Support Us

ޖަޕާނު ހެދުމެއް ލައިގެން ދިއުމުން މަދުރަސާއަށް ނުވެއްދުމުގެ ޝަކުވާ އދ. އަށް

ފަރަންސޭސިވިލާތުގެ މުސްލިމު އަންހެން ދަރިވަރަކު ޖަޕާނުގެ ޤައުމީ ހެދުމެއްގައި މަދުރަސާއަށް ދިޔުމުން މަދުރަސާއިން ފައްސައިލި މަސްއަލަ އިއްޔެ އދ. އަށް ހުށައަޅައިފިއެވެ.

މި ކުއްޖާ ބުނާގޮތުގައި އޭނާ މަދުރަސާއިން ފައްސައިލީ އެ ކުއްޖާގެ ދީނާ ހެދިއެވެ. މުސްލިމު އަންހެން ކުދިންނަށް ބުރުގާ އެޅުން މަނާ ކުރުމުން ޖަޕާނުގެ ކިމޯނޯ ހެދުން ލާން ފެށީ އެއީ ވެސް ގަޔަށް ދޫ، ހަށިގަނޑު ރަނގަޅަށް ނިވާކޮށްދޭ ފޭރާމަކަށް ވާތީއެވެ. 

ފަރަންސޭސިވިލާތުގައި އަންހެންކުދިން ޢަބާއާ ލައިގެން މަދުރަސާއަށް ދިޔުންވަނީ ޤާނޫނަކުން މަނާކޮށްފައެވެ. ކިމޯނޯ ހެދުން ލައިގެން އެ ކުއްޖާ ސެޕްޓެންބަރު ފަހެއްގައި މަދުރަސާއަށް ދިޔުމުން އެ ކުއްޖާ ވަނީ ގެއަށް ފޮނުވައިލައިފައެވެ.

ޢުމުރުން 15 އަހަރުގެ މި ކުއްޖާ އުޅެނީ ފަރަންސޭސިވިލާތުގެ ލިޔޯން ސަހަރުގައެވެ. ނަސްލީ އިމްތިޔާޒާއި ބޭރު މީހުންނަށް ނަފްރަތު ކުރުމާ އިހާނެތިކޮށް ހިތުމުގެ މަސްއަލަތަކާ ބެހޭ އދގެ ޚާއްޞަ ކޮމެޓީގެ މުޤައްރިރާއަށް މި ކުއްޖާ ޝަކުވާ ހުށައެޅީ މި ކުއްޖާގެ ދީނަށް ބަލައި ތަފާތުކުރުންތައް މަދުރަސާއިން ގެންގުޅޭތީއެވެ. މި ކުއްޖާ އދ އަށް މި ޝަކުވާ ފޮނުވީ އޭނާގެ ޤާނޫނީ ވަކީލު ނަބީލް ބޫދީ މެދުވެރިކޮށެވެ.

މި މަސްއަލައާ ބެހޭގޮތުން ވަކީލު ވަނީ ބަޔާނެއް ނެރުއްވައިފައެވެ. ވަކީލު ވިދާޅުވާ ގޮތުގައި ފަރަންސޭސި ވިލާތުގެ ތަޢުލީމާބެހޭ ވަޒީރު ގެބްރީލް އަޓާލް، ޢަބާއާ މަނާކުރެއްވިއިރު އަންހެނުންނާ ދެކޮޅަށް ފަރަންސޭސިވިލާތުގައި ގެންގުޅޭ ހުރިހާ ބާވަތްތަކެއްގެ ތަފާތުކުރުންތަކަށް ބައްލަވައިފައެއް ނުވެއެވެ. 

މި ކުއްޖާ ވަނީ މި ޝަކުވާ ލިޔޯން ސަހަރުގެ ބަންޑާރަ ނައިބަށް ވެސް ހުށައަޅައިފައެވެ. އެއީ ދީނުގެ ސަބަބުން މި ކުއްޖާއާމެދު ތަފާތުކުރަމުންދާތީއެވެ. 

މި މަހު ހަތް ވަނަ ދުވަހު ފަރަންސޭސި ވިލާތުގެ ދައުލަތުގެ މަޖިލީހުން ވަނީ ޢަބާއާ ލައިގެން މަދުރަސާއަށް ދިޔުން މަނާކޮށްފައެވެ. މި މަޖިލީހަކީ އިދާރީ މަސްއަލަތަކާ ބެހޭ އެންމެ މަތީ ކޯޓެވެ.

މި ނިޔާއާ އެއްގޮތަށް ފަރަންސޭސި ވިލާތުގެ މަދުރަސާތަކުން ޢަމަލު ކުރަން ފެށީ 2023/ 2024 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށުމުންނެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް