އިސްރާއީލުން ފަލަސްޠީނުގެ ރަށްތަކަށް އަރަމުންދާތީއާއި ފަލަސްޠީނުގެ ބިންތަކުގައި އާބާދީތައް ހަދައި ޔަހޫދީން ވަޒަންވެރިކުރުވުން ކުރިއަށް ގެންދާތީ އިސްރާއީލާ ދެކޮޅަށް ޝާމިލުކޮށް ހުރިހާ ބާވަތެއްގެ ކުރިމަތިލުންތަކެއް ކުރިއަށް ގެންދިޔުމަށް ފަލަސްޠީނުގެ ތިން ޖަމާޢަތަކުން މިއަދު އެއްބަސްވެއްޖެއެވެ.
މި ތިން ޖަމާޢަތަކީ ޙަމާސް ޖަމާޢަތާއި އިސްލާމީ ޖިހާދު ޖަމާޢަތާއި ފަލަސްޠީނު މިނިވަންކުރުމަށް މަސައްކަތްކުރާ ޕީޕަލްސް ފްރޮންޓެވެ. މި ކަން އެ ތިން ޖަމާޢަތުން ގުޅިގެން އިޢުލާން ކުރީ ލުބްނާނުގެ ވެރިރަށް ބައިރޫތުގައި ރޭ މި ތިން ޖަމާޢަތުގެ އިސްވާރުން ބައްދަލުކުރައްވައި ވާހަކަފުޅު ދެއްކެވުމަށް ފަހު ގައެވެ.
ޙަމާސް ޖަމާޢަތުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ އެ ޖަމާޢަތުގެ ސިޔާސީ އޮފީހުގެ ނައިބު ރައީސް ޞާލިޙުއް ޢާރޫރީ އެވެ. ޖިހާދު ޖަމާޢަތުން ބައިވެރިވެވަޑައިގަތީ އެ ޖަމާޢާތުގެ އަމީން ޢާންމު ޒިޔާދުއް ނައްޚާލާއެވެ. ޕީޕަލްސް ފްރޮންޓުން ބައިވެރިވެ ވަޑައިގަތީ އެ ފްރޮންޓްގެ އަމީންޢާންމުގެ ނައިބު ޖަމީލް މުޒްހިރެވެ.
މި ބޭފުޅުން ނެރުއްވި ބަޔާނުގައި އައިސްފައިވެއެވެ. "މި ޖަމާޢަތްތައް އެއްބަސް މިވީ ހުރިހާ ބާވަތެއްގެ ކުރިމަތިލުންތައް ކުރިއަށް ގެންދިޔުމަށެވެ. އޭގެތެރޭގައި ހަތިޔާރުއެޅި ހަނގުރާމަވެރި ކުރިމަތިލުންތައް ހިމެނޭ ގޮތަށެވެ. އަދި ހުރިހާ މަސްއަލަތަކެއްގައި މި ޖަމާޢަތްތަކުގެ މެދުގައި ވިލަރެސް ކުރެވޭނެއެވެ."
މި ބޭފުޅުން އެއްބަސްވެވަޑައިގެންނެވި ގޮތުގައި އިސްރާއީލުން ފަލަސްޠީނުގެ ހަނގުރާމަވެރީންނާއި ޖަމާޢަތްތަކުގެ އިސްވާރުން އަވަހާރަކޮށް ނައްތައިލުމުގެ ޙަމަލާތައް އިތުރުކުރުމާއި ފަލަސްޠީނުގެ ރަށްތަކަށް އަރައި އެ ރަށްތައް ޚަރާބުކޮށް ޢާންމުންނަށް ދުއްތުރާތައް ކުރުމާއި ފަލަސްޠީނުގެ ބިންތައް ހިފައި އިސްރާއީލުގެ ތަންތަން ކަމުގައި ހެދުމާއި މި ތަންތާނގައި ޔަހޫދީން ވަޒަންވެރިކުރުވުމުގެ ސިޔާސަތު ކުރިއަށް ގެންދިޔުމާއި އަޤްޞާ މިސްކިތުގެ ޙުރްމަތް ކެނޑުން އިތުރުކުރުމާއި ޤުދުސް ސަހަރު އިސްރާއީލުގެ ތަނަކަށް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާތީ އިސްރާއީލާ ކުރިމަތިލުންތައް ފުޅައުކޮށް އިތުރުކުރަން ވަނީ ޖެހިފައެވެ.
