Support Us

ގޮވާން ބޭރުކުރުމުގެ މަސްއަލައިގައި ޕޮލެންޑާއި ޔުކްރޭން އަރާރުމަކަށް

 ޔުކްރޭންގެ ގޮވާން ބޭރުކުރުމުގެ މަސްއަލައިގައި ޕޮލެންޑާއި ޔުކްރޭނާ ދެމެދުގައި އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުން ކިޔީވާއި ޔޫރަޕްގެ ބައިވެރިންނާ ދެމެދުގައި ނުތަނަވަސްކަން އިތުރުވަމުންދާނެކަން ކަށަވަރުވެއްޖެ ކަމަށް މޮސްކޯއިން ބުނެފިއެވެ.

ކްރެމްލިންގެ ތަރްޖަމާން ބިސްކޯވް ނޫސްވެރީންނާ ވާހަކަފުޅު  ދައްކަވަމުން ވިދާޅުވި ގޮތުގައި މި މަސްއަލައިގައި ވޯސޯއާއި ކިޔީވާ ދެމެދުގައި ކޯޅުންތައް އިތުރުވަމުންދާނެ ކަމަށް ލަފާކުރެވެއެވެ. 

ބިސްކޯވް ވިދާޅުވިއެވެ. "ވަގުތު ފާއިތުވަމުންދާއިރު ކިޔީވާއި ޔޫރަޕްގެ އެހެން ވެރިރަށްތަކާ ދެމެދުގައި ދެބަސްވުން އުފެދެން ފަށާނެއެވެ. މިއީ ޠަބީޢީ ކަމެކެވެ. އެހެނަސް ރަޝިޔާއިން ދެމުން ގެންދާ ޢަސްކަރީ ޚާއްޞަ މަސައްކަތްތައް ކުރިއަށް ދާނެއެވެ." 

މި ދިޔަ ހަފުތާގައި ޕޯލެންޑުން ވަނީ އެ ޤައުމުގެ ދަނޑުވެރީންގެ މަޞްލަޙަތު ޙިމާޔަތް ކުރުމަށް ޓަކައި ޔުކްރޭންގެ ގޮވާން އެތެރެކުރުން ހުއްޓައިލައިފައެވެ. މި ކަމުގެ ސަބަބުން ކިޔީވާއި ވޯސޯއާ ދެމެދުގައި އަރާރުންތަކެއް ވަނީ ފެށިފައެވެ.  

ޕޮލެންޑާއި ސްލޮވާކިޔާއާއި ހަންގެރީން ވެސް ވަނީ ޔުކްރޭންގެ ގޮވާން އެތެރެކުރުން ހުއްޓައިލައިފައެވެ. އެހެނަސް ބްރަސަލްސްއިން ވަނީ ޔުކްރޭނުގެ ގޮވާން އެތެރެކުރުމަށް ދޮރު ހުޅުވައިލައިފައެވެ. މި ދިޔަ ހަފުތާގައި ޔުކްރޭނުން ވަނީ ދުނިޔޭގެ ވިޔަފާރިއާބެހޭ ޖަމްޢިއްޔާއަށް މި ކަމުގެ ޝަކްވާ ވެސް ހުށައަޅައިފައެވެ. 

އެއަށްފަހު ޕޮލެންޑްގެ ބޮޑުވަޒީރު މެތިޔޮޝް މޮރަވިޓްސްކީ އިޢުލާން ކުރެއްވި ގޮތުގައި އެ ޤައުމުން ދެން ޔުކްރޭނަށް ހަތިޔާރެއް ނުދޭނެއެވެ. އެއީ އެ ޤައުމުގެ ދިފާޢީ ބާރުތައް ވަރުގަދަކުރަން ޖެހިފައިވާތީއެވެ. ރަޝިޔާއިން ޔުކްރޭނަށް 2022ގައި ޙަމަލާދޭން ފެށުމުން ޔުކްރޭނަށް ހަތިޔާރުގެ ގޮތުން އެހީވާން ފެށި އެންމެ އިސް ޤައުމުތަކުގެ ތެރޭގައި ޕޮލެންޑް ވެއެވެ. މިއަދު ހުޅަނގުގެ ޤައުމުތަކުން ފޮނުވާ ގިނަ ހަތިޔާރުތައް ޔުކްރޭނަށް ދަނީ ޕޮލެންޑް މަގުންނެވެ. 

އެހެނަސް އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސޮލިވާން ވިދާޅުވާގޮތުގައި ވިޔަފާރީގެ މައިދާނުގައި ދެބަސްވުންތަކެއް އޮތް ނަމަވެސް ޕޮލެންޑުން ޔުކްރޭނަށް ހަތިޔާރުގެ އެހީ ދިނުން ހުއްޓައެއް ނުލާނެއެވެ. 

އަނެއްކޮޅުން ރަޝިޔާ ބުނާގޮތުގައި ކަޅުކަނޑު ހުރަސްކޮށް ޔުކްރޭންގެ ގޮވާން ބޭރުކުރުމާ ބެހޭ އެއްބަސްވުމުގެ މަސްއަލައިގައި އަދި އެއްވެސް ކުރިއެރުމެއް ނެތެވެ. މިކަމާ ބެހޭގޮތުން ރޫސީ ރައީސާއި ތުރްކީގެ ރައީސް އަދި ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ނުވާކަމަށް ވެސް މޮސްކޯއިން ބުންޏެވެ. 

މި ހުސްވި އޮގަސްޓް މަހު ޔުކްރޭންގެ ރައީސް ޒިލެންސްކީ  އިޢުލާންކުރެއްވި ގޮތުގައި ޔުކްރޭނުން ގޮވާން ދެން ބޭރުކުރާނީ އައު މަގަކުންނެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *