އިތިޔޯޕިޔާގައި ބިނާކޮށްފައިވާ ސައްދުއްނަހްޟާ ޑޭމާ ބެހޭގޮތުން މިޞްރުން އިތިޔޯޕިޔާގައި ބޭއްވި ވާހަކަދެއްކުމުގެ ދެވަނަ ބުރު ކުރިއަށް ގޮސްފައި ނުވާކަމަށް މިޞްރުގެ އިރިގޭޝަނާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ޤާހިރާއިން ބުނާގޮތުގައި އެޑިސްއަބާބާއާއި ޚުރްޠޫމާއި ޤާހިރާ ކުރިން އެއްބަސްވެފައިވާ އެއްބަސްވުންތަކަށް އެޑިސްއަބާބާއިން ޢަމަލުކުރުން ވަނީ ހުއްޓައިލައިފައެވެ. ޤާހިރާގެ މި ތުހްމަތާ ބެހޭ ގޮތުން އެޑިސްއަބާބާއިން އަދި އެއްޗެއް ނުބުނެއެވެ.
މިޞްރުން ރޭ ބުނިގޮތުގައި މިޞްރާއި ސޫދާނާއި އިތިޔޯޕިޔާގެ މެދުގައި ބޭއްވި ދެ ދުވަހުގެ ވާހަކަދެއްކުންތައް ރޭ ނިމިއްޖެއެވެ.
މިޞްރުގެ ފެނާއި އިރިގޭޝަނާ ބެހޭ ވުޒާރާއިން ބުނިގޮތުގައި ތިން ޤައުމުގެ މެދުގައި އެއްބަސްވެފައިވެފައިވާ އެއްބަސްވުންތަކަށް އެޑިސްއަބާބާއިން ޢަމަލުކުރުން ވަނީ ހުއްޓައިލައިފައެވެ. ދޭތެރެމެދު އެއްވެސް ޙައްލެއް އެޑިސްއަބާބާއިން ވަނީ ޤަބޫލުނުކޮށްފައެވެ. މިޞްރުން ބުނިގޮތުގައި ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގައި އެއްބަސްވެފައިވަނީ މިޞްރަށާއި ސޫދާނުގެ މަޞްލަޙަތުތަކަށް ރިޢާޔަތްކޮށްގެން އިތިޔޯޕިޔާގެ މަޞްލަޙަތުތަކަށް އިޖާބަ ދިނުމަށެވެ. މިޞްރުން ބުނާގޮތުގައި ޑޭމަށް ފެން ފުރަންޖެހޭނީ ހުރިހާ ފަރާތްތަކަކުން ޢަމަލުކުރުން ލާޒިމު ކުރާ ޤާނޫނީ އެއްބަސްވުމަކާ އެއްގޮތަށެވެ. މި ފަދަ އެއްބަސްވުމެއްނެތި އެޑިސްއަބާބާއިން މި ޑޭމަށް ދަނީ ފެން ފުރަމުންނެވެ.
މިޞްރުގެ ޚާރިޖީ ވަޒީރު ސާމިޙު ޝުކްރީ އދ ގެ ޢާންމު ޖަމްޢިއްޔާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި މިޞްރުގެ 100 މިލިޔަން މީހުންގެ ޙަޔާތުގެ މައްޗަށް ކަންއޮތްގޮތޭ ކިޔައިފާ ވަކި ގޮތެއް ވާޖިބެއް ނުކުރެވޭނެއެވެ. އޭނާ ވިދާޅުވިގޮތުގައި މިޞްރަކީ 98% ނީލަ ކޯރުގެ މައްޗަށް ބަރޯސާވާ ޤައުމެކެވެ. އިތިޔޯޕިޔާއިން ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް އެ ޑޭމް ދަނީ ފުރަމުންނެވެ. މި ޑޭމަށް ފެންފުރުމާއި މި ޑޭމް ހިންގުމާ ބެހޭގޮތުން ވާހަކަދައްކަމުންދާތާ ދަހަރެއްހާ ދުވަސް ވެއްޖެއެވެ.
އޭނާ ވިދާޅުވިގޮތުގައި މިޞްރު އަދިވެސް މި އިންތިޒާރު ކުރަނީ ތިން ޤައުމުގެ މަޞްލަޙަތު ނިޔާކުރާ އެއްބަސްވުމަކަށެވެ. އެއްވެސް ޙާލެއްގައި ކަންއޮތް ގޮތޭ ކިޔައިފައި ވަކި ގޮތެއް 100 މިލިޔަން މީހުންގެ ޙަޔާތުގެ މައްޗަށް ލާޒިމު ނުކުރެވޭނެ ކަމަށް މިޞްރުގެ ޚާރިޖީ ވަޒީރު ޝުކްރީ ވިދާޅުވިއެވެ.
އިތިޔޯޕިޔާގެ ބޮޑުވަޒީރު ޢަބީ ޢަހްމަދު 10 ސެޕްޓެންބަރުގައި އިޢުލާން ކުރެއްވިގޮތުގައި އެޑިސްއަބާބާއިން ވަނީ ޑޭމަށް ފެން ފުރުމުގެ ހަތަރުވަނަ ބުރު ފުރިހަމަކޮށްފައެވެ. މިޞްރުގެ ޚާރިޖިއްޔާއިން ބުނިގޮތުގައި މިއީ އެޑިސްއަބާބައިން އެއްބަސްވުންތަކާ އިތުރަށް ޚިލާފުވި ޚިލާފުވުމެކެވެ. މި ކަމުގެ ސަބަބުން ވާހަކަދެއްކުންތަކަށް ހުރަސްއެޅިގެންދާނެއެވެ.
މިޞްރއި ސޫދާނާއި އިތިޔޯޕިޔާއާ މެދުގައި ވާހަކަދެއްކުންތައް މި ފެށުނީ ދެ އަހަރުވަންދެން އެ ވާހަކަދެއްކުންތައް ގަޑުވެފައި އޮތުމަށް ފަހުގައެވެ. މިޞްރާއި ސޫދާނުން ބޭނުންވަނީ ޤާނޫނީގޮތުން އެޑިސްއަބާބާއަށް ލާޒިމުކުރާ އެއްބަސްވުމެއް އެކަށައެޅުމަށް ފަހުގައި ނޫނީ ޑޭމަށް ފެން ނުފުރުމަށެވެ. މި ޑޭމަށް ފެން ފުރުމުގެ ސަބަބުން ސޫދާނަށާއި މިޞްރުގެ ނީލަ ކޯރަށް ބޭނުންވާ ފެން ލިބުން މަދުވެގެންދާނެތީއެވެ.



advertisment