Support Us

ޗައިނާގެ ޚާރިޖީ ވަޒީރު ރަޝިޔާއަށް ވަޑައިގަންނަވަނީ

ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި މިއަދު ރަޝިޔާއަށް ވަޑައިގަންނަވާނޭކަން ޗައިނާގެ ޚާރިޖިއްޔާއިން ބުނެފިއެވެ.

ޗައިނާއާއި ރަޝިޔާއަކީ އެ ދެ ޤައުމުން ސިފަކުރާގޮތުގައި އެއްވެސް ޙައްދެއްނެތި ޢަސްކަރީ އަދި އިޤްތިޞާދީ މައިދާނުގައި އެއްބާރުލުން ޤާއިމުކޮށް ދަމަހައްޓަމުންދާ ދެ ޤައުމެވެ. ޔުކްރޭން ހަނގުރާމައިގެ ސަބަބުން މި ގުޅުން ވަނީ އިތުރށް ވަރުގަދަވެ ބަދަހިވެފައެވެ. ޗައިނާއަކީ މި ހަނގުރާމައިގެ ސަބަބުން ރަޝިޔާއާ ދެކޮޅަށް ފާޑުނުކިޔާ އަދި ރަޝިޔާ ކުށްވެރިނުކުރާ ބޮޑެތި ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ބާރެވެ.

ޗައިނާގެ ޚާރިޖިއްޔާއިން ބުނާގޮތުގައި ޗައިނާގެ ޚާރިޖީ ވަޒީރު ރަޝިޔާއަށް މި ވަޑައިގަންނަވަނީ ރަޝިޔާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އަމީން ޢާންމު ނިކޮލައި ޕެޓްރޯޝޭވްގެ ދަޢުވަތަކަށެވެ. ޗައިނާގެ ވަޒީރު ރަޝިޔާއަށް ވަޑައިގަންނަވަނީ މިމަހު 18 އިން 21 އަށް ބޭއްވޭ އިސްތިރާޖީ ސަލާމަތާ ބެހޭ 18ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓަކައެވެ.

ރަޝިޔާއިން ބުނާގޮތުގައި މި ދަތުރުފުޅުގައި ވަޒީރު ވާންގް ރޫސީ ޚާރިޖީ ވަޒީރު ލެވްރޯވާ ބައްދަލު ކުރައްވާނެއެވެ. އެއީ ބައިނަލް އަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމަށް ޓަކައ މަޝްވަރާތައް ކުރެއްވުމަށެވެ.

ރޫސީ ޚާރިޖިއްޔާއިން ބުނާ ދެ ވަޒީރުން ޔުކްރޭންގެ މަސްއަލައާއި އޭޝިޔާއާއި ޕެސިފިކް ކަނޑުގެ އަމްނާއި ހަމަޖެހުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ.

މި ހުސްވި މަހު ޗައިނާގެ ދިފާޢީ ވަޒީރު ލީ ޝާންގް ވޫ ރަޝިޔާއަށާއި ބިލަރޫސަށް ވަޑައިގެންނެވިއެވެ. އޭނާ ޢަސްކަރީ މައިދާނުގައި ގުޅުންތައް ބަދަހިކުރުމަށް އެ ދެ ޤައުމަށް ގޮވައިލެއްވިއެވެ. ވޭތުވެ ދިޔަ ދެތިންހަތަރު މަހުގެ ތެރޭގައި ރަޝިޔާއާއި ޗައިނާ ގުޅިގެން ވަނީ ވަޔާއި ކަނޑުގެ ޢަސްކަރީ ތަމްރީނުތައް ބާއްވައިފައެވެ. މިކަމާ ވިދިގެން ދެކުނު ކޮރެޔާއިން ރައްކައުތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް އެމެރިކާއާ ޖަޕާނާއެކު ތަމްރީނުތައް ވެސް ބާއްވައިފައެވެ.

ރިޕޯޓަރުން ލަފާކުރާގޮތުގައި ރޫސީ ރައީސް ޕޫޓިން މި އަންނަ މަހު ޗައިނާއަށް ދަތުރުފުޅެއް ކުރައްވާނެއެވެ. މި ހުސްވި މާރިޗް މަހު ޗައިނާގެ ރައީސް ޝީ ވަނީ ރަޝިޔާއަށް ދަތުރުފެޅެއް ކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *