ކްރެމިޔާގައި ހުންނަ ރަޝިޔާގެ ކަޅުކަނޑުގެ ފްލީޓްގެ މައިމަރުކަޒަށް ޔުކްރޭނުގެ މިސައިލެއް ޙަމަލާއެއް އަރައިފިއެވެ.
ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނިގޮތުގައި މި ޙަމަލާގެ ސަބަބުން ރޫސީ ސިފައިންގެ މީހަކު ގެއްލުނެވެ. އަދި މި ޙަމަލާގެ ސަބަބުން މަރުކަޒަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. މި ވުޒާރާއިން ބުނިގޮތުގައި ޔުކްރޭނުން ދިން ކްރޫޒް މިސައިލްތަކުގެ ތެރެއިން ފަސް މިސައިލް ރޫސީ ވައިގެ ދިފާޢުތަކުން ވަނީ ވައްޓައިލައިފައެވެ. މިއީ ދެ ދުވަހުގެ ތެރޭގައި ޔުކްރޭނުން ދިން ދެވަނަ ޙަމަލާއެވެ.
ޔުކްރޭންގެ ސިފައިންގެ ޓެލެގްރާމުން ބުނިގޮތުގައި އެމީހުން ރަޝިޔާގެ މައިމަރުކަޒަށް މިއަދު ދިން ޙަމަލާއަކީ ކާމިޔާބު ޙަމަލާއެކެވެ. މި ޙަމަލާއާ ބެހޭ ތަފްސީލްތަކެއް ޔުކްރޭނުން ނުދެއެވެ.
ރަޝިޔާގެ މި ފްލީޓްގެ މައިމަރުކަޒު ހުންނަ ސިވަސްޓޮޕޯލް ސަހަރުގެ ގަވަރުނަރު މީޚާއީލް ރަޒަވޮގަޔީވް ވިދާޅުވި ގޮތުގައި ޔުކްރޭންގެ މިސައިލްތަކުން މިސައިލެއް އެ މަރުކަޒުގެ ޢިމާރާތަކަށް ވެއްޓުމުގެ ސަބަބުން އެ ޢިމާރާތުގައި ވަނީ އަލިފާން ރޯވެފައެވެ. މި ޙަމަލާގެ ސަބަބުން ހަ މީހަކު ޒަޚަމުވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މިހާރު ވަނީ މި އަލިފާން ނިއްވައިލައިފައެވެ.
ކްރިމިޔާގައި އޮންނަ ރޫސީ ސަރުކާރުން ވަނީ އެ ސަރަޙައްދުގެ ރައްޔިތުން އެ ރަށުގެ މެދުތެރެއާ ދުރަށް ދިޔުމަށް ނަސޭޙަތްތެރިވެފައެވެ. މި މަރުކަޒު ހުންނަނީ ރަށުގެ މެދުތެރޭގައި ކަމަށް ވާތީއެވެ. މި ޙަމަލާއާ ވިދިގެން އިރުކޮޅަކަށް ކްރިމިޔާ ފާލަން މަތިން ދަތުރު ކުރުން ވެސް ބަންދު ކުރިއެވެ. އެހެނަސް ވަރަށް ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ފާލަން ވަނީ ހުޅުވައިފައެވެ.
ކްރެމިޔާ ސަރަޙައްދަކީ 2014 ގައި ރަޝިޔާއިން ހިފައިފައިވާ ޔުކްރޭންގެ ބަޔެއް ކަމަށް ކިޔީވުން ބުނެއެވެ.



advertisment