...

Support Us

މުޞްޙަފު އެންދުމަށް ޔޫރަޕްގައި ހުއްދަދޭ މައްސަލަ ކުށްވެރިކޮށްފި

ޔޫރަޕްގެ ބައެއް ޤައުމުތަކުގައި ޚާއްޞަކޮށް ސްވިޑްންއާއި ޑެންމާކުގައި މުޞްޙަފު އެންދުމަށް ހުއްދަ ދެމުންދާތީ އިސްލާމީ ޤައުމުތަކުގެ ބައެއް ޒަޢީމުން އެކަން ކުށްވެރިކުރައްވައިފިއެވެ.

އދ ގެ ޢާންމު ޖަމްޢިއްޔާގައި ވާހަކަފުޅު ދައްކަވަމުން އެ ބޭފުޅުން ވިދާޅުވިގޮތުގައި މި "ހަޑި މުޑުދާރު ޢަމަލުގެ ސަބަބުން" އިސްލާމީ ޤައުމުތައް އޮތީ ރުޅިއައިސްފައެވެ. ފަށްފަށްކޮށް ސްވިޑްންގައި މުޞްޙަފުތައް އަންދަމުންދާތީ ސްވިޑްންގެ ސަފީރު އެ ޤައުމުތަކުގެ ޚާރިޖިއްޔާއަށް ގެންގޮސް އިޙްތިޖާޖުގެ ނޯޓުތައް ޙަވާލުކޮށްފައި ވެއެވެ. އަދި ސްވިޑްންގެ މުދާ ބޮއިކަޓް ކުރުމަށް ވެސް ގޮވައިލައިފައި ވެއެވެ.

ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން އދ ގެ ޢާންމު ޖަމްޢިއްޔާގައި ރޭ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި މުޞްޙަފު އެންދެމުގެ "ހުތުރު" ޢަމަލުތައް މިހާރު ވަނީ ތަޙައްމުލުނުކުރެވޭ މިންވަރަށް" އިތުރުވެފައެވެ.

"ނަސްލީ އިމްތިޔާޒުގެ ޢަމަލުތަކާއި ބިދޭސީންނަށް ނަފްރަތު ކުރުމާއި އިސްލާމްދީނަށް ނަފްރަތު ކުރުމުގެ ޢަމަލުތައް ޔޫރަޕްގެ ޤައުމުތަކުގައި މިހާރު ވަނީ ތަޙައްމުލު ނުކުރެވޭ މިންވަރަށް އިތުރުވެފައެވެ." އުރްދުޣާން ވިދާޅުވިއެވެ. އޭނާގެ ވާހަކަފުޅުގައި އެއްވެސް ޤައުމެއްގެ ނަމެއް ވިދާޅެއް ނުވެއެވެ.

ރައީސް އުރްދުޣާން ތުހްމަތުކުރެއްވި ގޮތުގައި ވަރަށް ގިނަ ޤައުމުތަކެއްގައި ޤައުމީ ސިޔާސީން ދަނީ އަލިފާނާ ކުޅެމުންނެވެ.

އޭނާ ވިދާޅުވިއެވެ. "މުސްކުޅިވެފައިވާ ބަރޫދުގައި ކީރިތި ޤުރްއާނަށް ދެވެމުންދާ ހަޑި ހުތުރު ޙަމަލާތަކުގެ ސަބަބުން އެ ބަރޫދުގެ ކުރިމަގު ވަނީ އަނދިރިވެފައެވެ."

ޤަޠަރުގެ އަމީރު އައްޝައިޚު ތަމީމު ބިން ޙަމަދު އާލު ޘާނީ ވިދާޅުވިއެވެ. "އެހެން މީހުންގެ މުޤައްދަސް އެއްޗެއްސާ ކުޅުން ހުއްދަކުރުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމޫނާއެއް ނޫނެވެ." ޝައިޚު ތަމީމު ވިދާޅުވިގޮތުގައި ބުއްދި ހަމަނޫން މީހަކަށް ކީރިތި ޤުރްއާނުގެ ޙުރްމަތްކެނޑުމަށް ހުއްދަ ދެވޭވަރަށްވުރެ ކީރިތި ޤުރްއާން މާ މަތިވެރިއެވެ. ބުއްދިހަމަނޫން މީހަކު ނުވަތަ ދޮގުވެރިއަކު ހިތަށް އަރާއިރަށް ކީރި ޤުރްއާނާ ކުޅެ އެ ފޮތުގެ ޙުރްމަތް ކެނޑުމަށް ހުއްދަދިނުމަކީ މުސްލިމުންނަށް ހިތޭ އިހާނެތިކަމެކެވެ."

އީރާނުގެ ރައީސް އިބްރާހީމު ރައީސީ އދގެ މިންބަރު މަތީގައި މުޞްޙަފެއް އުފުއްލަވައިގެން ހުންނަވާ ވިދާޅުވިއެވެ. "ކީރިތި ޤުރްއާނުގެ އިރްޝާދުތަކަކީ ހުރިހާ މުޖްތަމަޢުތަކަކަށް ލިބިގެންވާ ތެދުމަގެކެވެ. އެ ފޮތް އަންދައެއް ނުލެވޭނެއެވެ. އިހާނެތިކޮށް ހިތުމުގެ އަލިފާނުން ޙަޤީޤަޤަތް އޮޅުވައެއް ނުލެވޭނެއެވެ."

ރައީސީ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ކީރިތި ޤުރްއާނުގެ ކޮޕީތައް އެންދުމާއި މަދުރަސާތަކުގައި އަންހެންކުދީން ބުރުގާ އުޅުން މަނާކުރުންފަދަ ޢަމަލުތަކަކީ މި ޒަމާނުގެ އިންސާނާއާ އެކަށީގެންވާ ޢަމަލުތަކެއް ނޫނެވެ." އޭނާ ނަން ވިދާޅުނުވެ މި އިޝާރާތް ކުރެއްވީ ފަރަންސޭސި ވިލާތުގައި މުސްލިމު ދަރިވަރުން ބުރުގާ އެޅުން މަނާކޮށްފައި އޮތް އޮތުމަށެވެ.

ސްވިޑްންގައި މުޞްޙަފު އެންދުމުގެ ކުޅި ފަށައިފައިވަނީ މި ދިޔަ ބޮޑުޢީދު ދުވަހުއެވެ. އެ ދުވަހު ސިލްވާން މޫމިކާ ކިޔާ މީހަކު ވެރިރަށް ސްޓޮކްހޮލްމްގެ އެންމެ ބޮޑު މިސްކިތް ކައިރިއަށް ގޮސް މުޞްޙަފެއް ވީދައިލާ އޭގެ ގަނޑުތަކުން އޭނާ ބޫޓުފޮހެ އެއަށް އޫރު ތެޔޮ އަޅައި އަންދައިލިއެވެ.

ސްވިޑްން ސަރުކާރު ބުނާގޮތުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އެ ޤައުމުގައި އޮންނާތީ އެ ސަރުކާރަށް މި ކަމެއް ނުހުއްޓުވޭނެއެވެ. މި މަހު ހަތަރު ވަނަ ދުވަހު ސްވިޑްންގެ މަލްމޯ ސަހަރުގައި ވަނީ މުޞްޙަފެއް އަންދައިލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.