ޔަހޫދީންގެ އައު އަހަރު ފާހަގަކުރުމަށް ޓަކައި ހަރުކަށި ޔަހޫދީންނާއި ވަޒަންވެރި ކުރުވައިފައިވާ ޔަހޫދީންގެ އެތައް ބަޔަކު މިއަދު ހެނދުނު އަޤްޞާ މިސްކަތަށް ވަދެގަނެ އެތާނގެ ޙުރްމަތް ކަނޑައިފިއެވެ. މިއަދަކީ މި ޢީދުގެ ދެވަނަ ދުވަހެވެ.
ޖަޒީރާގެ ރިޕޯޓަރު ބުނާގޮތުގައި އިސްރާއީލު ފުލުހުން މި މިސްކަތަށް އަރައި އެތާނގައި އަޅުކަންކުރަން ތިބި ފަލަސްޠީނު އެތައް ބަޔަކު ގަދަކަމުން ބޭރަށް ލިޔެވެ. އެއީ ޔަހޫދީން އެ މިސްކިތަށް އެރުމަށް ޓަކައެވެ. ޖަޒީރާ ބުނާގޮތުގައި ފަލަސްޠީނު މީހުންނަށް މިއަދު ވަނީ އެ މިސްކިތަށް އެރުން މަނާކޮށްފައެވެ.
އަޤްޞާ މިސްކިތް ބަލަހައްޓާ އުރްދުންގެ އައުޤާފު އިދާރާ ބުނާގޮތުގައި އިސްރާއީލު ފުލުހުން މި މިސްކިތަށް ވަދެ ފަލަސްޠީނުގެ އަށް ޒުވާނަކު މިސްކިތުން ބޭރަށް ލިޔެވެ.
ޙަމާސުން ކުށްވެރިކޮށްފި
އިސްރާއީލު ހައްދުފަހަނަޅައި މީހުން އަޤްޞާ މިސްކިތަށް މިއަދު ގަދަކަމުން ވަނުމުން ޙަމާސް ޖަމާޢަތުން އެ ކަން ކުށްވެރިކުރިއެވެ. ޙަމާސް ޖަމާޢަތުގެ ފަރާތުން ޤުދުސްގައި ހުންނަވާ ތަރްޖަމާން މުޙައްމަދު ޙައްމާދާ ވިދާޅުވިއެވެ. "އަޤްޞާ މިސްކިތް ޙިމާޔަތް ކުރުމަށް ފަލަސްޠީނުގެ ހުރިހާ ރައްޔިތުން ތިބީ އެކަތިގަނޑަކަށް ވެގެންނެވެ." އޭނާ ވިދާޅުވިގޮތުގައި އެއީ އިސްރާއީލިގެ ޢުދްވާނީ ޙަމަލާއެކެވެ. އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުގެ ޢުދްވާނުތައް ހުއްޓުވަން ފަލަސްޠީނުގެ ހަނގުރާމަވެރިން ޖިހާދު ކުރިއަށް ގެންދާނެއެވެ.
ޔަހޫދީންގެ ޢީދުތައް ފާހަގަ ކުރާއިރު ޔަހޫދީންނަށް ޙިމާޔަތް ދިނުމަށޭ ކިޔައިފައި ޤުދްސުގެ ޤަދީމީ ސަހަރަށް އިސްރާއީލު ސިފައިންނާއި ފުލުހުން ވަނީ ވަރަށް ބޮޑަށް ފެތުރިގެންފައެވެ. އިސްރާއީލުގެ އައު އަހަރު ފެށުނީ ހުކުރު ދުވަހުއެވެ. މި ޢީދު ނިމޭނީ މިއަދުއެވެ. މިޢީދު ފާހަގަކުރަންވެގެން ހުކުރު ވިލޭރޭ އަޤްޞާ މިސްކިތުގެ ބުރާޤު ފާރު ކައިރިއަށް އެތައް ހާސް ޔަހޫދީންނެއް ގޮސް މަޖާކޮށް ހެދިއެވެ.
މި މަހުގެ 24 ވަނަ ދުވަހަކީ އެމީހުންގެ ކައިބޫރު ޢީދު ދުވަހެވެ. އަދި 29 ސެޕްޓެންބަރުގައި "ސުކޫތު" ޢީދު އަންނާނެއެވެ. މި ޢީދު ސެޕްޓެންބަރު ނިމެންދެން ކުރިއަށް ދާނެއެވެ. މީގެ އިތުރަށް އޮކްޓޯބަރު ހައެއްގައި ތައުރާތު ބާވައިލެއްވުމުގެ ޢީދު އަންނާނެއެވެ.