ކޮންމެ އަހަރަކު ޖޫން މަހުގެ ފަސް ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަސް އަންނަ އަހަރު ފާހަގަކުރުމުގެ ރަސްމިއްޔާތު، ތިމާވެށްޓާ ބެހޭ އދގެ ޕްރޮގްރާމުން ސުޢޫދީ ޢަރަބިއްޔާއާ ޙަވާލުކޮށްފިއެވެ.
ސުޢޫދީ ޢަރަބިއްޔާގެ ތިމާވެށްޓާއި ފެނާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި އެ ދުވަސް ރަސްމީކޮށް ފާހަގަކުރުމުގެ މަސައްކަތް ސުޢޫދީ ޢަރަބިއްޔާއާ ޙަވާލުކުރީ، ޤައުމީ ފެންވަރާއި ސަރަޙައްދީ ފެންވަރާއި ބައިނަލް އަޤްވާމީ ފެންވަރުގައި ތިމާވެށި ޙިމާޔަތްކޮށް ރައްކައުތެރިކުރުމަށް ޓަކައި ނަގައިފައިވާ އިސްނެގުންތަކާއި އެކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް ސުޢޫދީ ޢަރަބިއްޔާއިން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
ސުޢޫދީ ޢަރަބިއްޔާގެ މި ވުޒާރާ ބުނާގޮތުގައި މި ކަމުގެ އިޙްތިފާލުތަކުގައި އަހައްމިއްތު ދޭނީ ފަސްގަނޑު ރަނގަޅުކުރުމަށާއި ހަނަފަސްކަން ނައްތައިލުމުގެ ޤާބިލުކަން އިތުރުކުރުމަށެވެ. މީގެ އިތުރަށް ދެމެހެއްޓެނިވި ކުރިމަގަކަށް ޓަކައި ޤުދްރަތީ މާޙައުލާއި ވާސަތައް ދެމެހެއްޓުމަށާއި ޙިމާޔަތްކުރުމަށް ރާވާ ސިޔާސަތުތަކާއި ހިންގާ އިޖްރާތުތައް ބައިނަލްއަޤްވާމީ ފެންވަރުގައި ވުނަކުރުމުގެ ބޭނުންތެރިކަމަށް ސުޢޫދީން އަލިއަޅުވައިލާނެއެވެ.
ސުޢޫދީ ޢަރަބިއްޔާއިން 2020ގައި ކަނޑާއި އެއްގަމުގެ ތިމާވެށީގެ ނިޒާމުތައް އިޢާދަކުރުމަށް ޓަކައި ޢަލަމީ ދެ އިސްނެގުމެއް ނަގައިފައި ވެއެވެ. އެއީ "މަރްޖާނީ މުރަކައާ ބެހޭ ދިރާސާތައް ކުރުން ބާރަށް ކުރިއަށް ގެންދިޔުމަށް ޓަކައި ބައިނަލްއަޤްވާމީ މަންސައެއް އުފެއްދުން" އާއި "ފަސްގަނޑު ހަލާކުވުމާއި ޖަންގަލީގެ ވާސަތައް ނެތި ފަނަވެދިޔުން ކޮންޓްރޯލްކުރުމާ ބެހޭ ޢާލަމީ އިސްނެގުން" އެވެ.
ތިމާވެށްޓާ ބެހޭ އދގެ ޕުރޮގުރާމުގެ ޑިރެކްޓަރ އިންގަރ އެންޑަރސަން ވިދާޅުވާ ގޮތުގައި ސުޢޫދީ ޢަރަބިއްޔާއަކީ ބިމުގެ ފަސްގަނޑު ރަނގަޅުކުރުމަށާއި ފަސްގަނޑު ހަނަފަސްވުމުން ސަލާމަތްކުރުމަށް ޓަކައި އެ ޕުރޮގުރާމާއެކު މަސައްކަތުގައި ބައިވެރިވާ ކުރުންތެރި ޢަމަލީ ޤައުމެކެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރަން ފެށީ 1973 ގައެވެ. މި ދުވަސް ފާހަގަކުރުމުގައި 150 އަށް ވުރެ ގިނަ ޤައުމު ބައިވެރިވެއެވެ. މި ދުވަސް ފާހަގަކުރަނީ ދެމެހެއްޓެނިވި ތަރައްޤީއަށް ޓަކައި ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރާ މަންސައެއް އޮތުން ބޭނުންތެރިކަމަކަށް ވާތީއެވެ.