Support Us

ސޫރިޔާގެ ރައީސް އަސަދު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް

ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ދެކަނބަލުން ރަސްމީ ދަތުރުފުޅެއްގައި މިއަދު ޗައިނާއަށް ވަޑައިގެންފިއެވެ.

މިއީ ދެ ދަހަރުގެ ތެރޭގައި ރައީސް ބައްޝާރު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ރައީސް ބައްޝާރު ޗައިނާއަށް ވަޑައިގަތީ ޗައިނާގެ ރައީސް ޝީ ޖިން ޕިންގ ފޮނުއްވި ޚާއްޞަ މަތިންދާބޯޓެއްގައެވެ. 

ޗައިނާއަކީ 2011ވަނަ އަހަރުގެ ފަހުން ޢަރަބިނޫން ޤައުމުތަކުގެ ތެރެއިން އަސަދު ޒިޔާރަތް ކުރައްވާ ތިންވަނަ ޤައުމެވެ. މީގެ ކުރިން އޭނާ ވަނީ ރަޝިޔާއަށާއި އީރާނަށް ދަތުރުފުޅުތައް ކުރައްވައިފައި ވެއެވެ. 

ޗައިނާގެ ޚާރިޖިއްޔާއިން ބުނާގޮތުގައި ހޮނިހިރު ދުވަހު ޗައިނާގައި ފެށޭ އޭޝިޔާގެ އޮލިމްޕިކް ކުޅިވަރުތައް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި އަސަދު ބައިވެރިވެ ވަޑައިގަންނަވާނެއެވެ. 

ސޫރިޔާގެ ރިޔާސީ ގަނޑުވަރުން ބުނާގޮތުގައި ރައީސް އަސަދުގެ އަރިހުގައި މަތީ ފެންވަރުގެ ވަފްދެއް ޗައިނާއަށް ވަޑައިގަތެވެ. ޗައިނާގެ ރައީސް ޝީ ޖިން ޕިންގާ އެކު އަސަދު ބާއްވަވާ ސަމިޓްގައި މި ވަފްދު ބައިވެރިވާނެއެވެ. 

ސޫރިޔާއާއި ޗައިނާއާ ދެމެދުގައި 1956ގައި ސިޔާސީ ގުޅުންތައް ޤާއިމުކުރެވުނު ފަހުން މިއީ ސޫރިޔާގެ ރައީސަކު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ޗައިނާއަކީ ބައިނަލްއަޤްވާމީ މަޙްފިލްތަކުގައި ސޫރިޔާ ދިފާޢުކޮށް އެ ޤައުމު ކުށްވެރިކުރުމަށް އެމެރިކާއާއި ހުޅަނގުން ކުރަމުންދާ މަސައްކަތުގައި ސޫރިޔާ ޙިމާޔަތްކޮށް ދިން ޤައުމެކެވެ. ރަޝިޔާއާއެކު ސަލާމަތީ މަޖިލީހުގައި ޗައިނާ ވަނީ ސޫރިޔާގެ އަސަދު ސަރުކާރު ޙިމާޔަތްކޮށް ދިނުމަށް ޓަކައި އެތައް ފަހަރަކު ވީޓޯ ކޮށްފައެވެ.

ޗައިނާއަށް ބަލާއިރު ސޫރިޔާއަކީ ވަރަށް އިސްތިރާޖީ ހިސާބެއްގައި އޮތް ޤައުމެކެވެ. ޗައިނާއަށް ބޭނުންވާ ތެލުގެ 10% އަންނަނީ ސޫރިޔާގެ އަވަށްޓެރި ޢިރާޤުންނެވެ. ހަމަ އެފަދައިން ސޫރިޔާއަކީ ތުރްކީއާ އަވަށްޓެރި ޤައުމެކެވެ.

އަސަދުގެ ޗައިނާ ދަތުރުފުޅުގެ ސަބަބުން ބައިނަލްއަޤްވާމީ މައިދާނުގައި ސޫރިޔާ އެކަހެރި ކުރުމަށް ކުރެވޭ މަސައްކަތް  ނާކާމިޔާބުކޮށްލުމަށް މަދަދު ލިބޭނެއެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *