Support Us

މިހާރަށްވުރެ ޢަދާލަތްތެރިވުމަށާއި ކުރުންތެރިވުމަށް ސަލާމަތީ މަޖިލިސް އިޞްލާޙު ކުރުމަށް ސުޢޫދީން ގޮވައިލައިފި

މިއަދުގެ ޙާލަތު ތަމްސީލު ކުރުމުގައި ކުރިއަށްވުރެ ބޮޑަށް ޢަދާލަތްތެރިވުމަށާއި ބައިނަލްއަޤްވާމީ މުޖްތަމަޢަށް އަންނަމުންދާ ބަދަލުތަކާއި ކުރިއެރުންތަކާ ފައިހަމަކުރުމުގައްޔާއި ދެކެމުންދާ ތަރައްޤީތަކުގައި ކުރިއަށްވުރެ ބޮޑަށް ކުރުންތެރިވުމަށް ޓަކައި ސަލާމަތީ މަޖިލިސް އިޞްލާޙު ކުރުމަށް ސުޢޫދީ ޢަރަބިއްޔާއިން ރޭ ގޮވައިލައިފިއެވެ.

މި ކަމަށް ސުޢޫދީ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރަޙާނު ގޮވައިލެއްވީ ސުޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒުގެ ފަރާތްޕުޅުން އދ ގެ ޢާންމު ޖަމްޢިއްޔާގެ 78 ވަނަ ދައުރުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވިގޮތުގައި ބައިނަލްއަޤްވާމީ މުޖްތަމަޢާ ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލެވޭނީ ސަލާމަތީ މަޖިލިސް މިހާރަށްވުރެ ޤާބިލުކަން ބޮޑު މަންސައަކަށް ހަދައިގެންނެވެ.

ފައިޞަލް ވިދާޅުވި ގޮތުގައި ނިރުބަވެރިކަމަށާއި ޙައްދުފަހަނަޅައި ދިޔުމަށް ވާގިވެރިވާ ފަރާތްތަކުގެ ކުރިމަތީގައި ބައިނަލްއަޤްވާމީ މުޖްތަމަޢު ސާބިތުކަމާއެކު ތެދުވަން ވަނީ ޖެހިފައެވެ. މި ކަމުގައި ދޫނުދިނުމަށް އޭނާ ގޮވައިލެއްވިއެވެ. މުޤައްދަސާތުތަކުގެ ކަރާމަތަށް އަރައިގަތުމާއި  ނަފްރަތްތެރިކަމުގެ ޚިޔާލުތައް ފެތުރުމާއި އިސްލާމްފޯބިޔާގެ ވަބާ ފެތުރުމަކީ އެކަމާ އެންމެން ދެކޮޅު ހަދަން ޖެހޭނެ ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ކަށަވަރުކޮށްދެއްވި ގޮތުގައި އެއްވެސް ޙުއްޖަތެއް ދައްކައިގެން ކީރިތި ޤުރްއާނުގެ ކޮޕީތައް އަންދައިގެން ނުވާނެއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއީ ޤައުމުތަކުގެ ރައްޔިތުން އެއްގަލަކަށް އެރުވުމާ ދުރުހެލި ކުރުވާނެ ޢަމަލުތަކެކެވެ. މިއީ ދެ ފަރާތުގެ ދެމެދުގައި އޮންނަން ޖެހޭ އިޙްތިރާމު ނައްތައިލައި ރުޅިވެރިކަން ފަތުރާނެ ޢަމަލުތަކެއް ކަމަށް ބިން ފަރަޙާން ވިދާޅުވިއެވެ. މެދުމިނަށް ތަބާވުމަށާއި ބައިނަލްއަޤްވާމީ ސުލްޙަމަސަލަސްކަމުގެ ސަޤާފަތު ހަރުދަނާކުރުމަށް އޭނާ ގޮވައިލެއްވިއެވެ.

ފައިޞަލް ވިދާޅުވިއެވެ. "ހުރިހާ ޤައުމުތަކަކުން ވެސް އދގެ ޗާޓަރަށް ކަށަވެތިވެ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބާވާން ޖެހޭނެއެވެ. އަދި އިންސާނިއްޔަތަށް މިހާރަށްވުރެ ރަނގަޅު ކުރިމަގަކަށް ޓަކައި އެންމެން މަސައްކަތް ކުރަން ޖެހޭނެއެވެ. ޤައުމުތަކުގެ ސިޔާދަތަށާއި މިނިވަންކަމަށާއި ގިޔަމުތަކަށް އިޙްތިރާމު ކުރާން ޖެހޭނެއެވެ. ޤައުމުތަކުގެ ދާޚިލީ ކަންކަމާ ބެހިގެން ނުވާނެއެވެ. ދެބަސްވުންތައް ޙައްލު ކުރަން ޖެހޭނީ  ސުލްޙަވެރި ވަސީލަތްތަކުންނެވެ. ބާރުގެ ބޭނުންކުރުމެއް ބިރުދެއްކުމެއް ނެތިއެވެ."

ފައިޞަލް ވިދާޅުވި ގޮތުގައި ސުޢޫދީ ޢަރަބިއްޔާގެ 2030ގެ ތަޞައްވުރުގެ އަމާޒަކީ ކުރިމަގުގެ ޖީލުތަކަށް ބޭނުންވާ ގޮތަށް ޤައުމު ބިނާކުރުމާއި ތަރައްޤީކުރުމެވެ. އުފެއްދުންތެރިކަމާއި އައު އީޖާދުތަކަށް ޒުވާނުންނާއި އަންހެނުން އަހްލުވެރިކުރުވުމާއި ސުލްޙަމަސަލަސްކަންމަތީ އެންމެން އެކުގައި އުޅުމާއި ސަމާޙަތުގެ އުޞޫލުތައް ހަރުދަނާކޮށް އެމީހުންގެ ހިތްތަކުގައި އިންދުމެވެ.

ސުޢޫދީ ޚާރިޖީ ވަޒީރު ކަށަވަރު ކޮށްދެއްވިގޮތުގައި "ސުޢޫދީ ޢަރަބިއްޔާއިން ދުނިޔޭގެ އަމްނަށާއި ހަމަޖެހުމަށްޓަކައި ކުރާ މަސައްކަތްތަކަށް ވާގިވެރިވެ ހިތްވަރުދެއެވެ. ޝާމިލު ތަރައްޤީއަށް މަސައްކަތް ކުރެއެވެ. ސަރަޙައްދުގެ ރައްޔިތުންގެ އުންމީދުތައް ޙާޞިލުކޮށް ދިނުމަށް ޓަކައި މަޞްލަޙަތުތަކާއި މަންފާތައް ބަދަލުކުރުމަށް އަހައްމިއްޔަތުދީ ނުތަނަވަސްކަން އުފެދިދާނެ ކަންތައްތަކާ ދުރުހެލިވުމަށް ގޮވައިލައެވެ."

ފައިޞަލް ވިދާޅުވިއެވެ. "ޤައުމުތަކުގެ މެދުގައި އެއްބާރުލުމާއި މަޝްވަރާކޮށްގެން ނޫނީ އެއްވެސް ސަރަޙައްދެއްގެ އަމްނާއި ހަމަޖެހުން ޤާއިމެއް ނުކުރެވޭނެއެވެ."

ސުޢޫދީ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. "ދުނިޔެއަށް ބޭނުންވާ ފެން ތަނަވަސްކޮށްދިނުމަށް ޓަކައި ސުޢޫދީ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ވަނީ ދުނިޔޭގައި ފެނާއި ބެހޭ ޖަމްޢިއްޔާއެއް އުފެއްދުމަށް އިޢުލާން ކުރައްވައިފައެވެ. އެއީ ދެމެހެއްޓެނިވި ސިފައެއްގައި ފެން ޖާމިނުކޮށްދިނުމަށް ޓަކައި ޤައުމުތަކުންނާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތައް  ތަރައްޤީކޮށް ފުރިހަމަކޮށްދިނުމަށް ޓަކައެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް