Support Us

އީރާނުގެ ނިޔުކްލިޔަރ ތަންތަން ބަލައި ފާސްކުރުމުގައި އެއްވެސް މަސްއަލައެއް ނެތް: ރައީސީ

ޒައްރީ ހަކަތަޔާ ބެހޭ ބައިނަލްއަޤްވާމީ އޭޖެންސީން އީރާނުގެ ނިޔުކްލިއަރ ތަންތަން ބަލައި ފާސްކުރުމުގައި އެއްވެސް މަސްއަލައެއް ނެތްކަމަށް އީރާނުގެ ރައީސް އިބްރާހީމު ރައީސީ ވިދާޅުވެއްޖެއެވެ.

އދގެ ޢާންމު ޖަމްޢިއްޔާގެ މަސައްކަތްތަކުގެ ހަވާސާމަތީގައި ރައީސީ ބޭއްވެވި ނޫސް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "މަސްއަލައަކީ ބަލައި ފާސްކުރުމެއް ނޫނެވެ. މަސްއަލަ ޖެހިފައިވަނީ މި އޭޖެންސީގެ ފަރާތުން މަސައްކަތްކުރާ ބައެއް އިންސްޕެކްޓަރުންނާ ހެދިއެވެ. އިތުބާރު ކުރެވޭ އިންސްޕެކްޓަރުންނަށް މަސައްކަތުގައި ކުރިއަށް ދެވޭނެއެވެ."

ރައީސީ ވިދާޅުވިއެވެ. "އީރާނުން އެޅި ފިޔަވަޅަކީ މި އޭޖެންސީގައި މަސައްކަތް ކުރާ ހުޅަނގުގެ އިންސްޕެކްޓަރުން ބޭއިންސާފު ބަޔާންތައް ދެމުން ގެންދާތީ އެކަން ހުއްޓުވުމަށް ޓަކައި އެޅި ފިޔަވަޅެކެވެ."

މި ދިޔަ ހޮނިހިރު ދުވަހު އީރާނުން ވަނީ ހަކަތަޔާ ބެހޭ އޭޖެންސީގެ މެންބަރުންގެ ތެރެއިން ތިން ބައިކުޅަ އެއްބައި މެންބަރުން އީރާނުން ފޮނުވައިލައިފައެވެ. ޒައްރީ ހަކަތަޔާ ބެހޭ ބައިނަލްއަޤްވާމީ އޭޖެންސީން ވަނީ މިކަން ކުށްވެރި ކޮށްފައެވެ. މި އޭޖެންސީން ބުނާގޮތުގައި އެއީ އެކަށީގެންވާ މުނާސަބު ފިޔަވަޅެއް ނޫނެވެ. މިކަމުގެ ސަބަބުން އީރާނުގެ ނުޔުކްލިޔަރ ޙަރަކާތްތައް ބެލުމުގެ މަސައްކަތަށް ވަނީ ހުރަސްއެޅިފައެވެ.

މި އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް ރަފާއީލް ގްރޮސީ ހާމަކުރެއްވި ގޮތުގައި އީރާނުން ވަނީ އެ ޤައުމުގައި މަސައްކަތް ކުރާ ބައެއް އިންސްޕެކްޓަރުން ބަލައިގަތުން ހުއްޓައިލައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ބަލައިނުގަންނަން ނިންމައިފައިވަނީ އެންމެ ތަޖްރިބާކާރު އިންސްޕެކްޓަރުންނެވެ. އޭނާ ވިދާޅުވިގޮތުގައި އީރާނުގެ މި ފިޔަވަޅުގެ ސަބަބުން އޭޖެންސީގެ މަސައްކަތަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފައެވެ.

އީރާނުން މި ވާހަކަތައް ދިފާޢުކުރަމުން ބުނިގޮތުގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ދަނީ ޒައްރީ ހަކަތަޔާބެހޭ އޭޖެންސީ ސިޔާސީކުރަމުންނެވެ. އީރާނުން އެކަން ބަލައެއް ނުގަންނާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *