...

Support Us

ބައިޑްންގެ މަޝްވަރާތަކުގައި މުހިއްމު ހުރަސްތައް ގިރާކުރެވިއްޖެ: އުރްދުޣާން

އެމެރިކާގެ ރައީސް ޖޯ ބައިޑްނާއެކު ބޭއްވެވި ބައްދަލުވުންތަކުގައި މުހިއްމު ހުރަސްތައް ގިރާކުރެއްވިފައިވާ ކަމަށް ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން ހާމަކުރައްވައިފިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިމަގުގައި ބައްދަލުވުންތައް އިތުރުވާނެއެވެ. އުރްދުޣާން ހާމަކުރެއްވި ގޮތުގައި އެމެރިކާއާއެކު އެއްބާރުލުންތައް ފުޅައުކުރުމަކީ އަންކަރާ ތަރްޙީބުދޭ ކަމެކެވެ. 

 އުރްދުޣާން  އިޝާރާތްކުރެއްވި ގޮތުގައި ނިރުބަވެރިކަމަކީ  އެމެރިކާއަށާއި ތުރްކީއަށް އޮތް ގުޅިފައިވާ ބިރެކެވެ. އޭނާ ވިދާޅުވިގޮތުގައި ނިރުބަވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމުގައި ތުރްކީން އެމެރިކާއާއެކު އެއްބާރުލުން ވަރުގަދަކުރާނެއެވެ.  އުރްދުޣާން ވިދާޅުވިގޮތުގައި ނިރުބަވެރިން ރަނގަޅު ގިންތިއަކަށާއި ނުބައި ގިންތިއަކަށް ބެހުމަކީ ކުށެކެވެ. އޭނާ ވިދާޅުވިގޮތުގައި ނިރުބަވެރީންނާއެކު ވާހަކައެއް ނުދެއްކޭނެއެވެ. އަދި އެމީހުންގެ ބަސް ތެދެއް ނުކުރެވޭނެއެވެ. އެމީހުންނާއެކު އެއްވެސް ބައިވެރިވުމެއް ވެސް ނެހެދޭނެއެވެ.

 އުރްދުޣާން މި މޭރުމުން ވާހަކަފުޅު ދެއްކެވީ ނިވްޔޯރކްގައި އެމެރިކާގެ ފިކްރީ މުއްސަސާތަކުގެ މަންދޫބުންނާ ބައްދަލު ކުރައްވަމުންނެވެ.

 އުރްދުޣާން ނިވްޔޯރކަށް ވަޑައިގަތީ އދ ގެ ޢާންމު ޖަމްޢިއްޔާގެ 78 ވަނަ ދައުރުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓަކައެވެ. މި ބައްދަލުވުމުގައި އުރްދުޣާން ވާހަކަފުޅު ދައްކަވަމުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މުހިއްމު އެތައް ފައިލްތަކާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. 

ޚާރިޖީ ސިޔާސަތު  

 ރައީސް އުރްދުޣާން ހާމަކުރެއްވި ގޮތުގައި އޭނާގެ ޚާރިޖީ ސިޔާސަތުގެ "އަމާޒަކީ ސަރަޙައްދީ އަދި ބައިނަލް އަޤްވާމީ މަސްއަލަތައް ޙައްލުކޮށް އަޅުގަނޑުމެންގެ ސަރަޙައްދުގައި ޞުލްޙަ މަސަލަސްކަމާއި އަމަންކަމާއި ހަމަޖެހުން ޤާއިމުކޮށް ފާގަތިކަން ފެތުރުމެވެ. އަދި ބައިނަލްއަޤްވާމީ ނިޒާމުން ޢަދްލުވެރިކަން ނެތިގެން ދިޔުން މަނާކުރުމެވެ."

ތުރްކީގެ ރައީސް ހާމަކުރެއްވި ގޮތުގައި ތުރްކީއަކީ އެ ޤައުމުން ބޭރުގައި އެންމެ ގިނަ މިޝަންތައް ހުރި ފަސް ޤައުމުގެތެރޭގައި ހިމެނޭ ޤައުމެކެވެ. ތުރްކީގެ 260 މިޝަން ދުނިޔޭގެ އެތަން މިތާނގައި އެބަހުށްޓެވެ. 

