Support Us

މިދިޔަ ފެބްރުވަރީ މަހު ތުރްކީގެ ދެކުނަށް އައި ބާރުގަދަ ޒަލްޒަލާގެ ތެރެއިން...

2023: ޤުދްރަތީ ކާރިސާތަކުގެ ރެކޯޑު މުގުރައިލައިފި

ދިރާސާތަކާއި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރަކީ ދުނިޔޭގެ އާބާދީތައް މޫސުމުގެ ޝިކާރައަކަށްވެ ޤުދްރަތީ ކާރިސާތައް އިތުރުވެފައިވާ އަހަރެކެވެ. ޖައްވު ހޫނުވުން މައްޗަށް ދިޔުމުގެ ސަބަބުން ދުނިޔެއަށް ބިރުވެރި ޙާދިސާތަކަކާއި ކާރިސާތަކެއް ކުރިމަތިވި އަހަރެކެވެ. މޫސުމަށް އަންނަމުންދާ ބިރުވެރި ބަދަލުތަކުގެ ސަބަބުން ދުނިޔެ ދެކެފައިވާ ބިރުވެރި ބިންހެލުންތަކާއި ވިއްސާރައިގެ ސަބަބުން އައި ސައިލްތަކާއި ބޮޑެތި ޖަންގަލިތަކުގައި ރޯވެ އެނދުމާއި ފިތްކަނޑައިގެންދާވަރުގެ މާސިންގާ ޠޫފާނުތަކެއް މި ބިމަށް އައިސްފައި ވެއެވެ.  

ތުރްކީއަށާއި ސޫރިޔާއަށް ބާރުގަދަ ޒަލްޒަލާތަކެއް އައިސްފައިވާއިރު އިންޑިޔާއަށާއި ޕާކިސްތާނަށާއި ޗައިނާއަށާއި ޖަޕާނަށާއި ލީބިޔާއަށް ވަނީ ވެހުނު ވާރޭގެ ސަބަބުން ފެންބޮޑުވެ ސައިލް ފައެވެ. އެމެރިކާއާއި ޔޫރަޕާއި ކެނެޑާގެ ޖަންގަލިތަކުގައި ވަނީ ގަދަޔަށް އަލިފާން ރޯވެފައެވެ. މީގެ ކުރިން ދުވަހަކު ވެސް ނާންނަ ފަދަ ބޮޑެތި ޠޫފާންތައް އިރުމަތީ އެފްރިކާއަށާއި ނިވްޒީލެންޑަށާއި ބްރެޒީލަށް ވަނީ އައިސްފައެވެ.

މި އަހަރުގެ ހޫނު މޫސުމަކީ އާދަޔާ ޚިލާފަށް ހޫނުކަން ގަދަ ރެކޯޑު އަހަރެކެވެ. މެދުއިރުމައްޗާއި ޔޫރަޕްގައި ވެސް ވަނީ ހޫނުކަމުގެ ދަރަޖަ ހީނުކުރާ ފަދަ މިންވަރަކަށް މައްޗަށް ގޮސްފައެވެ. އެހެނަސް ދިރާސާތައް ބުނާގޮތުގައި ސައެންސީން ލަފާކޮށްފައިވާ ވަރަށް ހޫނުކަން އަދި މައްޗަކަށް ނުދެއެވެ.

ޕާކިސްތާނުގައި ފެންބޮޑުވުމުގެ ހާދިސާގެ ތެރެއިން…

ދިރާސާކުރައްވާ ބޭފުޅުން އިންޒާރު ކުރައްވައިފައިވާ ގޮތުގައި މި އަހަރުގެ ހޫނު މޫސުމުގައި ހޫނުކަން ހީނުކުރާ މިންވަރަށް މައްޗަށް ދާނެއެވެ. މި ކަމުގެ ސަބަބުން ހޫނު ވައިރޯޅިތަކާއި ބާރުގަދަ ކުއްލި ޠޫފާނުތައް ކުރިމަތިވާނެއެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި އެއީ ދުނިޔޭގެ މޫސުމުގެ ނިޒާމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ހިނގައިނޭ ކަންތައްތަކެކެވެ.

މޫސުމަށް އަންނަމުންދާ ހައްދުފަހަނަޅައިފައިވާ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެ ސައިލް ހެދުނުއިރު އަނެއްބައި ސަރަޙައްދުތައް ވަނީ ވާރޭ ނުވެހުމުގެ ހަނަފަސްވެ، ސަޙަރާވެފައެވެ. އަނެއްބައި ސަރަޙައްދުތަކުގެ ޖަންގަލިތައް ވަނީ ރޯވެ އަނދައިފައެވެ.

ހުސްވި ޖުލައިގައި އިންޑިއާގައި ފެންބޮޑުވުމުގެ ހާދިސާގެ ތެރެއިން…

އިންޑިޔާއާއި ޕާކިސްތާނާއި ގްރީސާއި މެޑިޓެރޭނިއަން ސަރަޙައްދުގެ އިރުމަތީ ބިތުގައި ހޫނުކަން ހިސާބަށްވުރެ ބޮޑަށް މައްޗަށް ދިޔުމާއެކު ވާރޭވެހުން ވަނީ އިތުރުވެފައެވެ.

ދިރާސާތައް ބުނާގޮތުގައި ދުނިޔޭގެ ޖައްވީ ފަށަލައިގެ ހޫނުކަމަށް އިތުރުވާ ކޮންމެ ދަރަޖައެއްގެ ސަބަބުން ޖައްވުގެ ފެނުގެ އާވީގެ މިންވަރު 1% އާއި 7% އާ ދެމެދުގެ މިންވަރަކަށް އިތުރުވެގެންދާނެއެވެ. ސައެންސީން ވިދާޅުވާ ގޮތުގައި ވާރޭވެހުން ގިނަވަނީ މޫސުމަށް އަންނަ ބަދަލުތަކުން އެކަންޏެއް ނޫނެވެ. މީގެ އިތުރަށް މި ކަމަށް ވާގިވެރިވާ އެތައް އެހެން ބަހާތަކެއް ވެއެވެ. އޭގެތެރޭގައި ދަނޑުވެރިކަން ކުރުމަށް ޓަކައި ބިން ބޭނުންކުރާ ގޮތްވެސް ވެއެވެ.

ބައިނަލްއަޤްވާމީ އިދާރާތައް ބުނާގޮތުގައި ޖައްވު ހޫނުވެ ވާރޭވެހުން ގިނަވުމުގެ ބަހާތަކުގެ ތެރޭގައި އިންސާނުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު އައުން ވެސް ވެއެވެ. ދުނިޔޭގެ ހޫނުކަން އިތުރިވަރަކަށް ވާރޭވެހުން އިތުރުވާނެއެވެ. ޤުދްރަތީ ކާރިސާތައް ހިނގުން ގިނަވާނެއެވެ.

މަޣްރިބަށް އައި ބިންހެލުމުގެ ތެރެއިން…

މަޣްރިބަށް އައި ރެކްޓަރ މިންގަނޑުގެ ބާރުމިނުގެ ހަތް ދަރަޖައިގެ ބިންހެލުމުގެ ސަބަބުން 3،000 މީހުން ވަނީ މަރުވެފައެވެ. އިތުރު 5،500 މީހުން ވަނީ ޒަޚަމުވެފައެވެ. މިއީ 1960ގެ ފަހުން އެ ޤައުމަށް އައި އެންމެ ބާރުގަދަ ޒަލްޒަލާއެވެ. މި ބިންހެލުމުގެ ސަބަބުން ފަރުބަދަ މަތީގެ އެތައް ރަށްތަކެއް ހަލާކުވެގެން ދިޔައެވެ. އަދި 50 ހާސް ގޭގެ ބައެއް ނުވަތަ ބޮޑު ބައެއް ވެއްޓި ހަލާކުވެގެން ދިޔައެވެ.

މި ދިޔަ ފެބްރުވަރީ މަހު ތުރްކީގެ ދެކުނަށާއި ސޫރިޔާގެ އުތުރަށް އައި ބާރުގަދަ ޒަލްޒަލާގައި 50 ހާސް މީހުން މަރުވެފައި ވެއެވެ. އަދި 25 މިލިއަން މީހުންނަށް ގެއްލުން ލިބުނެވެ. ތުރްކީގެ ހަތް ސްޓޭޓެއް އަލުން ބިނާކުރަން ވަނީ ޖެހިފައެވެ.

ލީބިޔާއަށް އައި ޑާނިޔާލް ޠޫފާނުގެ ތެރެއިން…

ލީބިޔާއަށް އައި ޑާނިޔާލް ޠޫފާނުގެ ސަބަބުން ލީބިޔާގެ އިރުއުތުރުގެ އަލްޖަބަލުލް އަޚްޟަރު ސަރަޙައްދުގެ އެތައް ރަށްތަކަކާއި ސަހަރުތަކެއް ވަނީ ހަލާކުވެފައެވެ. މިޠޫފާނުގައި ލީބިޔާގެ ބެނަޣާޒީއަށާއި މަރަޖަށާއި ބައިޟާއަށާއި ސޫސާއަށާއި ދަރްނާއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ލީބިޔާއިން ބުނާގޮތުގައި ދަރްނާ ސަހަރުން އެކަނިވެސް 20 ހާސް މީހުން ވަނީ މަރުވެފައެވެ. ވެހުނު ބޯ ވާރޭގެ ސަބަބުން ކަނޑަކަނޑައިގެން ގޮސް އެ ރަށުގެ ބައެއް ވަނީ ކަނޑަށް ގޮސްފައެވެ. ހިޖްރަކުރުމާ ބެހޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ބުނާގޮތުގައި ލީބިޔާއަށް މިއައި ޠޫފާނުގެ ސަބަބުން 885 ހާސް މީހުންނަށް ގެއްލުން ލިބިފައެވެ.

ޗައިނާގައި ފެންބޮޑުވުމުގެ ހާދިސާގެ ތެރެއިން…

އޭޝިޔާގައި ފެންބޮޑުވުން

މި ދިޔަ އޮގަސްޓްމަހު ހަތް ވަނަ ދުވަހު ޗައިނާއަށް ވަނީ އާދަޔާޚިލާފަށް ބޯކޮށް ވާރޭވެހިފައެވެ. ޗައިނާ ބުނާގޮތުގައި ވެހުނު ވާރޭގެ މިންވަރު ވަނީ 745 މިލިމީޓަރަށް އިތުރުވެފައެވެ. މިއީ ޗައިނާއިން މޫސުމާބެހޭ މަޢުލޫމާތުތައް 1883 ގައި ފުރޭފުކޮށް ބަލަހައްޓަން ފެށިފަހުން އެންމެ ގިނައިން ވާރޭވެހުނު ދުވަހެވެ. ފެންބޮޑުވުމުގެ ސަބަބުން 33 މީހުން މަރުވެ 18 މީހުން ގެއްލުނެވެ. އަދި 200 ހާސް ގެ ވެއްޓުނެވެ. ވިދިގެން އައި ހަފުތާގައި ޗައިނާގެ ޝިންޖިޔަންގ ސަރަޙައްދުގައި ހޫނުކަން ވަނީ 52.5 ދަރަޖައަށް މައްޗަށް ގޮސްފައެވެ. މިއީ ރެކޯޑެކެވެ.

މި އަހަރުގެ މެދުތެރޭގައި އޭޝިޔާ ބަރޫދަށް ވަނީ މޫސުމާ ގުޅޭ އެތައް ކާރިސާތަކެއް އައިސްފައެވެ. ފާހަގަކޮށްލެވޭ އެއް ކަމަކީ މި ދިޔަ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހު އަފްޣަނިސްތާނުގެ ބައެއް ރަށްރަށުގައި ފިނިކަން ގަދަވެ ނައްސި 33 ދަރަޖައަށް ދަށަށް ދިޔުމެވެ. އެ ކަމުގެ ސަބަބުން 160 މީހުން މަރުވިއެވެ. މި އަހަރުގެ މޭ މަހު މުޔަންމާރަށް އައި މޮކާ ޠޫފާނުގެ ސަބަބުން 500 މީހުން މަރުވެ 1.5 ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނެވެ.

މި ދިޔަ ޖޫންމަހު އިންޑިޔާއަށް އައި ޠޫފާނުގެ ސަބަބުން 12 މީހުން މަރުވިއެވެ. ހަމަ އެ މަހު އިންޑިޔާއަށް އައި ހޫނު ވައިގެ ސަބަބުން 170 މީހުން މަރުވެ އެތައް ސަރަޙައްދުތަކަކުން ކަރަންޓުގެ ޚިދްމަތް ކެނޑިގެން ގޮސްފައި ވެއެވެ.

ބްރެޒިލްގައި ފެންބޮޑުވުމުގެ ހާދިސާގެ ތެރެއިން…

ދުނިޔޭގެ ދެކުނުގެ ޤައުމުތައް

މޫސުމުގެ ހިރާސްތަކުން ވޭނާއި ކެކުޅުންތައް ތަޙައްމުލު ކުރަން ޖެހުނީ ހަމައެކަނި ދުނިޔޭގެ އުތުރު ފަޅިއަކަށް ނޫނެވެ. އޭގެ ނުބައި އަސަރު ދުނިޔޭގެ ދެކުނު ފަޅިއަށް ކޮށްފައި ވެއެވެ. މި ދިޔަ އޮގަސްޓް މަހު ބްރެޒިލްގައި ފިނި މޫސުމުގައި ކޮބާޔާ ސަހަރުގައި ވަނީ ހޫނުކަން 41.8 ދަރަޖައަށް މައްޗަށް ގޮސްފައެވެ. ރިޔޯގައި ހޫނުކަން ގަދަވެގެން ގިނަ ބަޔަކު ވަނީ އަތިރިމައްޗަށް ގޮސް މޫދަށް އެރި ފިނިކަން ހޯދައިފައެވެ. ބްރެޒީލްގެ ރިޔޯ ގްރޭންޑީއަށް ސެޕްޓެންބަރު ހައެއްގައި ބޯކޮށް ވާރޭވެހުމާއި ވައިގަދަވުމުގެ ސަބަބުން 27 މީހަކު މަރުވިއެވެ.

ޗިލީގައި މި ދިޔަ ފެބްރުވަރީ މަހު ޖަންގަލީގައި ރޯވުމުގެ ސަބަބުން 24 މީހަކު މަރުވެ ދެ ހާހެއްހާ މީހުންނަށް ވަނީ ގެއްލުން ލިބިފައެވެ. މި އަލިފާނުގެ ސަބަބުން ޗިލީގެ ބިޔަ ޖަންގަލިން ތިން މިލިޔަން އަކަ ކީލޯމީޓަރުގެ ސަރަޙައްދެއް ވަނީ އަނދައިފައެވެ.

ޗިލީގައި މިދިޔަ ފެބްރުވަރީ މަހު ޖަންގަލީގައި ރޯވުމުގެ ތެރެއިން…

ފެބްރުވަރީ ހަތަރަކާއި 15 މާރިޗާ ދެމެދުގައި އިންޑިޔާ ކަނޑުގެ ދެކުނަށް އައި ފްރެޑީ ޠޫފާނުގެ ސަބަބުން އެފްރިކާގެ އިރުމަތީ ޤައުމުތަކުގައި ފެން ބޮޑުވެ މާއްދީ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މި ޠޫފާނުގެ ސަބަބުން މަލާވީއަށާއި މޮޒަންބީގަށާއި ޒިމްބާބުވީއަށާއި މޮރިޝަޝްއިން 1،434 މީހުން މަރުވިއެވެ.

ނިވްޒީލެންޑްގެ ނޯތު އައިލެންޑަށް އައި ޠޫފާނުގެ ތެރެއިން…

މި ހުސްވި ފެބްރުވަރީ މަހު ނިވްޒީލެންޑްގެ ނޯތު އައިލެންޑަށް އައި ޠޫފާނުގެ ސަބަބުން އެ ޤައުމަށް ވަނީ 8.4 ބިލިޔަން ޑޮލަރުގެ ގެއްލުން ލިބިފައެވެ.

ތިމާވެށްޓަށް އަޅައިލާށެވެ! ރައްކައުތެރިކަން ލިބޭނީ އޭރުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ތިމާވެށި ސަލާމަތް ކުރިޔަސް ސަލާމަތެއް ނުވާނެ ސަލާމަތް ވާނީ މަތިވެރި ﷲ ގެ ސަލާމަތް ތެރިކަމުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *