Support Us

ޠޫފާނުގެ ސަބަބުން ދަރްނާގެ ދެ ޑޭމެއް ފަޅައިގެންދިޔަ މަސްއަލަ ތަޙްޤީޤުކުރަން އަންގައިފި

ލީބިޔާއަށް އައި ޑާނިޔާލް ޠޫފާނުގެ ސަބަބުން ލީބިޔާގެ ދަރްނާގެ ދެ ޑޭމެއް ފަޅައިގެންގޮސް ހަލާކުވި މަސްއަލަ ތަޙްޤީޤުކޮށް ބެލުމަށް ލީބިޔާގެ ރިޔާސީ މަޖިލީހުގެ ރައީސް މުޙައްމަދުލް މަންފީ އާއި ލީބިޔާގެ އެއްބައިވަންތަކުގެ ސަރުކާރުގެ ވެރިޔާ މުޙައްމަދުއް ދުބައިބާ އަމުރުކުރައްވައިފިއެވެ.

އެ ދެ ބޭފުޅުން ވަކިވަކިން ރޭ ނެރުއްވި އަމުރުގައި މި ކާރިސާތައް ބަލައި އިހްމާލުވެފައިވާ ފަރާތްތައް ހޯދައި އަދަބުދިނުމަށް ގޮވައިލައްވައިފައި ވެއެވެ. ލީބިޔާގެ ސަރުކާރުގެ ރައީސް ދުބައިބާ އޭނާގެ އެކްސް ޞަފްޙާގައި ވިދާޅުވެފައިވާ ގޮތުގައި އޭނާ މިހާރު ވާނީ އެ މަސްއަލަ ބަލައި ތަޙްޤީޤުކޮށް އެ ކަމުގައި އިހްމާލުވެފައިވާ ފަރާތްތައް ޝަރީޢަތަށް ހުށައެޅުމަށް ޕުރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް އަންގަވައިފައެވެ.

އަނެއްކޮޅުން ދަރްނާ ސަހަރުގެ މޭޔަރ ޢަބްދުލް މުންޢިމުލް ޣައިޘީ ހާމަކުރެއްވި ގޮތުގައި ފެންބޮޑުވުމުގެ ކާރިސާގެ ސަބަބުން ދަރްނާ ސަހަރުން މަރުވި މީހުންގެ ޢަދަދު ވިއްސަކަށް ހާހަށް އިތުރުވެއްޖެއެވެ.

ދަރްނާއިން މީހުން ބޭލުން

ލީބިޔާގެ ދާޚީލީ ވުޒާރާ ރޭ ހާމަކުރިގޮތުގައި ސިފައިން މިހާރު ދަނީ ދަރްނާއިން މީހުން ބާލައި އެ ސަހަރު ހުސްކުރަމުންނެވެ. އެއީ ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އަވަހަށް ބާރަށް ކުރިއަށް ގެންދިޔުމަށް ޓަކައެވެ.

ޑާނިޔާލް ޠޫފާނު

މެޑިޓެރޭނިއަން ކަނޑުން އެރި ޑާނިޔާލް ޠޫފާނު ލީބިޔާގެ އިރުމަތީ ސަރަޙައްދުތަކަށް އެރީ އާދީއްތަ ދުވަހުއެވެ. މި ޠޫފާނުގެ ސަބަބުން އެންމެ ބޮޑަށް ގެލުން ލިބުނީ ބެނެޣާޒީއަށާއި ބައިޟާއަށާއި މަރަޖަށާއި ސޫސާއަށާއި ދަރްނާއަށެވެ. ދަރްނާނޫން ސަހަރުތަކުން މަރުވި މީހުންގެ ޢަދަދަކީ ހަ ހާސްކަމަށް ލީބިޔާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ރޭ ބުންޏެވެ. މީގެ އިތުރަށް އެތައް ހާސް ބަޔަކު ވަނީ ގެއްލިފައެވެ.

12 ޤައުމަކުން އެހީ

ލީބިޔާ ސަރުކާރުން ބުނާގޮތުގައި 12 ޤައުމަކުން ލީބިޔާއަށް ތަފާތު އެހީތައް ފޮނުވަމުން އެބަ ދެއެވެ.އޭގެތެރޭގައި ތުރްކީއާއި މިޞްރާއި އުރްދުނާއި ކުވައިތާއި އިމާރާތާއި ޤަޠަރާއި ތޫނިސާއި ޖަޒާއިރާއި މޯލްޓާއާއި އިޓަލީއާއި ސްޕޭނާއި ފަރަންސޭސިވިލާތް ހިމެނެއެވެ.

މި ޤައުމުތަކުން ފޮނުވަމުންދާ އެހީގެތެރޭގައި ކާބޯތަކެއްޗާއި މައިދާނީ ހަސްފަތާލާއި ބޯހިޔާވަހިކަން ފޯރުކޮށްދޭ ފޭލިގެތަކާއި ޙާލުގައި ޖެހިފައިވާ މީހުން ހޯދުމަށް ބޭނުންކުރާ މަތިންދާބޯޓު ހިމެނެއެވެ. ލީބިޔާގެ ޚާރިޖިއްޔާ ބުނާގޮތުގައި ވޭތިވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 23 މަތިންދާބޯޓު ލީބިޔާއަށް އެހީ ހިފައިގެން އައިސްފައި ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *