Support Us

ސޫދާނުގެ އިންތިޤާލީ މަޖިލީހުގެ ރައީސް ތުރްކީއަށް

ސޫދާނުގެ އިންތިޤާލީ މަޖިލީހުގެ ރައީސް ޖެނެރަލް ޢަބްދުލް ފައްތާޙުލް ބުރްހާނު އެއް ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ތުރްކީއަށް ވަޑައިގަންނަވައިފިއެވެ.

މިއީ ޖެނެރަލް ބުރްހާން މި އަހަރު ބޭރަށް ކުރައްވާ ފަސްވަނަ ދަތުރުފުޅެވެ. މިއީ ވަރަށް ކުޑަ ވަގުތުކޮޅަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އޭނާ މަސައްކަތް ކުރައްވާނީ ތުރްކީން ޑްރޯން ހޯއްދެވުމަށެވެ. ސޫދާން ބުނާގޮތުގައި ތުރްކީގެ ޑްރޯންގެ ކުރުންތެރިކަމާއި ޤާބިލުކަން ވަނީ ޔުކްރޭން ހަނގުރާމައިގައި ފެނިފައެވެ.

ބުރްހާން ކުރިން ހާމަކުރައްވައިފައިވާ ގޮތުގައި ސޫދާނުގެ ސިފައިން އަތުގައި ޑްރޯން އެބަ ހުށްޓެވެ. އެހެނަސް އެއީ ކޮން ޤައުމަކުން ހޯދައިފައިވާ އެއްޗެއް ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ. ބައެއް މަޞްދަރުތައް ބުނާގޮތުގައި މިއީ ތުރްކީން ހޯދައިފައިވާ ޑްރޯންތަކެކެވެ. ސޫދާން ސިފައިން ބާޣީންނާ ދެކޮޅަށް ޑްރޯން ބޭނުންކުރަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ.

ސޫދާނުގެ ކުރީގެ އިންފޮރމޭޝަން ވަޒީރު ޙަސަން އިސްމާޢީލު ނޫސްތަކަށް ދެއްވި ބަޔާނެއް ބުނާގޮތުގައި ތުރްކީގެ ބައިރަޤްދާރު ޑްރޯން ސޫދާން ސިފައިން އެބަ ބޭނުންކުރެއެވެ. ބާޣީންނާ ދެކޮޅަށް ކުރެވޭ ހަނގުރާމަތަކުގައި މި ބާވަތުގެ ޑްރޯން ދަނީ ބޭނުން ކުރެވެމުންނެވެ. އެކަމުގެ ނަތީޖާ ވެސް ވަރަށް ރަނގަޅެވެ.

ކުޑަ ވަގުތުކޮޅެއްގެ ޒިޔާރަތެއް

ސޫދާނުން ބުނާގޮތުގައި އެއް ދުވަހުގެ މި ދަތުރުފުޅުގައި ރައީސް އުރްދުޣާނާއެކު ބުރުހާން މަޝްވަރާކުރައްވާނީ އެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތައް ބަދަހިކުރުމާ ބެހޭގޮތުންނާއި ދެ ޤައުމުގެ މަޞްލަޙަތު ނިޔާކުރާ ބައިނަލްއަޤްވާމީ މަސްއަލަތަކާމެދުއެވެ.

ސޫދާނުގެ ރައީސް އަންކަރާއަށް ވަޑައިގެންނެވީ މިއަދު މެންދުރުފަހު އެވެ. ވައިގެބަނދަރުން އޭނާ ސީދާ ވަޑައިގެންނެވީ ތުރްކީގެ ރައީސް އުރްދުޣާނާ ބައްދަލުކުރެއްވުމަށް ޓަކައި ރިޔާސީ ގަނޑުވަރަށެވެ. އޭނާ މެންދުރުގެ ޢަމަލީ ފަރީއްކޮޅެއްގައި ރައީސް އުރްދުޣާނާއެކު ބައިވެރިވެވަޑައިގަތެވެ.

މި ފަރިއްކޮޅަށް ފަހު ނޫސްވެރީންނާ ބައްދަލެއް ނުކުރައްވައެވެ. ރައީސް އުރްދުޣާނާ ބައްދަލުކުރެއްވުމަށްފަހު ތުރްކީން ފުރާވަޑައިގަތީއެވެ.

ސޫދާނުގެ ސިޔާދަތީ މަޖިލީހުން ހާމަކުރިގޮތުގައި ރައީސް ބުރްހާންގެ އަރިހުގައި ސޫދާނުގެ ޚާރިޖީ ވަޒީރު ޢަލިއް ޞާދިޤާއި ޖާސޫސީ އިދާރާގެ ޑިރެކްޓަރު ޖެނެރަލް އަޙްމަދު އިބްރާހީމު މުފައްޟަލާއި ދިފާޢީ ޞިނާޢަތާ ބެހޭ އިދާރާގެ ޑިރެކްޓަރ ޖެނެރަލް ، ޖެނެރަލް މިރްޣަނީ އިދްރީސް ސުލައިމާނު ވަޑައިގެންނެވިއެވެ.

ސޫދާނުގައި ސިފައިންނާ ދެކޮޅަށް ބަޣާވަތް ކުރަމުންދާ ބުރްހާނުގެ ކުރީގެ ނައިބު ޙަމީދަތީގެ ހަނގުރާމަވެރީންނާ ދެމެދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން 7،500 ޢާންމުން ވަނީ މަރުވެފައެވެ. މި ހަނގުރާމައިގެ ސަބަބުން ފަސް މިލިއަން މީހުން ވަނީ ރެފިޔުޖީންނަށް ވެފައެވެ. ޢާންމު ޚިދްމަތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *