ރޫސީ ރައީސް ވްލެޑިމީރު ޕޫޓިން އުތުރު ކޮރެޔާގެ ޒަޢީމް ކިމް ޖޮންގ އުންއާ ބައްދަލުކުރެއްވުމުން އެކަމާ ދެކޮޅަށް އެމެރިކާއިން ކިޔަމުންދާ ފާޑުކިޔުންތަކަކީ "ނިފާޤުކަމެއް" ކަމަށް ރަޝިޔާއިން މިއަދު ބުނެފިއެވެ.
މި މޭރުމުން ވާހަކަދައްކަމުން ރަޝިޔާއިން ބުންޏެވެ. "އެ ޤައުމުގެ އެކުވެރިންނަށް ހަތިޔާރު ދީ ދުނިޔޭގައި ގަޑުބަޑުތައް ފަތުރާ ބަޔަކީ އެމެރިކާކަން އެންމެން ދަނެއެވެ."
އެމެރިކާގައި ހުންނަވާ ރޫސީ ސަފީރު އެނަޓޮލީ އެންޓަނޯވް ނެރުއްވި ބަޔާނެއްގައި އައިސްފައި ވެއެވެ. "އަހުރެމެން އުޅެންވީ ގޮތް ކިޔައިދިނުމަށް ޓަކައި އަހުރެމެންނަށް ދަރުސްދިނުމުގެ ޙައްޤު އެމެރިކާއަށް ލިބިގެންނުވެއެވެ."
އުތުރު ކޮރެޔާއިން ރަޝިޔާއަށް ހަތިޔާރު ދީފައިވާ ކަމުގެ އެއްވެސް ހެތްކެއް އެމެރިކާއަށް ދެއްކިފައިނުވާ އިރުގައި ވެސް އެމެރިކާ ތުހްމަތު ކުރާގޮތުގައި އުތުރު ކޮރެޔާއިން ދަނީ ރަޝިޔާއަށް ހަތިޔާރު ދެމުންނެވެ.
ރޫސީ ސަފީރު ވިދާޅުވިގޮތުގައި "އެމެރިކާއިން ދަނީ އޭޝިޔާގައި ބައިވެރިންތައް އިތުރުކޮށް އުތުރު ކޮރެޔާ ކައިރީގައި ޢަސްކަރީ ތަމްރީނުތައް ބޭއްވުން އިތުރުކުރަމުންނެވެ. އެމެރިކާއިން ދަނީ ޔުކްރޭނަށް އެތައް ބިލިއަން ޑޮލަރުތަކެއް ހަތިޔާރުތައް ދެމުންނެވެ."
ރޫސީ ސަފީރު އެންޓަނޯވް ވިދާޅުވިއެވެ. "އެމެރިކާއަށް ބޯނުލަނބާ ދުނިޔޭގެ ޤައުމުތަކަށް ދަތިކުރުމަށް ޓަކައި އެމެރިކާއިން އަޅަމުންދާ އިޤްތިޞާދީ ޢުޤޫބާތްތައް ކުނިގޮނޑަށް އެއްލާލާންވީ ދުވަސް އަތުވެއްޖެއެވެ."