ސިޔާސީ ކުށްވެރީން ދޫކޮށްލުން ޝަރްޠުކޮށް އެމެރިކާއިން މިޞްރަށް ދޭ އެހީގެ ތެރެއިން 85 މިލިއަން ޑޮލަރަށް ހުރަސްއެޅުމަށް އެމެރިކާ ސަރުކާރުން ނިންމައިފިއެވެ.
އެމެރިކާގެ ވޯލް ސްޓްރީޓް ޖަރނަލް ނޫސް ބުނާގޮތުގައި މި އެހީއަށް ހުރަސްއެޅުމަށް ނިންމީ އިންސާނީ ޙައްޤުތަކާއި އެހެނިހެން ބައެއް މަސްއަލަތަކުގައި މިޞްރުން އެމެރިކާއިން އިޖާބަ ނުދޭތީއެވެ.
މި ނޫސްބުނާގޮތުގައި މި 85 މިލިޔަނުގެ ތެރެއިން 55 މިލިއަން ދޭނީ ތައިވާނަށެވެ. އަނެއް 30 މިލިއަން ދޭނީ ލުބްނާނަށެވެ.
އެމެރިކާގެ ބައެއް މަސްއޫލުވެރީން ވިދާޅުވާގޮތުގައި އެމެރިކާއިން މިޞްރަށް ޝަރްޠުކޮށް ދޭ އެހީގެ ތެރެއިން 235 މިލިއަން ޑޮލަރަށް ހުރަސްއެޅުމަށް އެމެރިކާގެ ކޮންގްރެސްގައި ބައެއް މެންބަރުން މަސައްކަތްކުރައްވަމުން އެބަގެންދަވައެވެ.
ރޮއެޓަރޒް ބުނާގޮތުގައި ޑިމޮކްރެޓިކް ސެނެޓަރެއް ކަމުގައިވާ ކްރިސް މަރފީ މަސައްކަތް ކުރައްވަމުން ގެންދަވަނީ 235 މިލިއަން ޑޮލަރު މިޞްރަށް ނުދިނުމަށް ރައީސް ބައިޑްނަށް ދަންނަވަމުންނެވެ.
މިޞްރާއި އިސްރާއީލާ ދެމެދުގައި 1979 ގައި ޞުލްޙަ ޤާއިމުކުރުމަށް އެއްބަސްވި އެއްބަސްވުމާ ވިދިގެން އެމެރިކާއިން މިޞްރަށް އަހަރަކު 1.3 ބިލިއަން ޑޮލަރު ދެމުންދާތާ އެތައް ދަހަރުތަކެއް ވެއްޖެއެވެ.
ވޯލް ސްޓްރީޓް ޖަރނަލް ބުނާގޮތުގައި އެމެރިކާގެ އިސްވާރުން ޔުކްރޭނަށް ހަތިޔާރު ދިނުމަށް މިޞްރުގެ ކިބައިން އެދިވަޑައިގަތުމުން ޤާހިރާއިން ވަނީ އެކަމަށް އިޖާބަނުދީފައެވެ.



advertisment