ފަލަސްޠީނުގެ މި ޖަމާޢަތްތައް ބުނިގޮތުގައި އަޤްޞާ މިސްކިތަށް ޔަހޫދީން އެރުމަށް އިސްރާއީލުން ގޮވައިލާގޮވައިލުންތަކަކީ ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ހަނގުރާމަ އިޢުލާން ކުރުން ފަދަ ކަމެކެވެ. މި ބޭފުޅުން ފަލަސްޠީނުގެ ޒުވާނުންނަށް އިސްރާއީލުގެ މި ގޮވައިލުންތަކާ ދެކޮޅަށް ތެދުވުމަށް ގޮވައިލައްވައިފައި ވެއެވެ.
ސެޕްޓެންބަރު 15އާއެކު ފެށުނު ޔަހޫދީ ޢީދުތަކާއެކު ޔަހޫދީ ކަނާތު ފިޔައިގެ ޖަމާޢަތްތަކުން ދަނީ އަޤްޞާ މިސްކިތަށް ބައިބަޔަށް ވަދެ އެ މިސްކިތުގެ ޙުރްމަތް ކަނޑަމުންނެވެ. މި ޢީދުތައް އޮކްޓޯބަރު އަށަކާ ހަމައަށް ކުރިއަށް ދާނެތެވެ. ޔަހޫދީން ޖަމާޢަތްޖަމާޢަތަށް އަޤްޞާ މިސްކިތަށް ވަންނަމުންދަނީ އިސްރާއީލު ފުލުހުންގެ ޙިމާޔަތާއި ރައްކައުތެރިކަން ލިބިގެންނެވެ. މި މީހުން ވަދެ އެ މިސްކިތުގައި ތަލްމޫދީ އަޅުކަންތަކާއި ނެށުންތަކާއި މިޔުޒިކް ކުޅެފައި ވެއެވެ.
ޢައިނުލް ޙިލްވާ ފޭލިގެ އަވަށް
ފަހަކަށް އައިސް މި ފޭލިގެ އަވަށުގައި ގޮވާއެއްޗެހިތައް ގޮވަމުންދާ މަސްއަލައާމެދު ވެސް އެ ބޭފުޅުން ބަޙުސް ކުރެއްވިއެވެ. ލުބްނާނުގައި ހުންނަ ފަލަސްޠީނުގެ ފޭލިގެ އަވަށްތަކާ ދެކޮޅަށް ދެވެމުންދާ ހަމަލާތަކަކީ މުއާމަރާތަކެއް ކަމަށާއި މި މުއާމަރާތައް ނައްތައިލައި ފަލަސްޠިނު މީހުންގެ ލޭ އޮހޮރުވުން ހުއްޓުމަކަށް ގެނައުމަށް ޓަކައި ފަލަސްޠީނުގެ ހުރިހާ ޖަމާޢަތްތަކެއް ގުޅިގެން މަސައްކަތް ކުރުމަށް ވެސް މި ބޭފުޅުން ގޮވައިލެއްވިއެވެ. ދެކުނު ލުބްނާނުގައި 11 ފޭލިގެ އަވަށެއްގައި ތިންލައްކައެއްހާ ފަލަސްޠީނުގެ ރެފިޔުޖީން ދިރިއުޅެމުންދެއެވެ.
ލުބްނާނުގެ ޞައިދާގައި ފަތަޙު ޖަމާޢަތާ އިސްލާމީ ބައެއް ޖަމާޢަތްތަކާ ދެމެދުގައި ކުރިމަތިލުންތަކެއް ވަނީ ހިނގައިފައެވެ. މި ކުރިމަތިލުންތަކުގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ.



advertisment