Support Us

ރިޔާސީ އިންތިހާބު 2023

ވެރިކަމަކީ އިއްޒަތަކާއި ޝަރަފެއް ނޫން, އެއީ ރައްޔިތުން ހަވާލުކުރާ ވަރަށް ބޮޑު އަމާނާތެއް: ޑރ. މުއިއްޒު

ވެރިކަމަކީ އެއްވެސް ހާލެއްގައި ބޮޑު އިއްޒަތަކާއި ޝަރަފެއް ނޫން ކަމަށާއި ވެރިކަމަކީ ރައްޔިތުން ހަވާލުކުރާ ވަރަށް ބޮޑު އަމާނާތެއް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށްގެންދަވާ ކެންޕެއިން ދަތުރުފުޅުގައި ރޭ ރ. ހުޅުދުއްފާރުގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ވެރިކަމަކީ ކިހާވަރެއްގެ ޒިންމާއެއްކަމާއި ރައްޔިތުން ހަވާލުކުރާ ކިހާ ބޮޑު އަމާނާތެއްކަން ނޭނގޭ ނަމަ އެމީހެއްގެ ވެރިކަމުގައި އިއްޒަތާއި ޝަރަފު ދެމިނޯންނާނެ ކަމަށެވެ.

"އަޅުގަނޑު އެއްވެސް ހާލެއްގައި ވެރިކަމަކީ އިއްޒަތެއްގެ ގޮތުގައި، ޝަރަފެއްގެ ގޮތުގައި ގަބޫލެއް ނުކުރަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ކައިރިއަށް މި ވަޑައިގަތީ ރައްޔިތުންނަށްޓަަކައި، މި ގައުމަށްޓަަކައި ރައްޔިތުންގެ ކަންކަން ހާސިލްކޮށްދިނުމަށްޓަަކައި މިވަރުގަދަ ޒިންމާއާއި އަމާނާތް، އަމާނާތްތެރިކަމާ އެކު ފޯރުކޮށްދިނުމުގެ ޔަގީންކަން އޯތީމާ އެކަންތައް ކޮށްދެއްވުމަށް ކަމަށެވެ.

"އަޅުގަނޑު ގަބޫލްކުރަނީ މިއީ ވަރަށް ބޮޑު އަމާނާތެއްގެ ގޮތުގައި. ރައްޔިތުން ހަވާލުކުރާ ބޮޑު އަމާނާތަކާ މި ހަވާލުވާން މިޖެހެނީ. ރައްޔިތުންގެ ބޮޑު ޒިންމާއަކާ ހަވާލުވާން ޖެހެނީ. ވަރަށް ބޮޑު މަސްއޫލިއްޔަތެއް މިއީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރާއްޖެ މިހާރު އޮތް ހާލަތާ މެދު އުއްމީދު ގެއްލުވާލަން ނުޖެހޭ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ރާއްޖޭގެ އިގުތިސާދު ނަގާ ކޮޅަށް ޖަހައި ގައުމުގެ  މިނިވަންކަން ވެސް އަނބުރާ ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ޑރ. މުއިއްޒު ދެއްވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ވަކި ކުލައަކަށް ވަކި ޕާޓީއަކަށް ނުބައްލަވައި ހަމަހަމަ ލކަމާއެކު ކަންކަން ކޮށްދެއްވާނެ ކަމަށާއި ރައްޔިތުން އެ މަނިކުފާނަށް އިތުބާރުކޮށް އިންސާފުވެރި ވެރިކަމެއް ބޭނުންވާނަމަ އެފަދަ ވެރިކަމެއް ގެނެސްދެއްވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *