ އިޙްތިޖާޖުތަކަކީ ރަޝިޔާއާ ގުޅުން އޮތް ކަމެއް ނޫނެވެ. ރަޝިޔާއިން އަބަދުވެސް އޮންނާނީ އަރްމީނިޔާގެ ރައްޔިތުންނަށް އަމްނާއި އިޤްތިޞާދާއި ސަޤާފަތް ދެމެހެއްޓުމަށް ވާގިވެރިވުމުގައެވެ.
ފަރަންސޭސީންގެ މަސައްކަތް ވަރަށް ނުރައްކާ
އަނެއްކޮޅުން އަޒަރްބައިޖާން ބުނާގޮތުގައި ފަރަންސޭސި ރައީސް މެކްރޯން ނަގަރުނޯކަރްބާޚުގެ މަސްއަލަ ދީނީ މަސްއަލައަކަށް ހައްދަވަން ކުރައްވާ މަސައްކަތްޕުޅަކީ ހުޅަނގުގެ އައު އިސްތިޢުމާރިއްޔަތުގެ ޢަމަލެކެވެ. އަޒަރުބައިޖާނުން ބުނިގޮތުގައި ނަގަރުނޯ ކަރްބާޚަކީ އަޒަރުބައއިޖާނުގެ ސަރަޙައްދެކެވެ. އަޒަރްބައިޖާނުން އެ ސަރަޙައްދުގައި ހިންގި ޢަސްކަރީ ޢަމަލަކީ އެ ޤައުމަށް ހިންގުމަށް ޤާނޫނު ހުއްދަދޭ ކަމެކެވެ.
ފަރަންސޭސި އިސްތިޢުމާރުން އިންސާނީ ޙައްޤުތަކާ ދެކޮޅަށް ހިންގައިފައިވާ ބޮޑެތި ޖަރީމާތަކުގެ ކުރިމަތީގައި އެހެން މީހންނަށް އިންސާނީ ޙައްޤުތައް ކިޔަވާދެއްވާން ރައީސް މެކަރޯން ނޫޅުއްވުމަށް އަޒަރުބައިޖާނުން ގޮވައިލިއެވެ. އޭނާ ވަރަށް ހުތުރު ކަމެއް ކަމަށް ބާކޯއިން ބުންޏެވެ.



advertisment