ބައިނަލްއަޤްވާމީ އަރާރުންތައް ޙައްލުކުރުމުގައި ތުރްކީ ކުޅެމުންދާ ދައުރާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އުރްދުޣާން ވިދާޅުވިގޮތުގައި ޔުކްރޭން ހަނގުރާމައިގައި ތުރްކީ މެދުވެރިގެން ރަޝިޔާއާއި ޔުކްރޭނުގެ އަސީރުން ވަނީ ބަދަލުކުރެވިފައެވެ. އަދި ޔުކްރޭނުގެ ގޮވާން ބޭރުކުރެވޭނެ މަގުވަނީ ތަނަވަސްކޮށްދެވިފައެވެ. މިކަމުގެ ސަބަބުން 33 މިލިޔަން ޓަނުގެ ގޮވާން ޔުކްރޭނަށް ބޭރުކުރެވުނު ކަމަށް އުރްދުޣާން ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ކާބޯތަކެތީގެ ބޮޑު ތަދަކުން ދުނިޔެ ސަލަމަތް ކުރެވުނުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ މިއަދު ނާޒުކު ޙާލަތަށް ބަލާއިރު ތުރްކީއާއި ޔޫރަޕްގެ އިއްތިޙާދާ ދެމެދުގައިވާ ގުޅުންތައް ދިރުވަންޖެހިފައިވާ ކަމަށް ވެސް  އޭނާ ވިދާޅުވިއެވެ.

އިޤްތިޞާދާއި ދިފާޢީ ޞިނާޢަތްތައް

ރައީސް އުރްދުޣާން ހާމަކުރެއްވި ގޮތުގައި މި ދިޔަ ފެބްރުވަރީގައި ތުރްކީގެ ދެކުނަށް އައި ބާރުގަދަ ޒަލްޒަލާގެ ސަބަބުން ފާރުވި ބޮޑު ފާރުގަނޑަށް ބޭސްއަޅައި ރަނގަޅުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި "އެއީ އިންސާނިއްޔަތު ދެކެފައިވާ އެންމެ ބޮޑު ކާރިސާއެވެ."

އެހެނަސް ރައީސް އުރްދުޣާން ހާމަކުރެއްވި ގޮތުގައި މި ކަމާއެކުގައި ވެސް ތުރްކީއަށް ވަނީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެތެރޭގައި އިޤްތިޞާދީ މައިދާނުގައި 3.9% ކުރިއެރުމެއް ލިބިފައެވެ. މި އަހަރުގެ ފުރަތަމަ އަށް މަސްދުވަހު ވަނީ ތުރްކީން ބޭރުކުރި މުދަލުގެ އަގު 165 ބިލޔަން ޑޮލަރަށް އަރައިފައެވެ.

ރައީސް އުރްދުޣާން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ހާމަކުރެއްވި ގޮތުގައި އެ ޤައުމާ ދެކޮޅަށް ކުރިމަތިކޮށްފައިވާ ހުރަސްތައް ހުއްޓަސް ތުރްކީއަކީ ދިފާޢީ ޞިނާޢަތުގައި މުހިއްމު ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ. މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ތުރްކީން 2.4 ބިލިއަން ޑޮލަރުގެ ހަތިޔާރު ބޭރުކޮށްފައިވާ ކަމަށް އުރްދުޣާން ވިދާޅުވިއެވެ.

ސޫރިޔާގެ ހަ ލައްކަ މީހުން އެނބުރި ހިނގައްޖެ

ރެފިޔުޖީންގެ މަސްއަލައާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އުރްދުޣާން ވިދާޅުވިގޮތުގައި އެމީހުން ޤައުމަށް އެނބުރި ދާނީ މަޖްބޫރުކަމެއް ނެތިއެވެ. މިހާތަނަށް ސޫރިޔާގެ ހަ ލައްކައެއްހާ މީހުން ވަޠަނަށް އެނބުރި ހިނގައްޖެއެވެ. ސޫރިޔާގެ އުތުރުގައި އެމީހުން ވަޒަންވެރިކުރުވުމަށް ޓަކައި ބިނާކުރެވޭ ބޯހިޔާވަހިތައް ޤާއިމުކޮށް ނިމުމުން މިލިޔަނެއް މީހުން އެނބުރިދާނެއެވެ. 

އިސްލާމްދީނާ ހަތުރުވެރިވުން

ރައީސް އުރްދުޣާން ވިދާޅުވިގޮތުގައި އިސްލާމްދީނާ ހަތުރުވެރި ޙަރަކާތްތައް މިހާރު ވަނީ "ވަރަށް ނުރައްކާތެރި ނުކުތާއަކަށް" ވާޞިލުވެފައެވެ. ބައެއް ޤައުމުތަކުގައި މިނިވަންކަމުގެ ނަމުގައި  ނަސްލީ އިމްތިޔާޒުގެ ޙަރަކާތްތަކާއި ބޭރުމީހުންނާ ދެކޮޅަށް ހިންގާ ނަފްރަތްތެރިކަމުގެ ޢަމަލުތަކަކީ "އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ ޢަމަލުތަކެއްނޫނެވެ." މި ފަދަ ޙަރަކާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށް ރައީސް އުރްދުޣާން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.