Support Us

ބައިނަލް އަޤްވާމީ އިންސާފު ކޯޓުގައި ޔުކްރޭނާއި ރަޝިޔާ

ޔުކްރޭނުގެ އިރުމަތީ ސަރަޙައްދުގެ ރަށްވެހީންގެ ތެރެއިން ރަޝިޔާ ބަހުން ވާހަކަދައްކާ މީހުންގެ ނަސްލު ނައްތައިލުމަށް ޔުކްރޭނުން މަސައްކަތްކުރާ ކަމަށް މޮސްކޯއިން ތުހްމަތުކޮށް ޔުކްރޭނާ ދެކޮޅަށް ފެށި ޢަސްކަރީ ޚާއްޞަ ޢަމަލުތައް ހުއްޓުވުމަށް އަމުރު ކުރުމަށް އެދި ޔުކްރޭނުން ބައިނަލްއަޤްވާމީ ކޯޓަށް ހުށައެޅި ދަޢުވާ ބަލަން އިއްޔެ އެ ކޯޓުގައި ފަށައިފިއެވެ. 

ލާހައިގައި ހުންނަ މި ކޯޓުގެ ފަނޑިޔާރުންގެ ކުރިމަތީގައި ރަޝިޔާއާއި ޔުކްރޭނުގެ ޤާނޫނީ ވަކީލުން ދިފާޢީ ޙުއްޖަތްތައް ހުށައަޅުއްވަމުން ގެންދަވާނެއެވެ. ޔުކްރޭނުން އެދެނީ ރަޝިޔާގެ ޢަސްކަރީ ޢަމަލުތައް ހުއްޓުވުމަށް ކޯޓުން ނިޔާ އިއްވުމަށެވެ.

ރޫސީ ރައީސް ވްލެޑިމީރު ޕޫޓިން 2022 ވަނައަހަރުގެ ފެބްރުވަރީގެ 24 ވަނަ ދުވަހު ޔުކްރޭނާ ދެކޮޅަށް ޢަސްކަރީ ޚާއްޞަ ޙަމަލާތަކެއް ދެއްވަން ފެށްޓެވީ ޔުކްރޭނުގެ އިރުމަތީ ސަރަޙައްދުގެ ރަށްވެހީންގެ ޙައްޤުތައް އެމީހުންނަށް ހޯއްދަވާދެއްވުމަށެވެ. 

އޭގެ ދެ ދުވަސްފަހުން، 26 ފެބްރުވަރީގައި ކިޔީވުން މި މަސްއަލަ ބައިނަލްއަޤްވާމީ އިންސާފު ކޯޓަށް ހުށައެޅިއެވެ. ރަޝިޔާގެ މި ތުހްމަތުތައް ނަފީކުރަމުންނެވެ. ރަޝިޔާއިން ބުނާގޮތުގައި ކިޔީވުން ޔުކްރޭނުގެ އިރުމަތީ ސަރަޙައްދުގައި ހިންގަމުންދާ ނަސްލު ނައްތައިލުމުގެ ޢަމަލަކީ އދ އިން 1948 ގައި ފާސްކޮށްފައިވާ ޤަރާރާ ޚިލާފު ޢަމަލެކެވެ. 

ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ފަށައިފައިވާ ޢަސްކަރީ ޙަމަލާތައް ހުއްޓައިލުމަށް 2022 ގެ މާރިޗް މަހު ބައިނަލްއަޤްވާމީ ކޯޓުން އަމުރުކޮށްފައި ވެއެވެ. މިކަމާ ވިދިގެން ރަޝިޔާއިން ބުނިގޮތުގައި މި އަމުރަކީ އެ ކޯޓުގެ އިޚްތިޞާޞުގައި ހިމެނޭ ކަމެއް ނޫނެވެ. އެއީ އދ އިން 1948 ގައި ފާސްކޮށްފައިވާ ޤަރާރުން ބޭރުން ނެރެފައިވާ އަމުރެކެވެ. 

ރަޝިޔާއިން އިއްޔެ ވަނީ މި ކޯޓުގައި އެ ޤައުމުގެ ރައްދުތައް ހުށައަޅަން ފަށައިފައެވެ. ރަޝިޔާއިން މި ހުށައެޅުންތައް ހުށައަޅައި ނިމުމުން ޔުކްރޭނުން އެ ޤައުމު ރައްދު މިއަދު ހުށައަޅަން ފަށާނެއެވެ.

މި މަސްއަލައިގައި ރަޝިޔާއާ ދެކޮޅަށް ހުޅަނގުގެ ތިރީހަކަށް ޤައުމުން ތަދައްޚުލު ވާނެއެވެ. 

މި ކޯޓުން މަސްއަލައާ ބެހޭގޮތުން ނިޔާއެއް އިއްވުމަށް ހައެއްކަ މަސް ހޭދަ ވެދާނެއެވެ. ފަހަރެއްގައި ހައެއްކަ  އަހަރުވެސް ވެދާނެއެވެ.

ރަޝިޔާގެ ދިފާޢު

ރަޝިޔާއިން މި ކޯޓުގައި އިއްޔެ ބުނިގޮތުގައި މި ޤަޟިއްޔާއަކީ "ނާއުންމީދުން ފުރިފައިވާ ހުތުރު" ޤަޟިއްޔާއެކެވެ. ރަޝިޔާ ބުނާގޮތުގައި މިއީ ބައނަލްއަޤްވާމީ ކޯޓުގެ އިޚްތިޞާޞުން ބޭރުގައިވާ ކަމެކެވެ.  

ރަޝިޔާގެ ވަކީލް ކޮޒްމިން ވިދާޅުއެވެ. "ނަސްލު ނައްތައިލުމުގެ އެއްވެސް ޢަމަލެއް ނުހިނގާ ކަމަށް ޔުކްރޭނުން ފަށްފަށްކޮށް ބުނެއެވެ." އޭނާ ވިދާޅުވިއެވެ. "އެހެންކަމުން މި ޤަޟިއްޔާ ބަލައިނުގަތުމަށް މި ޙުއްޖަތް ފުދެއެވެ."

ކޮޒްމިން ވިދާޅުވިއެވެ. "އެފަދަ ޢަމަލެއް ހިނގައިފައިނުވާނަމަ ނަސްލު ނައްތައިލުމާ ބެހޭ އދ ގެ ޤަރާރާ ޚިލާފުވާނީ ކިހިނެއްހެއްޔެވެ؟ އެހެންވީމާ ޔުކްރޭނުން އެދޭއެދުމަށް ކޯޓުން ނޫނެކޭ ބުނަން އެބަޖެހެއެވެ. މިއީ ޔުކްރޭނުން ހުށައަޅަން ލަދުގަންނަން ޖެހޭ ކަމެކެވެ. އެއީ މާޔޫސްވެގެން ހުށައެޅި މަސްއަލައެކެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *