ނައިޖަރުގައި ހުންނެވި ފަރަންސޭސި ސަފީރާއި ނައިޖަރުގައި ތިބި ފަރަންސޭސި ސިފައިން އެ ޤައުމުން ބޭލުމަށް ފަރަންސޭސި ވިލާތުން ނިންމައިފިއެވެ.
ރައީސް މެކަރޯން ރޭ ހާމަކުރެއްވި ގޮތުގައި ނިޔާމީގައި ހުންނެވި ފަރަންސޭސި ސަފީރު ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ޤައުމަށް އެނބުރި ވަޑައިގަންނަވާނެއެވެ. އަދި ނައިޖަރުގައި ތިބި ފަރަންސޭސި ސިފައިން މި އަހަރު ނިމޭއިރަށް ނައިޖަރުން ފައިބާ ނިމޭނެއެވެ.
ނައިޖަރަށް ގެނައި ޢަސްކަރީ އިންޤިލާބާ ވިދިގެން ވެރިކަން ކުރާ ޢަސްކަރީ މަޖިލީހުން އެކަންތައް ކުރަން ޕެރިހަށް އެންގުމުން ޕެރިހުން ވަނީ ނޫނެކޭ ބުނެ ޢަސްކަރީ ސަރުކާރަށް ގޮންޖަހައިފައެވެ. އެއީ ފަރަންސޭސިވިލާތް ޤަބޫލުކުރާ ސަރުކާރެއް ނޫންކަމަށް ޕެރިހުން ބުންޏެވެ.
އަނެއްކޮޅުން ނައިޖަރުން ބުނިގޮތުގައި ފަރަންސޭސިވިލާތުގެ މަތިންދާބޯޓުތަކަށް އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ވަނުން ރޭ މަނާކޮށްފިއެވެ. ނައިޖަރުން ރޭ ނެރުނު ބަޔާނެއް ބުނާގޮތުގައި ފަރަންސޭސިވިލާތުގެ މަތިންދާބޯޓުތަކާއި ފަރަންސޭސިވިލާތުން ކުއްޔަށް ހިފައިފައިވާ ބޯޓުތައް ފިޔަވައި އެހެން ހުރިހާ ޤައުމުތަކެއްގެ ބޯޓުތަކަށް އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ވަދެވޭނެއެވެ.
ފަރަންސޭސި ރައީސް މެކްރޯން ރޭ ހާމަކުރެއްވި ގޮތުގައި ނައިޖަރުގައި އެ ޤައުމުގެ ސަފީރާއި އެ ޤައުމުގެ އެމްބެސީގެ ޑިޕްލޮމެޓުން ތިއްބެވީ ރަހީނުކޮށްފައެވެ. ރައީސް މެކަރޯން ވިދާޅުވިގޮތުގައި ރަހީންކޮށްފައިވާ ބޭފުޅުންނަށް ފަރިއްކޮޅުވެސް ލިބެނީ ޢަސްކަރީ ޤަވާޢިދުން ކަނޑައެޅިފައިވާ މިންވަރަށެވެ.
މެކަރޯން ވިދާޅުވިގޮތުގައި ނައިޖަރުގެ ޤާނޫނީ ރައީސަކީ ރައީސް ބާޒޫމެވެ. އޭނާ ދަނީ ކޮންމެ ދުވަހަކު ބާޒޫމާ ގުޅުއްވަމުންނެވެ.



advertisment